އަތޮޅުތެރެއަށް އެންމެ ބޮޑަށް އަޅާލާ ސަރުކާރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރުކާރަށް 5 އަހަރު ދުވަސްތެރޭގައި ށ. ކަނޑިތީމަށް ކޮށްދެވުނީ ކޮންކަމެއްތޯ ސުވާލު އުފައްދަން ފަށައިފިއެވެ. އެރަށުގެ ބައެއް މީހުން ބުނާގޮތުގައި މިސަރުކާރުގެ ދައުރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، އަދި މިހާތަނަށް އެރަށުގައި ސިމެންތި ބާލިދީއެއްހާ ހަމަ ވެސް ގަށާލާފައި ނެތެވެ. އެންމެ ގަލެއްހާ ހަމަ ވެސް ރާނާލާފައި ނެތެވެ. އެހެން ނަމަވެސް ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި، ބޭރުގެ އިންތިޚާބުތަކުގައި ސަރުކާރުގެ ބޮޑެތި ބޭބޭފުޅުން ވަޑައިގެން ބޮޑެތި ވަޢުދުތައް ވެވަޑައިގަންނަވަތެވެ.
ކަނޑިތީމް އަކީ ނިސްބަތުން އަތޮޅުގައި އެންމެ އާބާދީ ބޮޑު އެއް ރަށެވެ. އަދި ށ. އަތޮޅުގައި އެންމެ ފުރަތަމަ އެމްޑީޕީ އާއި ޑިމޮކްރެޓިކް ޙަރަކާތްތައް ފެށިފައިވާ ރަށެވެ. އަދި ނިސްބަތުން ތަޢުލީމީ ޒުވާނުން އެންމެ ގިނަ އެއް ރަށެވެ. ވިޔަފާރި އާއި ދަތުރުފަތުރާއި، އިޤްތިޞާދީ އަދި ޢުމްރާނީ މަސައްކަތްތަކުގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ ރަށެއް ވެސް މެއެވެ. މީގެ އިތުރުން މިސަރުކާރުގެ ޒިންމާދާރު އިސްމަޤާމުތަކުގައި ރަށަށް އުފަން ބޭފުޅުން ގިނަ ރަށެކެވެ. އެގޮތުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިންގެ ގޮތުގަޔާއި، ވުޒާރާތަކުގެ ސިޔާސަތު ކަނޑައަޅުއްވާ ޑިރެކްޓަރުންގެ ގޮތުގައި ރަށުގެ ޤަދަރުވެރި ބޭބޭފުޅުން ތިއްބެވިކަން ވެސް ފާހަގަކުރެވެއެވެ. މި ޙަޤީޤަތްތަކާއި އެކު ވެސް ރަށަށް ތަރައްޤީގެ އެއްވެސް ކަމެއް ޙާޞިލްވެފައި ނެތުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމުގައި ދެކޭ މީހުން ގިނައެވެ.
އެރަށުގެ ބައެއް ހަރުދަނާ މީހުން ދެކޭގޮތުގައި މިއީ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި، މިކަމުގެ ޒިންމާ އެންމެ ބޮޑަށް އުފުއްލަވަންޖެހޭނީ މިވަގުތު ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލިސްގެ މެންބަރު ޢަބްދު ﷲ ޝަހީމުއެވެ. އަދި މިއީ އޭނާގެ ނާޤާބިލުކަމާއި މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް ހަރުދަނާކަމެއް ނެތުމުގެ ނަތީޖާކަމުގައި ދެކޭ މީހުން ވެސް ގިނައެވެ. އަދި އެރަށުގެ ގިނަ ބަޔަކު ދެކޭގޮތުގައި މިފަސް އަހަރަކީ ކަނޑިތީމަށް އެންމެ ދަށް ފަސް އަހަރުގެ ގޮތުގައި ތާރީޚްގައި ލިޔެވިގެންދާނެއެވެ. އެހެންކަމުން މިހާރުގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރަށް އިތުރު ދައުރެއް ދޭކަށް އެމީހުން އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ.