އެމްޑީއޭގެ ލީޑަރު އަދި ސަރުކާރު ކޯލިޝަން ޕާޓްނަރ އެމްޕީ އަޙްމަދު ސިޔާމް ސިންގައްޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ނާދެވިދާނެކަމުގެ ބިރުހީވެފައި ވަނިކޮށް އެނބުރި ޤައުމަށް ވަޑައިގަތުމުން އެޕާޓީގެ އިސްވެރިންނާއި ޢާންމު މެންބަރުން އުފާފާޅުކޮށް އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ. އެގޮތުން އެމަނިކުފާނަށް މަރްޙަބާ ދެންނެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ގިނަ ބަޔަކު ގޮސްފައި ވެއެވެ. ހިލްޓަނަށް 24 މިލިޔަން ޑޮލަރު ދެއްކުމަށް ސިންގައްޕޫރުގެ އާބިޓްރޭޝަން ކޯޓުން ކޮށްފައި އޮތް ޙުކުމާއި އެއްގޮތަށް ފައިސާ ނުދައްކަވާތީ ޙުކުމް ތަންފީޒުކޮށްދިނުމަށް ހިލްޓަން ކުންފުނިން ވަނީ މަތީ މަރްޙަލާ ކޯޓަށް ވެސް މައްސަލަ ހުށަހަޅާފައެވެ.
އެމައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި އޮއްވައި ސިންގައްޕޫރަށް ވަޑައިގަތުމުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައި ފުރާވަޑައިގަތުން މަނާކުރިކަމަށް ޚަބަރުތައް ފެތުރިފައި ވެއެވެ. އަދި ސަލާމަތްވެވެން އޮތް ހަމައެކަނިގޮތަކީ ކޯޓަށް ޙާޟިރުވެ ފައިސާދެއްކެވުމަށް އެއްބަސްވެވަޑައިގަތުން ކަމުގައި ވެސް ޚަބަރުތައް ފެތުރިފައި ވެއެެވެ. އަދި ހަމަ އެހެންމެ ދިވެހި ދަޢުލަތުން އެފައިސާ ޖުމްލަ 370 މިލިޔަން ރުފިޔާ ދައްކަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވުމުން އެމަނިކުފާނަށް ފުރާވަޑައިގަތުމުގެ ހުއްދަދެއްވީކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.
އެހެން ނަމަވެސް އެމަނިކުފާނު ރާއްޖެ ވަަޑައިގެން އެއާޕޯޓުގައި ހުންނަވާ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ސިންގައްޕޫރުގައި ހިނގާފައި ނުވާކަމަށެވެ. އަދި އެމަނިކުފާނު ސިންގައްޕޫރަށް ވަޑައިގަތީ ވެސް ސްޕްރީމް ކޯޓުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.