މިލައުތުރު

އެގްރޯނެޓުން ދަނޑުވެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ށ. ޅައިމަގުގައި ހިންގަވައިފި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި ، ށ.އަތޮޅު ކައުންސިލާއި، ޅައިމަގު ކައުންސިލާއި ގުޅިގެން 16 ޖުލައި އިން 20 ޖުލައި ގެ ނިޔަލަށް ށ. ޅައިމަގުގައި ކުރިއަށްގެންދިޔަ ދަނޑުވެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ. މިތަމްރީން ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނީގެ ފަންނީ ތަޖުރިބާކާރެއްކަމަށްވާ ޚާލިދުއެވެ. އެބޭފުޅާއަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ގިނަދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދަނޑުވެރިކަމާ ގުޅޭ ދާއިރާއިން ފޮތްތައް ލިޔުއްވާފައިވެއެވެ.

މިއީ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެދިލެއްވުމަށް އެގްރޯނެޓުން އެރަށުގައި ހިންގެވި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. ޕްރޮގްރާމްގެ ބައިވެރިން ދެކޭގޮތުގައި މިއީ ވަރަށް ވެސް ބޭނުންތެރި މުހިންމު މަޢުލޫމާތުތަކެއް ލިބުނު ކާމިޔާބު ޕްރޮގްރާމެކެވެ. ރައްކާތެރިގޮތުގައި ދަނޑުވެރިކަންކުރުމާއި، ޞިއްޙަތަށް ގެއްލުންވާފަދަ ބޭސްތައް ބޭނުންނުކޮށް ދަނޑުވެރިކަން ކުރުމާއި، ހައްދާ އެތިކޮޅަށް އެންމެ ރަގަޅު ނަފާ ލިބޭނެ ގޮތްތައް ދަސްވި ޕްރޮގްރާމެއް ކަމަށެވެ.

މިތަމްރީން ޙަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް އާއި އިސްވެރިންގެ އިތުރުން ރަށު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގަތެވެ. މިތަމްރީން ޕްރޮގްރާމް ފުރިހަމަކުރެއްވި ހުރިހާ ފަރާތްތަކަށް ވެސް އެކަމުގެ އަގު ވަޒަންކުރައްވައި ހަނދާލީ ލިޔުން ދީފައިވެއެވެ.