މިލައުތުރު

މިލަންދޫއަށް ވަޢުދުވީ ހޮސްޕިޓަލެއް ނޭޅުން، ރައްޔިތުން ހަޖޫޖަހަނީ

ށ. އަތޮޅުގައި އެންމެ ބޮޑު އާބާދީއެއް އޮންނަ އެއް ރަށްކަމަށްވާ މިލަންދޫގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަޅުއްވައިދެއްވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދިފައި ނެތުމުން އެރަށުގެ ރައްޔިތުން ސަރުކާރަށާއި މެންބަރު ޢަލީ ރިޒާއަށް ސޯޝަލް މީޑިޔާގައި ހަޖޫޖަހަން ފަށައިފިއެވެ. އެމަސައްކަތް ޙަވާލުކުރިކަމަށް ބުނެ މީގެ ކުރިން ޙަފުލާތައް ބާއްވާފައި ވީނަމަވެސް އަދި މިހާތަނަށް އެއްވެސް ޢަމަލީ މަސައްކަތެއް ކޮށްފައެއް ނުވެއެެވެ. އެހެންކަމުން މިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ރިޒާ އަކީ ފެންނެތް ބޮޑެތި ކާށި ބިންނަމީހެއްގެ ގޮތުގައި މީހުން ފާހަގަކުރަން ފަށައިފިއެވެ.

މިލަންދޫ ދާއިރާއަށް ވީ އަނެއް ބޮޑު ވަޢުފަކީ ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރުމުގެ ވަޢުދެވެ. އެކަން ވެސް ބިލާހަކަށްވެ ނިމިގެން ހިނގައްޖެއެވެ. މެންބަރު ރިޒާގެ ކެމްޕެއިންގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިންގައި ވެސް ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރައްވާނެކަމަށް ވަނީ ވަޢުދުވެފައެވެ. އަދި ވަޢުދުވެފައި ވަނީ ވެސް ވެރިކަމުގެ ފަސް އަހަރު ނިމުމުގެ ކުރިން ނިންވަމާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ކޮޅެއް މެދެއް ދެއްކިފައި ނެތުމުން ރައީސް ޞާލިޙު ހުންނެވީ މިލަންދޫއަށް ވަޑައިގަންނަވަން ވެސް ލަދުފުޅުންނެވެ.

އަދި އަނެއް ވަޢުދަކީ ދިވެހިންގެ ބެންކުގެ ގޮތްޕެއް މިލަންދޫގައި އަޅައިދެއްވުމެވެ. އެކަން ވެސް ކުރެވޭކަމެއް ނުކުރެވޭކަމެއް ވެސް ނޭނގި އޮއްސިއްޖެއެވެ. އަދި ބައެއް މީހުން ދެކޭގޮތުގައި މިދަޢުރުގައި ޢަލީ ރިޒާއަށް ކޮށްދެވުނުހާ ވެސް ކަމަކީ ސިކުނޑި ކުޅީގައި ފާލަމެއް ހެދުމާއި އަސްދޫނި ޖޯޑެއް ހަދިޔާކުރުން އެކަނިކަމަށެވެ. އޭގެ އިތުރުން ދެން ކުރިހާ ވެސް ކަމަކީ މަސައްކަތެއް ދަންނަ މީހެއް ހުރިއްޔާ އެކަމެއް ހުއްޓުވާފައި ފެނަކަ ކޯޕަރޭޝަނުން ވަޒީފާއެއް ދީގެން އަޅުވެތިކުރުން ކަމަށެވެ.

އަދި ވަޢުދުތައް ނުފުއްދޭތީ ވަރަށް ބޮޑަށް ހަޖޫޖަހަމުން މިލަންދޫ ފާއިޒް ފޭސްބުކްގައި ޙިއްސާކުރެއްވި ޕޮޓޯއެއްގައި ބުނެފައި ވަނީ ހޮސްޕިޓަލުގެ ތަނބެއް އަންނަނީކަމަށެވެ. އެރަށު ސޯޝަލް މީޑިޔާ އެކްޓިވިސްޓެއް ކަމަށްވާ ޢަލީ ޒުހޫރު ކެނޑިނޭޅި އެވަޢުދުތައް ހަނދާންކޮށްދެއްވަމުން ގެންދެއެވެ. އަދި ކައުންސިލް މެންބަރު އަޙްމަދު ޝިޔާމް ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި އެމްޕީ ރިޒާއަށާއި ސަރުކާރަށް ފާޑުކިޔަމުން ގެންދެއެވެ. އަދި އެމީހުން ދެކޭގޮތުގައި މިއީ ށ. މިލަންދޫއަށް ސުމެއް ކަނޑައިނުލެވުނު ހަމައެކަނި ވެރިކަމުގެ ފަސް އަހަރުކަމަށެވެ.