ކޮމިއުނިޓީ އެޑިޔުކޭޓަރެއް ކަމަށްވާ އުސްތާޛް ޒަކީގެ ބްލޮގުގައި ތަޢާރަފުކުރެއްވި ޢާންމު ރައްޔިތުމީހާގެ ނަމުން ސޯޝަލް މީޑިޔާގައި މަޝްހޫރު ބްރޯ ރަޝީދު ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވައި އުންމީދުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ފިއްލަވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބަށް އިޢުލާންކުރުމުގެ ވެސް މާކުރިން އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވައި، ސޯޝަލް މީޑިޔާގައި މެދުކެނޑުމެއް ނެތި ގެންދެވީ ކެމްޕެއިން ކުރައްވަމުންނެވެ. އެހެން ނަމަވެސް ކުރިމަތިލުމުގެ ސުންގަޑި މިއަދުގެ 14:00 ގައި ހަމަވި އިރުވެސް އޭނާގެ ޚަބަރެއް ހިލަމެއް ނުވިއެވެ.
ބްރޯ ރަޝީދު އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވި ވަކި ސަބަބެއް އަދި ސާފުވާގޮތެއް ނުވެއެވެ. އެގޮތުން އޭނާގެ ސާބިތު ދަރަންޏެއް އޮތީކަމެއް، 1500 މީހުންގެ ތާޢީދު ހަމަނުވީކަމެއް، ރަނިންމޭޓެއް ހަމަނުޖެހުނީކަމެއް، ރަސްމީ އިންތިޚާބީ އޭޖެންޓެއް ނުލިބުނީކަމެއް، އިދާރީފީގެ ގޮތުގައި ދައްކަންޖެހޭ އެއްލައްކަ ރުފިޔާ ހަމަނުވީކަމެއް ނުވަތަ ކެމްޕެއިންކުރެއްވުމަށް ބޭނުންވާ އިތުރު ފައިސާ ލިބޭގޮތެއް ނުވީކަމެއް ސާފުވާގޮތެއް ނުވިއެވެ. އެހެން ނަމަވެސް، ބްރޯ ރަޝީދު ރައީސްކަމަށް ވާދަކުރައްވާނެކަން އިޢުލާންކުރެއްވީ ރައްޔިތުންނަށް އަދުލު އިންސާފު ކަށަވަރުކޮށްދެއްވާނެކަމުގެ ވަޢުދާ އެކުގައެވެ.
ބައެއް މީހުން ބުނާގޮތުގައި އެއީ އޭނާ ކުރި ޕްރޭންކްއަކަށް ވެދާނެއެވެ. އެހެން ވެއްޖެ ނަމަ އެއީ ވަރަށް ދެރަކަމެކެވެ. ޤައުމެއްގެ ރިޔާސީ އިންތިޚާބަކީ ސަމާސާކުރާ ކަހަލަކަމެއް ނޫނެވެ. އެހެނީ އެކަމަކީ ރައްޔިތުންގެ އުންމީދުތަކާއި އެމީހުންގެ ކުރިމަގާ ގުޅިފައިވާ ކަމެކެވެ. ވީމާ އެއްވެސް މީހަކު ރިޔާސީ އިންތިޚާބާ ގުޅުވައިގެން ޕްރޭންކްކޮށް ސަމާސާކޮށްގެން ނުވާނެކަމަށާއި ސަަބަބު ބަޔާންކޮށްދެއްވާ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހނެކަމަށެވެ. އަދި އެވަރުގެ ޒިންމާދާރުކަމެއް ބްރޯ ރަޝީދު ވިޔަސް އަދި އެހެން މީހެއް ވިޔަސް ހުންނަން ވާނެކަމަށެވެ. މިސާލަކަށް ޑރ. މުނައްވަރާއި ޝުޖާޢު އާއި ދެބޭފުޅުން ވެސް ވާދަނުކުރައްވާނެކަން އިޢުލާންކުރެއްވީ ސަބަބު ބަޔާންކޮށްދެއްވުމަށް ފަހުގައެވެ.