މިލައުތުރު

ރައީސް ޞާލިޙަށް ތާއީދުކުރަނީ ފޯކައިދޫގެ މަގުތަކުގައި ތާރުއަޅާ 3000 ފޫޓުގެ ބަނދަރެއް ހަދާފައި ވާތީ – ލޯޔަރު ނިޝާން

ސީއެންއެމްގެ އިތުރު ކާފު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މަޝްހޫރު ބަރުލަމާނީ ޤާނޫނީ ވަކީލް އަލްއުސްތާޛް މުޙައްމަދު ނިޝާން ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެއްބުރުން ކާމިޔާބުކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ. ރާއްޖޭގެ ކުދި ރަށްތަކުގެ ތަރައްޤީއަށް އަޅާލި ރައީސެއް ރައީސް ސޯލިހު ނޫނީ ނެތްކަމަށެވެ. މިސާލަކަށް ވޭތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ވެސް ނާންނަ ތަރައްޤީ މިފަސް އަހަރު ދުވަހުގެ ތެރޭގައި އަތުވެއްޖެކަމަށާއި، ޚުދު އޭނާގެ އުފަން ރަށަށް ބަލައިލިކަމުގައި ވިޔަސް އެމަންޒަރު ނޫނީ ނުފެންނާނެ ކަމަށެވެ. ރައީސް މައުމޫންގެ ވެރިކަމާއި، ރައީސް ނަޝީދުގެ ވެރިކަމާއި، ރައީސް ވަޙީދުގެ ވެރިކަމާއި، ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިހުމާލުވެފައި އޮތް ފޯކައިދޫގެ މަގުތަކުގައި ތާރުއަޅާ 3000 ފޫޓުގެ ބޮޑު ފަޅެއް ހައްދަވައިދެއްވީ ރައީސް ސޯލިހުގެ ވެރިކަމުގާ ކަމަށެވެ. އަދި ކުރިން ރައީސް މައުމޫނުގެ ވެރިކަމުގައި އަޅާފައި އޮތީ 700 ފޫޓުގެ ފަޅެއްކަމަށެވެ.

މިކަމާ ގުޅިގެން ފޯކައިދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ލޯޔަރު ނިޝާނަށް ހަޖޫޖަހަން ފަށާފައި ވާކަން މިލައުތުރަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެހެނީ ފޯކައިދޫގެ އެއްވެސް މަގެއްގައި އަދި ތާރުއަޅާފައި ނުވާކަމަށާއި، ފޯކައިދޫގެ ބަނދަރަކީ 3000 ފޫޓުގެ ބަނދަރެއް ވެސް ނޫންކަމަށް ވާތީއެވެ. ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި އެހާ ބޮޑު ފަޅެއް ތަރައްޤީކޮށްފައި ވެސް ނުވާތީއެވެ. އަދި ކުރިން އޮތީ ވެސް 700 ފޫޓުގެ ބަނދަރަކަށް ވެސް ނުވާތީއެވެ. މިލައުތުރަށް މަޢުލޫމާތު ދެއްވަމުން ބައެއް މީހުން ބުނީ ފޯކައިދޫއަށް އުފަން އެހާ މަޝްހޫރު ލޯޔަރަކަށް ރަށާ ބެހޭ ޞައްޙަ މަޢުލޫމާތު ނޭނގުމަކީ ވަރަށް ހިތާމަކުރާކަމެއް ކަމަށެވެ. އަދި އަމުދުން މަޝްހޫރު ޤާނޫނީ ވަކީލެއްގެ ގޮތުގައި ހުންނަވައި ޓީވީތަކަށް ދޮގު މަޢުލޫމާތު ދެއްވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. ލޯޔަރު ވިދާޅުވި އެއްވެސް އެއްޗެއް ދިމާނުވާކަމަށެވެ.