ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީ ވެސް ބައިވެރިވެ ރައީސްކަމަށް ވާދަކޮށްފައި ވެއެވެ. އެޕާޓީ އިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވީ ސީދާ އެޕާޓީގެ ބާނީ އަދި ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްއެވެ. އަދި އެންމެ ކުރިން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފަށާ ޙަރަކާތްތައް ހިންގާފައި ވަނީ ވެސް އެމްއެންޕީކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ ނިސްބަތުން އެންމެ ބޮޑު ހޭދައެއް ކުރި ޕާޓީއަކަށް ވެސް އެމްއެންޕީ ވާނެއެވެ. އެހެން ނަމަވެސް ނަތީޖާ ފެނުނީ މުޅި ރާއްޖޭގެ ރައްޔިތުން ވެސް ހައިރާންވާ ފަދަ ގޮތަކަށެވެ. އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ ލަދުވެތި ނާކާމިޔާބެކެވެ. ދިހަ ހާސް މެންބަރުން ތިބި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގަތީ އެންމެ 1907 ވޯޓެވެ. މިނަތީޖާ އިން ދޭހަވަނީ ޚުދު އެޕާޓީގެ ޢާންމު މެންބަރުންގެ ތާޢީދު ވެސް ރިޔާސީ ކެންޑިޑޭޓަށް ނެތްކަމެވެ. އަދި އަމުދުން ދިވެހި ރައްޔިތުން ބަލައިގަންނަ މީހެއް ނޫންކަމެވެ. މިނަތީޖާ ތަރުޖަމާކުރާ ބައެއް މީހުން ދެކޭގޮތުގައި މިލިޔަނުން ޚަރަދު ނުކުރެެއްވި ނަމަ، ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ޙަސަން ޒަމީލަށް ވުރެން ވެސް ދަށްވާނެއެވެ.
މިހާރު އެންމެ ބޮޑު ބަހުސެއް އޮތީ މަޖިލިސް އިންތިޚާބުގައި އެމްއެންޕީއަށް ދޭންޖެހޭނީ ކިތައް ދާއިރާތޯއެވެ. އެއީ އެޕާޓީން ބޭނުންވަނީ ޕީއެންސީއާ އެކު ގުޅިގެން ގޮނޑިތަކަށް ވާދަކުރާށެވެ. އެހެނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމީހުން ވަނީ ޕީއެންސީއާ އެކު ކޯލިޝަން އެއްބަސްވުމެއް ހަދާފައެވެ. ނަމަވެސް އެ އެއްބަސްވުމުގައި މަޖިލިސް އިންތިޚާބުގެ ވާހަކަ އޮތްކަމެއް ނުވަތަ ނެތްކަމެއް އެއްވެސް ފަރާތަކުން ރަސްމީ ސިފައެއްގައި ހާމަކުރައްވާފައެއް ނުވެއެވެ. އަދި މިހުށަހެޅުމަކީ ރިޔާސީ އިންތިޚާބަށް ފަހު އެމްއެންޕީން ހުށަހަޅައިގެން އުޅޭކަމެއް ކަމަށް ވެސް މަޢުލޫމާތު ލިބިފައި ވެއެވެ. ސުވާލު އުފެދެނީ އެމްއެންޕީގެ ނަތީޖާއަށް ބަލާފައި އެމީހުންނަށް ޙައްޤުވަނީ ކިތައް ދާއިރާކަމާ މެދުގައެވެ. އެހެނީ އިންތިޚާބީ ދާއިރާއެއް ކަނޑައަޅާ މިންގަނޑުކަމުގައިވާ 5000 މީހުންގެ އަދަދަށް ވެސް ވޯޓް ލިބިފައި ނުވާތީއެވެ. ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓުން ސޯޝަލް މީޑިޔާގައި އަޑުއުފުލަމުން ގެންދަނީ އެއްވެސް ގޮނޑިއެއް އެމީހުންނަށް ދޭން ނުޖެހޭކަމަށް ބުނެއެވެ. އަދި އަމުދުން ސަރުކާރުގެ ސިޔާސީ މަޤާމުތަކެއް ދޭނަމައީ އެއްވެސް ދާއިރާއެއް އެމްއެންޕީއަށް ދޫކޮށްލައިގެން ނުވާނެކަމަށެވެ. މިކަމުގައި އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އަދި ވަކިގޮތެއް ނިންމަވާފައި ވާކަމެއް އަދި އެނގިފައެއް ނެތެވެ.