މިއަދަކީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އަދި މާދަމާ އަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހެވެ. އެހެންކަމުން ސަރުކާރުން ދަނޑުވެރިންގެ ދުވަސް ފާހަގަކުރައްވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވާލައިގެންނެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް ސަރުކާރުން ކޮންމެވެސް ރަށެއް ކަނޑައަޅުއްވައެވެ. 2021 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވީ ތ. ކަނޑޫދޫގައެވެ. އަދި މިދިޔަ 2022 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަަގަކުރެއްވީ ކ. ކާށިދޫގައެވެ.
ދަނޑުވެރިންގެ ދުވަހާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރެއްވުމަށް ރަސްމީ ޖަލްސާއަކާ ކާބޯތެކެތީގެ މަޢުރަޒެއް އަންނަނީ ބާއްވަމުންނެވެ. ވޭތުވެދިޔަ ދެ އަހަރު ވެސް ދަނޑުވެރިންގެ ދުވަސް ވަނީ ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރައްވާފައެވެ. އެގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާ އާއި ދަނޑުވެރިކަން ތަރައްޤީކުރެއްވުމަށް އުފައްދަވާފައިވާ ވިޔަފާރި ކުންފުނިކަމަށްވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ ގުޅިގެން ގިނަ ޙަރަކާތްތަކެއް ބާއްވައެވެ. އެހެން ނަމަވެސް މިއަަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް އެއްވެސް ޙަރަކާތެއް ރާއްވަވާފައި ވާކަމެއް އެއްވެސް އިދާރާއަކުން ހާމަކުރައްވާފައެއް ނުވެއެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ދިމާވެފައި މިވަނީ ސަރުކާރު ބަދަލުވުމުގެ މަރްޙަލާއާ ކަމަށްވުމީ އެފަދަ ޙަރަކާތެއް ނުބާއްވަވާ ސަބަބުކަމުގައި ވުމީ އެކަށީގެންވާ ކަމެކެވެ.
ކޮންމެ އަހަރަކު ވެސް ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޤައުމީ ޖަލްސާގައި ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ އިނާމާ ހަނދާނީ ލިޔުން އެރުވުން އޮވެއެވެ. އެހެންކަމުން މިއަހަރުގެ ދަނޑުވެރިކަމުގެ އިނާމު ދިނުން އޮންނާނީ ކިހިނެތްކަމެއް އެއްވެސް އިދާރާ އަކުން އިޢުލާންކުރައްވާފައެއް ވެސް ނުވެއެވެ. ވޭތުވެދިޔާ ދެއަހަރު ވެސް ދަނޑުވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް އިނާމާ ހަނދާނީ ފިލާ ދެއްވުން އޮންނަނީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުންނެވެ. އެހެންކަމުން މިއީ ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން އިންތިޒާރުކުރާ ދުވަހެކެވެ.