އުސްތާޛް ޒަކީ

އިޒްރޭލަށް ވަދެ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހަމާސް ހިންގާފައެއް ނުވޭ – މަންޒަރު ދުށްމީހުންގެ ދުލުން

މިމަހުގެ 7 ވަނަ ދުވަހު މުޅި ދުނިޔެ ސިއްސުވާލީ ޣައްޒާގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާޢަތުން އިޒްރޭލަށް ވަދެ ޙަމަލާތަކެއް ދީ ބޮޑެތި ގެއްލުންތައް ދިނުމުންނެވެ. އިޒްރޭލް ފަދަ އަޝްކަރީ ދިފާޢު ވަރުގަދަ ޤައުމަކަށް ހަމާސް ފަދަ ކުޑަ ކުޑަ ޖަމާޢަތަކުން ވަދެވުނީތީ ވެސް ގިނަ ބަޔަކު ހައިރާންވިއެވެ. އަދި އެކުއްލި ޙަމަލާގައި ހާހަކަށް ވުރެން ގިނަ މީހުން މަރާލާ އެތައް ބަޔަކު ރަހީނުކުރި ކަމަށް އިޒްރޭލް ސަރުކާރުން ވަގުތުން ދުނިޔެއަށް އިޢުލާން ކުރިއެވެ. އަދި އެމީހުންނަށް ޙަމްދަރުދީ ވާކަން ހާމަކޮށްދިނުމަށާއި، ހަމާސް ޖަމާޢަތް ވުޖޫދުން ވެސް ފުހެލުމަށްޓަކައި އެމެރިކާނުންނާއި އިނގިރޭސީން އަވަސްވެގަތެވެ. އަދި އިޒްރޭލްގެ ރައްޔިތުންތަކެއް މަރާލީތި އެކަން ކުއްވެރިކޮށް އިންޒާރުތައް ނެރެން ފެށިއެވެ. އަދި އެދެޤައުމުގެ އެންމެ އިސްވެރިން އެބުނާ ނުރައްކާތެރި ޙާލަތުގައި އޮތް އިޒްރޭލަށް ޒިޔާރަތްކޮށް އޮޅުލާ ބައްދާފައި އެނބުރި ޤައުމަށް އައިސް ފަނާކުރަނިވި ނުރައްކާތެރި ބަރު ހަތިޔާރުތައް ފޮނުވީ އެމީހުންގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމަށް ބުނެއެވެ.

އެދުވަހުގެ ޙަޤީޤަތްތައް މިއަދު ނޫސްތަކަށް ތިލަވެފައި ވަނީ މުޅިން ތަފާތު ގޮތަކަށެވެ. އިޒްރޭލުން ތުހުމަތުކުރާ ފަދަ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހަމާސް ޖަމާޢަތުން ހިންގާފައެއް ނެތެވެ. ޣައްޒާގެ ޙާލަތު ދިރާސާކޮށް ޑޮކިއުމެންޓަރީ އުފައްދާ މީހެއްކަމަށްވާ ޑެން އޭއެފްބީއަށް ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައި ވަނީ މިހާތަނަށް ހޯދި ހޯދުންތަކުން ޔަޤީންވަނީ އިޒްރޭލްގެ ޢާންމު ރައްޔިތުންތަކެއް މަރާލީ ހަމާސް ޖަމާޢަތުން ނޫންކަމަށާއި، ޚުދު އިޒްރޭލްގެ އަޝްކަރިއްޔާ ކަމަށެވެ. އޭނާ ބުނިގޮތުގައި ހަމާސްގެ ޙަމަލާތަކުން ސަލާމަތްވި މީހަކާ އޭނާ އިންޓަރވިއުކުރި ކަމަށާއި، ކިބޫތްސް ބެރީގައި މީހުންތަކެއް މަރުވީ އިޒްރޭލް ސިފައިންގެ ޙަމަލާތަކުގައި ކަމަށް އޭނާ ކަށަވަރުކޮށްދިން ކަމަށެވެ. އޭނާ ބުނިގޮތުގައި އިޒްރޭލް ސިފައިންނަށް އޯޑަރުދީފައި ވަނީ ރަހީނުކުރި އިޒްރޭލްގެ މީހުންނާ އެކު ހަމާސްގެ މުޖާހިދުންތައް ޝަހީދުކޮށްލުމަށް ކަމަށެވެ. އެގޮތުން ހަމާސްގެ މުޖާހިދުންނަށް ރަހީނުކުރި މީހުންގެ ތެެރެއިން ގިނަ ބަޔަކު ޣައްޒާއަށް ނުގެންދެވި އުޅެނިކޮށް މަރާލިކަމަށެވެ. އަދި އެންމެ ގިނަ ބަޔަކު މަރުވީ ވެސް ޖެހިގެން އައި ދުވަހުކަމަށާއި، އެދުވަހު އިޒްރޭލް ސިފައިން ގޭގެއަށް ޙަމަލާތައް ދިނީ ޓޭންކަރުތަކުގައި ވަދެއެވެ. އަދި ހަމާސްގެ މުޖާހިދުން ތިބި ގޭގެއަށް ހަމަލާދީ އެގެތަކުގައި ދިރިއުޅުނު އިޒްރޭލްގެ ރައްޔިތުންތައް ވަނީ މަރާލާފައެވެ. ބައެއް ގެތަކުގެ ކުޑަދޮރުތަކުން އެމީހުން އަތް ހޫރާ ދިދަ ހޫރާ ހެދި ނަމަވެސް ބެލުމެއް ނެތި ޙަމަލާދީ ގެތައް އެއްކޮށް ސުންނާފަތި ކޮށްލީ ގޭގައި ތިބިހާ ބަޔަކާ ވެސް އެކުގައި ކަމަށެވެ. އެހެން ނަމަވެސް މުޖާހިދުންގެ ތެެރެއިން ޝަހީދުކޮށްލެވުނީ ނިސްބަތުން މަދު ބައެއް ކަމަށާއި، އިޒްރޭލްގެ ސިފައިން ޙަމަލާތައް ދިނުމުގެ ކުރިން ހަމާސްގެ މުޖާހިދުން އެހެން ސަރަޙައްދުތަކަށް ބަދަލުވާކަމަށެވެ. މިފަދަ ވާހަކަތަކެއް އޮކްޓޯބަރު 15، 2023 ގައި އިޒްރޭލްގެ ޤައުމީ ރޭޑިއޯ އިން ވެސް ބްރޯޑްކާސްްޓް ކުރި ކަމަށާއި، އެބަސްދީގަތުން ފަހުން ސެންސަރުކޮށްފައި ވާކަމަށެވެ. އަދި އިޒްރޭލްގެ މިނިވަން ނޫހެއް ކަމަށްވާ ހާރެތް ނޫހުގައި ވާ ލިޔުމެއްގައި ބަޔާންކޮށްފައި ވާގޮތުން ޣައްޒާ ބޯޑަރު ސަރަޙައްދުގައި ބަންކަރެއްގައި ތާށިވެފައި ތިބި އިޒްރޭލްގެ އެތައް ބަޔަކު މަރާލަން އެތާ ހުރި ކޮމާންޑަރު އޯޑަރުދޭ އަޑު އިވުނުކަމަށް މީހަކު ކިޔައިދީފައި ވާކަމަށާއި، އެކަން ތަންފީޒު ނުވީ ހަމާސްގެ މުޖާހިދުންގެ ޙަމަލާތައް ތަޙައްމަލް ނުކުރެވިގެން ފަހަތައް ޖެހެން ޖެހުމުންނެވެ. އަދި އެމީހުން ސަލާމަތް ކޮށްދިނީ ހަމާސްގެ މުޖާހިދުން ކަމަށެވެ.

މުޅި ދުނިޔެއަށް އިޒްރޭލް ފަޞީޙަތް ވެއްޖެއެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައި ފަލަސްޠީނަށް ތާޢީދުކޮށް އަޑު އުފުލުންތައް ވަނީ ފަށާފައެވެ. އިއްޔެގައި ލަންޑަންގައި 5 ލައްކައަށް ވުރެން ގިނަ މީހުން މަގުތަކަށް ނިކުމެ އަޑު އުފުލާފައި ވެއެވެ. އަދި އެއްވުމުގެ ތެރޭގައި ފުލުހުން ކުރިމަތި ލުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ. އެމެރިކާގެ ނިއުޔޯކް ސިޓީަގައި ވެސް މުޒާހަރާތަކާއި އެއްވުންތައް ވަނީ ބާއްވާފައެވެ. ސްޕެއިން އާއި ޑެންމާކާއި، ޖަރުމަނާއި ފްރާންސްގައި ދިރިއުޅޭ ޔަހޫދީން ވެސް ގެންދަނީ އިޒްރޭލް ކުއްވެރިކޮށް އަޑު އުފުލަމުންނެވެ. އަދި މުސްލިމް ޤައުމުތަށް ކަމުގައިވާ ތުރުކީ ވިލާތާއި، މެލޭޝިޔާ އާއި އިންޑޮނޭޝިޔާ އާއި، ބަނގުލަދޭޝް އާއި ޕާކިސްތާނުގައި ވެސް އެތައް މިލިޔަން މީހުންނެއް ގެންދަނީ އަޑު އުފުލަމުންނެވެ. އެހެން ނަމަވެސް ހިތާމައަކީ މެދު އިރުމަތީގެ އަރަބި އިސްލާމީ ޤައުމުތަކަށް އަދިވެސް ޙަޤީޤަތްތައް އެނގި މަންޒަރު ސާފު ނުވާތީއެވެ.