މިލައުތުރު

އަނާންޔާ ޕާންޑޭ ސޮނޭވާ ޖާނީގައި އުފަލުން ފޮޅިފައި

ބޮލީވުޑްގެ މަޝްހޫރި ތަރި އަނާންޔާ ޕާންޑޭ ޗުއްޓީ ހޭދަކޮށްލައްވަން ރާއްޖޭގެ ރެސޯޓެއްކަމަށް ވާ ސޮނޭވާ ޖާނީގައި ހުންނެވީ ވަރަށް ހިތްހަމަޖެހިފައެވެ. ކުރީގެ މަޝްހޫރު ފިލްމީ ތަރި ކަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނާންޔާ ޕާންޑޭ އަކީ ރީތަކަމަށް ވެސް މަޝްހޫރު ބޮލީވުޑްގައި ވިދަމުން އަންނަ ތަރިއެކެވެ. އޭނާ ހުންނެވީ ސޮނޭވާ ޖާނީގައިކަން އިޢުލާންކުރެއްވީ ވެސް އަމިއްލަފުޅު ސޯޝަލް މީޑިޔާ އެކައުންޓްތަކުގައެވެ. އެގޮތުން ރިސޯޓްގެ ގޮނޑުދޮށުގައި އުފާވެރިކަން ޙިއްސާކުރައްވާ ޕޮޓޯތައް އެއްވެސް ހިފެހެއްޓުމެއް ނެތި ގެންދަވަނީ ޙިއްސާކުރައްވަމުންނެވެ.

ދިވެހިރާއްޖޭގެ ރިސޯޓްތައް ވެފައި ވަނީ އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރިންގެ އެންމެ މަޤުބޫލު އެއް މަންޒިލްކަމުގައެވެ. އެގޮތުން އެންމެ ބޮޑެތި ތަރިން ވެސް ޗުއްޓީ ހޭދަކުރެއްވުމަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވައެވެ. ދިވެހިރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކާއި، މޫދު ވެފައި ވަނީ އެމީހުންގެ ހިތްތައް ދަމައިގަންނަ ޤުދުރަތީ އަޖައިބަކަށެވެ. އެހެންކަމުން އެމީހުންގެ އުފާވެރި ވަގުތުތަކާއި، ހިތާމަވެރި ވަގުތުތައް ވެސް ރާއްޖޭގައި ހޭދަކޮށްލުމަށް ބޭނުންވެއެވެ. އެގޮތުން ލޯބިވެރިޔާ ވަކިވުމުންނާއި، ވަރިވާން ޖެހުމުން ވެސް ރާއްޖެ އަންނަން ބޭނުންވެއެވެ. އަދި އުފަންދުވަހާއި، ހަނީމޫން ހޭދަކޮށްލަން ވެސް ރާއްޖެ އަންނަން ބޭނުންވެއެވެ. ދިވެހިރާއްޖެ އަކީ އެމީހުންގެ ވަރަށް ގިނަ ކަންކަމަށް އޮތް ފަރުވާއެކެވެ.