މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ނަސްރުގެ ދުވަހެވެ. މިދުވަސް ގުޅިފައި ވަނީ ރާއްޖޭގެ މިނިވަންކަމާ ތޮޅިގަތް ބަޑި ބުރާސްފަތި ދުވަހާއެވެ. ދިވެހީންގެ މަދު ބަޔަކާއި، ސްރީލަންކާގެ ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އެލްޓީޓީ އާއި ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖޭގެ ވެރިކަން ފުރޮޅާލަން ދިން ނުރައްކާތެރި ޢުދުވާނުގައި 19 ދިވެހީން ޝަހީދުވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލް ދިފާޢުކުރުމުގައި ޖިހާދުކޮށް ޝަހީދުވި ދިވެހި ސިފައިންގެ 8 ބޭކަލަކާއި ޢާންމުންގެ 11 މީހުންނެވެ. އަދި 39 ދިވެހީން ވަނީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. އެތައް ބަޔަކު ރަހީނުކޮށްގެން ކަނޑު ބޯޓެއްގައި ގެންދިޔައެވެ. ޢާންމުންގެ ތެރެއިން ޝަހީދުކޮށްލި މީހުންގެ ތެރެއިން 6 މީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލީ އެބޯޓުގައެވެ. އެއީ މިހާތަނަށް ދިވެހީން ދުށް އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއެވެ. މި ޙަމަލާއިން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވުމަށްޓަކައި ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމްގެ އެދިވަޑައިގަތުމަށް އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު ރަޖީވް ގާންދީ 1600 ސިފައިން ފޮނުއްވާ އިންޑިޔާގެ އަޝްކަރީ އެހީތެރިކަން ފޯރުކޮށްދެއްވިއެވެ.
ރައީސް ނަޝީދާ ނޮވެމްބަރު 3 ގެ ޢުދުވާނާ ގުޅުވަނީ އިއްޔެ އަކު މިއަދުކު ނޫނެވެ. އެމަނިކުފާނަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު ލިބުމާ ހިސާބުން އެ އަޑުތައް ދިވެހީންގެ ތެރޭގައި ގަދަވާން ފެށިއެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. ފާޅުކަން ބޮޑު ގޮތެއްގައި ދިވެހީންގެ އިހުސާސްތަކުގައި ކޮޅުފައިން ޖައްސަވައި ބަޣާވާތުގެ ބައިވެރިންނަށް ދަޢުލަތުގެ އިސް މަޤާމުތައް ދެއްވީތީއެވެ. އަދި ސިޔާސީ މަޤާމުތައް ދެއްވުމުގައި ވެސް ހައްދުން ނެއްޓީތީއެވެ. އެގޮތުން ނޮވެމްބަރު 3 ގެ ޢުދުވާނުގެ އެއް ބައިވެރިއެއް ކަމަށްވާ ޢަބްދު ﷲ ޝާހިދަށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވިއެވެ. އަދި އަނެއް ބައިވެރިއެއް ކަމަށްވާ އުމަރު ޖަމާލަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވިއެވެ. ކީއްވެގެންތޯއެވެ. ދިވެހިރާއްޖޭގައި އެފަދަ މަޤާމަަކަށް ކުފޫ ހަމަވާ އެހެން އެއްވެސް ފަރާތެއް ނެތީތޯއެވެ. ނޫނީ އެއީ ދެން މާމޮޅަށް ކިޔަވައިގެން ތިއްބެވި ނުހަނު ކާމިޔާބު ބަޔަކީތޯއެވެ. ނޫނެކެވެ. ރައީސް ނަޝީދު ވެސް ދިވެހީންނަށް ގޮންޖެއްސެވީއެވެ. އާރާ ބާރު ލިބިވަޑައިގަތުމުން ޝަހީދުކޮށްލި 19 ދިވެހީންގެ މަތިން ހަނދުމަފުޅު ނުކުރެއްވިތާ ދިވެހީންގެ މޫނުމަތީ ޖެއްސެވީ ތަފާލެކެވެ. އެހެން ނަމަވެސް ދިވެހި ރައްޔިތުން ވެސް އެހާ ފިނޑިއެއް ނުވިއެވެ. ދިވެހިރާއްޖޭގެ ދިފާޢީ ބާރަށް އަމުރު މަޢުރޫފު ހިންގުމަށް ބަޣާވާތުގެ ބައިވެރިޔަކު ހަމަޖެއްސެވުމުން އެކަމާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާތައް ކުރަން ފެށިއެވެ. އެންމެ ފަހުން ރައީސް ނަޝީދަށް ވެސް ޖެހިވަޑައިގަތީ އެމަނިކުފާނުގެ ނިންމެވުން ބަދަލުކުރައްވާށެވެ. އެހިނދު ޢަބްދު ﷲ ޝާހިދު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރުމަންޓަށް ބަދަލުކުރެއްވިއެވެ.
ސުވާލަކީ އެފަދަ ފަރާތްތަކަށް ދަޢުލަތުގެ ޢިއްޒަތާއި މަތީ މަޤާމުތައް ދެއްވީ ކީއްވެގެންތޯއެވެ؟ އެބޭފުޅުންގެ ވެސް ބައިވެރިވުމާއި މަދަދުވެރިކަމާ އެކު 19 ދިވެހީން ޝަހީދުކޮށްލީތީތޯއެވެ. މުޅި ދިވެހިރާއްޖެ ބޮޑު ނާމާން ބިރުވެރި ޢުދުވާނެއްގެ ތެެރެއަށް ވައްޓާލުމުގެ މަދަދުގާރުން ކަމުގައި ވީތީ އެކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންތޯއެވެ. އެދުވަހު ދިވެހީންގެ ކެތްތެރިކަން ކޮޅުން ނުލީ ޚުދުމުޚުތާރު ވެރިކަމެއް ބަދަލުކޮށް އުފެދުނު ފުރަތަމަ ސަރުކާރަށް ވީތީއެވެ. އެދުވަހަކީ މިއަދު ނަމަ ރައީސް ނަޝީދަށް އެވަރުގެ ފުރުޞަތެއް ވެސް ދިވެހީންނެއް ނުދޭނެކަން ކަށަވަރެވެ. މިއަދު އުފެދޭ އަނެއް ސުވާލަކީ ރައީސް ނަޝީދު އެގޮތަށް ޢަމަލުކުރެއްވީ ކޮން ބައެއްގެ ހިތް ރުއްސައިދެއްވުމަށް ތޯއެވެ. އަދި ކޮން ބަޔަކު ކުރި ކޮން ކަމެއްގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންތޯއެވެ. އެހެންކަމުން ރައީސް ނަޝީދާއި ނޮވެމްބަރު 3 ގެ ޢުދުވާނާ ގުޅުމެއް ވާކަމަށް ތުހުމަތުކުރެވިދާނެ ނޫންތޯއެވެ. އެހެން ނޫން ނަމަ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ދިވެހީންގެ ޖަޒްބާތުތަކާއި ޖަދަލެއް ވެސް ނުކުރައްވާނެ ނޫންތޯއެވެ.
One Reply to “ނޮވެމްބަރު 3 ގެ ޢުދުވާނާ ރައީސް ނަޝީދާ ގުޅުވަނީ ސަބަބެއް ނެތިއެއް ނޫނެވެ.”
Yoosuf
Nasheedhakee eyge meeheh
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި