ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އެންމެ ނުރައްކާތެރި ބަޑި ބުރާސްފަތި ޢުދުވާން ރޭވި މޭސްތިރިކަމަށް ވާ ހ. ހާޖަރާގޭ ޢަބްދު ﷲ ލުތުފީ ވެސް ޙުކުމް ތަންފީޒުކޮށް ނިމި މިހިނގާ ނޮވެމްބަރު މަހުގެ 27 ގައި މިނިވަން ވާނެއެވެ. ލުތުފީ މިނިވަން ވުމުން ނޮވެމްބަރު 3 ގެ ޢުދުވާނާ ގުޅިގެން ޝަރީޢަތްކޮށް ޙުކުމް ކުރެވުނު ހުރިހާ އެންމެން ވެސް މިނިވަންވީއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ބޭސްފަރުވާއަށް ކަމަށް ބުނެ ލުތުފީ ރާއްޖެއިން ބޭރަށް ފުރުވާލިއެވެ. އޭގެ ފަހުން ލުތުފީ އުޅުނީ ފިލައިގެން އަވަށްޓެރި ސްރީލަންކާގައެވެ. އެމްޑީޕީގެ ދެވަނަ ވެރިކަމުގައި އަލުން ލުތުފީ ރާއްޖެ ގެނެސް، ބަންދަށް ފިލިކަމުގެ ކުށަށް ޖަލުގައި ބަންދުކުރިއެވެ. އެބަންދުގެ މުއްދަތު ނޮވެމްބަރު 27 އަށް ހަމަވާނެކަމަށް މަޢުލޫމާތު ލިބެއެވެ.
ލުތުފީއާ އެކު އިތުރު 6 މީހެއްގެ މައްޗަށް ނޮވެމްބަރު 3 ގެ ޢުދުވާނުގައި ބަރިވެރިވިކަމުގެ ކުށް ސާބިތުވެފައި ވެއެވެ. އެހުރިހާ އެންމެން ވެސް މިހާރު ވަނީ މިނިވަންވެފައެވެ. އޭގެ ތެރޭގައި ސަގަރު އަޙްމަދު ނާސިރު އާއި، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކް އާއި، ކަރޯ އައްބާސް އާއި، ޢަބްދު ﷲ ޝާހިދު އާއި، ޢުމަރު ޖަމާލް އާއި ޕައިލެޓް ނަޢީމް ހިމެނެއެވެ.
މީގެ ތެރެއިން ބައެއް މީހުންނަކީ މިނިވަންވުމަށް ފަހު، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އިސް މަޤާމުތައް ފުރުއްވާފައި ތިއްބެވި ޢިއްޒަތްތެރިންނެވެ. ދިވެހި ރައްޔިތުން ކޮންމެ ނަޒަރަކުން ދެކުތްކަމުގައި ވިޔަސް، އަދު އެއީ ހަމަ ޢިއްޒަތްތެރިންނެވެ. ލުތުފީ ވެގެންދާނީ ކިހާވަރެއްގެ ޢިއްޒަތްތެރިއަކަށް ކަމެއް ވެސް ނޭނގެއެވެ.
ސްރީލަންކާގައި ޙުކުމަށް ފިލައިގެން އުޅުމަށް ފަހު ރާއްޖެ ގެނެވުނު ހިނދު، ލުތުފީ ވެގެން ދިޔައީ ދިވެހިރާއްޖޭގެ ކަނބަލުންނަށް ވަރަށް ރީތި އަދި ޅަޒުވާނުންނަށް ޔޯ މީހަކަށެވެ. ނޮވެމްބަރު 3 ގައި 19 ދިވެހީން ޝަހީދުކޮށްލި ބާޣީ ލުތުފީކަން މީހުންގެ ހަނދާނުގައި ނެތް ފަދައެވެ. އަދި ގެއްލިގެންދިޔަ ފުރާނަފުޅުތައް ނިސްބަތްވާ އާއިލާތަކުން ތަޙައްމަލް ކުރި ހިތާމަ އާއި ހިތްދަތިކަން އަމުދުން ހަނދާން ނެތް ފަދައެވެ. މާތް ﷲ އެހުރިހާ ޝަހީދުންނަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން! އާމީން!