އިޒްރޭލްގެ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގައި ޤަތުލްއާންމުތައް ހިންގަމުން ދިއުމުގެ އިތުރުން އެމީހުން ގެންދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދިރިއުޅުމަށްޓަކައި އާމްދަނީ ލިބެން ހުރި ވަޞީލަތްތައް ވެސް ގެންދަނީ އަނިޔާވެރިކަމާ އެކު ނައްތާލަމުންނެވެ. މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ދުވަސްވީ ޒައިތޫނި ގަސްތައް ހުރީ ފަލަސްޠީނުގެ ދަނޑުތަކުގައެވެ. އެއީ 500 އަހަރަށް ވުރެން ގިނަ އަހަރު ދުވަސް ވެފައި ވާ ޒައިތޫނި ދަނޑުތަކެކެވެ. އެހެން ނަމަވެސް އެތާ އިސްރާއީލުން އާބާދު ކުރުމަށްޓަކައި އެގަސްތައް އަންދާ ނައްތާލަމުން ވެސް ގެންދަނީއެވެ. އަދި އެ އަނިޔާވެރި ޢަމަލު ހިންގަނީ ފަލަސްޠީނުގެ ދަނޑުވެރިން ރޮއި އާދޭސްކޮށް ކޮށް ތިއްބާ އެމީހުންގެ ޖިސްމަށް ވެސް އަނިޔާވެރި ވުމަށް ފަހުގައެވެ.
ޒައިތޫނި ގަސްތައް ޙިމާޔަތްކުރުމަށް ފަލަސްޠީނުގެ ދަނޑުވެރިން އެ ގަސްތަކުގައި ބައްދައިގެން ދޫނުކޮށްލާ ތިބޭ މަންޒަރަކީ ހިތްދަތި މަންޒަރެކެވެ. ފަލަސްޠީނުގެ ރައްޔިތުން ދާންވީ ކޮންތަނަކަށް ތޯއެވެ. އެމީހުންގެ ޅަދަރިންނާ ގެދޮރު ނެތިކޮށްލައިފިއެވެ. އެމީހުންގެ ބިންތަކާ ދަނޑުބިންތަކާ އެތައް ޤަރުނެއްވީ ޒައިތޫނި ގަސްތައް ނައްތާލައިފިއެވެ. އަދި ވަށައިގެން ބޯޑަރުވާ އެއްވެސް ޤައުމަކަށް ވަނުމުގެ ހުއްދައެއް ނެތެވެ. ހުއްޓުމެއް ނެތި ރެޔާ ދުވާލު ބޮލަށް ބޮން އަޅަނީއެވެ. ދުނިޔޭގެ ލޯތަކަށް މިމަންޒަރުތައް ޙަޤީޤީ މާނައިގާ ފެންނަކަމަކަށް ނުވެއެވެ. ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން އެގެންދަނީ އިންސާނީ ނަސްލެއް ނައްތާލަމުންނެވެ. އެކުވެރި ދަޢުލަތްތަކުގެ ގުޅުމަށް ވެސް ކުރެވޭނެކަމެއް ނެތެވެ. ހުށަހަޅާ ކޮންމެ ޤަރާރެއް އެމީހުންގެ މަދަދު ޤާރުންކަމުގައި ވާ އެމެރިކާ އާއި ފަރަންސޭސި ވިލާތް ވީޓޯކޮށްލައެވެ.