އުސްތާޛް ޒަކީ

އިސްރާޢިީލް އަޝްކަރިއްޔާ އާއި ދެކޮޅަށް މުޖާހިދުން ދައްކަނީ އަޖައިބެއް ފަދަ ހިތްވަރެއް!

ހައްދު ފަހަނަ އަޅާފައިވާ އިސްލާއީލް އަޝްކަރިއްޔާ އާއި ދެކޮޅަށް ފަލަސްޠީނުގެ މުޖާހިދުން ދައްކަނީ އަޖައިބެއް ފަދަ ހިތްވަރެއް ކަމަށް ޚުދު އެމީހުން ވެސް އެއްބަސް ވެއެވެ. 7 އޮކްޓޯބަރުގައި ހަމާސްގެ މުޖާހިދުން ދިން ކުއްލި ޙަމަލާގެ ބަދަލު ހިފުމަށް ހަމާސް ވުޖޫދުން ވެސް ފުހެލުމަށް އިޒްރޭލުން އިޢުލާންކުރި ހަނގުރާމައަށް މަސްދުވަސް ވީއިރު، އެކަށީގެންވާ ގޮތެއްގައި އެއްވެސް ކުރިއެރުމެއް އެމީހުންނަށް ހޯދިފައެއް ނުވެއެވެ. ވައިގެ މަގުން އެއް ހިފުތާ ވަންދެން ޣައްޒާއަށް ބޮންއެޅުމަށް ފަހު އެއްގަމާ ކަނޑުގެ މަގުން ވަދެ ޣައްޒާ ހިފުމަށް ކުރަމުންދާ މަސައްކަތުގައި، ކެތްނުވާވަރުގެ އަޒާބު އެމީހުންނަށް ކުރިމަތި ކުރުވައެވެ. ކުއްލި ކުއްލިއަށް މުޖާހިދުން ނިކުންނަ ތަނެއް ވެސް ނޭނގި ޔަހޫދީން ފިއްކަނޑައިގެން ދާވަރުގެ ޙަމަލާތައް ދީ އެމީހުން ބިރުން ފަހަތައް ޖެހޭވަރު ކޮށްލައެވެ. ޝަހީދުވެދާނެތީ އެއްވެސް ބިރެއް ފަސްޖެހުމެއް ނެތި މުޖާހިދުން ކުރަމުން ގެންދާ ހަނގުރާމައިގާ ފެންނަ މަންޒަރުތަކުން ގައިން ހީބިހި ނަގާ ވަރުވެއެވެ. އެންމެ ޒަމާނީ ހަނގުރާމަމަތީ ޓޭންކްތަކުގައި ދުވެފައި ގޮސް ބޮން ހަރުކޮށް ގޮއްވާލުމާއި، ކުއްލިއަކަށް ނިކުމެ ވަށާލާ ދުޝްމަނުން ބިމުގައި ކުޑަކަކޫ ޖައްސުވާލުން ހިމެނެއެވެ.

އިޒްރޭލްގެ އަޝްކަރިއްޔާ އިން ހާމަ ނުކުރިޔަސް މިހާތަނަށް 110 ޓޭންކް ވަނީ ބޭނުން ނުކުރެވޭ ވަރަށް ފުނޑު ފުނޑު ކޮށްލާފައެވެ. އަދި ޔަހޫދީ ސިފައިންގެ 500 އަށް ވުރެން ގިނަ މީހުން ވަނީ މަރާލާފައެވެ. މީގެ އިތުރުން ޔަހޫދީ ސިފައިންގެ އެތައް ބަޔަކު ވަނީ ނުކުޅެދޭ މީހުންނަށް ހަދާލާ އެތައް ބަޔަކު ޒަޚަމްކޮށްލާފައެވެ. ހަމަ ޔަޤީނުން ވެސް މިއީ މީގެ ކުރިން ދުވަހަކު ވެސް އިޒްރޭލްގެ އަޝްކަރިއްޔާއަށް ލިބިފައި ނުވާވަރުގެ ބޮޑު ގެއްލުމެކެވެ. މުޖާހިދުންގެ މިސައިލްތަކާއި ރޮކެޓްތަކުގެ ގިނަކަމާ ބާރު ގަދަކަމުން މަޝްހޫރު އަޔަން ޑޯމަށް ވެސް ކެތެއް ނުވެއެވެ. އަޔަން ޑޯމް އޯވާލޯޑް ވެގެން އަމިއްލަ ގަޔަށް ޙަމަލާ ދެވިއްޖެއެވެ. އެހެންކަމުން އެއީ ވެސް މިހާރު އެމީހުންނަށް ބަރޯސާވެވޭ ދިފާޢީ ނިޒާމަކަށް ނުވެއެވެ. އެހެންކަމުން އިޒްރޭލް މަތީ ފައިޓަރ ޖެޓްތައް އަބަދު އުޅެން ޖެހެއެވެ. އެއީ އިންތިހާއަށް ޚަރަދު ބޮޑު އޮޕަރޭޝަނަކަށް ވަނީ ވެފައެވެ.

އިޒްރޭލަށް ހަތަރު ފަރާތުން އަންނަ ޙަމަލާތައް ދިފާޢުކުރުމަށް ސިފައިން ބައިތިއްބާފައި ޣައްޒާއަށް ޙަމަލާދޭން އިތުރަށް ފޮނުވާނެ ސިފައިން ނެތުމުން އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އަދި މީގެ އިތުރުން އެތެރޭގެ ހަމަނުޖެހުން ބޮޑުވެ ބައެއް ސިފައިން ގެންދަނީ ނުކިޔަމަންތެރި ވަމުންނެވެ. ހަމާސް އާއި، އަލްޤަސަމް ބްރިގޭޑްސް އާއި، ލުބުނާންގެ ޙިޒްބު ﷲ އާއި، ޔަމަންގެ ހޫތީންގެ އިތުރުން ސީރިޔާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތައް ވެސް އިޒްރޭލަށް ޙަމަލާދިނުމުގައި ބައިވެރިވެއެވެ. އަދި އީރާން ފަދަ ޤައުމަކުން ޙަމަލާއެއް ދީފާނެތީ ވަކިން ބޮޑަށް ފާރަވެރިވާން ޖެހެއެވެ. ފަލަސްޠީނުގެ މުޖާހިދުން ނަފުސާނީގޮތުން ބަލިކަށި ކޮށްލުމަށްޓަކައި ޤަސްދުގައި ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިން ޝަހީދުކޮށް ޤަތުލުއާންމުތައް ހިންގާތީ މުޅި ދުނިޔޭގެ ކުރިމަތީ ޔަހޫދީ އަޝްކަރިއްޔާ ވަނީ ބޭޒާރުވެ ފަޟީޙަތްވެފައެވެ. ހަނގުރާމައިގާ އެއްވެސް ކާމިޔާބެއް ނުލިބޭތީ އާއި ލިބޭ ގެއްލުން ބޮޑުކަމުން ޣައްޒާއަށް އެޓަމްބޮން އަޅަން ގޮވާލާ ހިސާބަށް ދިއުމަކީ ހަނގުރާމައިގެ މައިދާން އެމީހުންގެ އަތުން ދޫވެ ގެއްލިއްޖެކަމުގެ ދަލީލެކެވެ. މުޖާހިދުން އެދެނީ ހުރިހާ މުސްލިމުން ވެސް އެމީހުންނަށް ހެޔޮ ދުޢާކޮށްދިނުމަށެވެ. ޔާ ﷲ، ފަލަސްޠީނުގެ މުޖާހިދުންނަށް ނަސްރާ ފަތަޙައާއި ކާމިޔާބު މިންވަރުކުރައްވާށިއެވެ. ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވާށިއެވެ. އާމީން!