ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މައްޗަށް އިތުރުބާރު ނެތްކަމަށް ބަޔާންކޮށް ޤަރާރެއް ހުށަހެޅުމާ އެކު އެމައްސަލައަށް ގޮތެއް ނިމެންދެކަ މަޖިލިސްގެ ރިޔާސަތު ބެލެހެއްޓުމުން ރައީސް ތަނާޒުލްވާން ޖެހެއެވެ. މަޖިލިސްގެ ރައީސަށް ރިޔާސަތު ނުބެހެއްޓޭ ޙާލަތެއްގައި މަޖިލިސްގެ ރިޔާސަތު ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައި ވަނީ ނައިބު ރައީސްގެ މައްޗަށެވެ. މަޖިލިސްގެ ނައިބު ރައީސަށް ރިޔާސަތު ބެލެހެއްޓެވުން ލާޒިމުވުމާއި އެކު ޖެހުނު ރޯގާ ނުފިލާ ދުވަސްތަކެއް ވެއްޖެއެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭތޯ މަޖިލިސްގެ އިދާރާއިން ވަނީ މަސައްކަތް ކުރައްވާފައެވެ. މަޖިލިސްގެ ޤަވައިދުގައި ބަޔާންވެފައި އޮތްގޮތުން މަޖިލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިސްގެ ނައިބު ރައީސެވެ. އެހެންކަމުން މަޖިލިސްގެ އިދާރާގެ ތަރުޖަމާއަކަށް ވީ އެހެން އެއްވެސް ފަރާތަކަށް އެމައްސަލައާ ގުޅޭ ޖަލްސާއެއްގެ ރިޔާސަތު ބުލެހެއްޓޭނެ ކަމަށެވެ.
އެމްޑީޕީން އިހުތިޖާޖުކޮށް ވަކާލާތުކުރީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވަކިގޮތެއް ނުނިންމާ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މަޖިލިސްގެ މެޖީރިޓީ މިވަގުތު އޮތީ އެމްޑީޕީއަށް ކަމުގައި ވާތީ، އެމްޑީޕީއާ ދެކޮޅަށް މަޖިލިސްގެ ޖަލްސާތައް ބޭއްވުމަކީ ކުރެވޭ ވަރުގެ ކަމަކަށް ވެސް ނުވިއެވެ. މަޖިލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރޯގާ ފިލަންދެކަ މަޑުޖައްސާލުމަށް ފަހު އެހެން މަސައްކަތްތައް ކުރިއަށް ގެންދެވުމަށް މަޖިލިސްގެ އިދާރާއިން ވަނީ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެމްޑީޕީގެ އިހުތިޖާޖުތައް ވަރުގަދަކޮށް ބެރުދުންމާރި ތާޅަފިލީގައި މަޖިލިސްގެ ޖަލްސާތައް ހުއްޓުވާލިއެވެ. އެހިސާބުން މަޖިލިސްގައި މަރުތަޅު އެޅި ދައުލަތް ހުއްޓޭ ހިސާބަށް ވަނީ ކަންތައް ގޮސްފައެވެ.
މިމައްސަލައަށް ދުސްތޫރީ ޙައްލެއް ހޯއްދެވުމަށް އެމްޑީޕީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޑަށް މައްސަލަ ހުށަހެޅުއްވިއެވެ. އަދި އެމައްސަލައަށް ފައިސަލާކުރެއްވުމަށް ފަހު އިއްޔެގައި ވަނީ ޙުކުމްކޮށް ފަރުވާއެއް ނެރެދެއްވާފައެވެ. އެޙުކުމުން ލިބުނު ފަރުވާއަކީ މަޖިލިސްގެ ނައިބު ރައީސްގެ އާލާސްކަންފުޅާ ގުޅިގެން ރިޔާސަތު ބެލެހެއްޓެވުމަށް ޢުޒުރުވެރި ވާނަމަ، މަޖިލިސްގެ ޤަވައިދުގާ ބަޔާންކުރާ އެހެން ފަރާތަކަށް ވެސް ރިޔާސަތު ބެލެހެއްޓޭނެ ގޮތްވުމެވެ. އަދި އެގޮތަށް ހަމަޖެހުމާ އެކު މަޖިލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމެވުމަށް އަނެއްކާ ވެސް އަންނަ އާދީއްތަ ދުވަހަށް ޖަލްސާއެއް ވަނީ އެޖެންޑާކޮށްފައެވެ. އަަދި އެމައްސަލައަށް ވަކިގޮތެއް ނުނިމުނަސް މަޖިލިސްގެ އެހެން ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދެވޭނެކަމަށް ވެސް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިސްގައި އެޅުނު މަރުތަޅު މިހާރު އެވަނީ ނެއްޓިފައެވެ.