މިލައުތުރު

ރައްޔިތުންގެ މަޖިލިސްގެ އައު ރައީސަކަަށް އެންމެ ރަގަޅީ މުޙައްމަދު އަސްލަމް – ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދަށް މަޖިލިހުގެ މެންބަރުންގެ އިތުބާރު ގެއްލި މަޤާމުން ވަކިކުރުމުގެ ޤަރާރު ދެވަނަ ފަހަރަށް ހުށަޅި، ޤަރާރަށް ބަހުސް ނުކުރެވި ދަޢުލަތް ޤާނޫނީ ހުސްކަމެއްގެ ތެރެޔަށް ވެއްޓޭ ހިސާބަށް ދިއުމުގެ އިތުރުން އެތަކެއް ހައިޖާނެއް މަޖިލިސްގެ ތަޅުމުގައި ތަމްސީލުވެގެން ދިޔައެވެ. އެންމެ ފަހުން ގަދަ ބަދަވިކަމުން ޤަރާރަށް ބަހުސް ކުރެއްވީ ޢިއްޒަތްތެރި މެންބަރުން ސޭފްޓީ ހެލްމެޓާ ހެޑްސެޓް އަޅުއްވައިގެންނެވެ. އެހާ ވެސް ޗެމްބަރުގެ އަޑުގަދަވެފައި ހަޅުތާލު ބޮޑުވިއެވެ. އަދި އެހިސާބަށް ކަންކަން ދިއުމުން މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މަޖިލިސްގެ ރިޔާސަތުން އިސްތިޢުފާ ދެއްވާފައެވެ.

މަޖިލިސްގެ ރައީސްކަމުގެ މަޤާމަށް ހިތަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އަސްލަމް އިންތިޚާބު ކުރެއްވީ އިއްޔެގައެވެ. މަޖިލިސްގެ ރައީސްކަމަށް އެމަނިކުފާނު އިންތިޚާބު ކުރެއްވުމުން ވިދާޅުވީ ދައުރުގައި ބާކީ އޮތް ދުވަސްތަކަކީ އުފެއްދުންތެރި ހިންގުންތެރި ތަނަކަށް މަޖިލިސް ވެގެންދާނެ ކަމަށެވެ. އޭގެ މާނައަކީ ރައީސް ނަޝީދުގެ ރިޔާސަތުގައި މަޖިލިސް އަކީ ނަތީޖާއެއް ޙާޞިލުކުރެއްވުނު ތަނެއް ނޫނެވެ. ދަޢުލަތުގެ އެންމެ މުހިންމު އެއް ބާރު އަދި މުއައްސަސާ އަކީ ރައްޔިތުންގެ މަޖިލިސްކަަމަށް ވެފައި، އެއީ ސީދާ ރައްރިތުން ތަމްސީލުކުރައްވާ މެންބަރުން ތިއްބަވާ ތަނަކަށް ވީހިނދު އެއީ ހިތާމަހުރި ކަމެކެވެ. އަދި އެއީ އެކަން ވެގެން ވާނެ ގޮތެއް ވެސް ނޫނެވެ.

މަޖިލިހަށް އަލަށް އިންތިޚާބުވި ރައީސް އަސްލަމް އަކީ ރައްޔިތުންގެ މަޖިލިސްގައި މިވަގުތު ހުންނެވި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އަދި އެއީ އެމްޑީޕީގެ ފަރާތުން މަޖިލިސް ރައީސްކަމަށް އެންމެ ފުރަތަމަ ވެސް އިޚްތިޔާރުކުރެއްވި ބޭފުޅާއެވެ. އެހެން ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ ކުއްލިގޮތަކަށް ރައީސް ނަޝީދުގެ ނަންފުޅު ހުށަހެޅި އެގޮތަށް ފާސްކުރެއްވީއެވެ. އެހެންކަމުން އަސްލު މަޖިލިސްގެ ރައީސަށް މަޖިލިސްގެ ރައީސްކަން އަދި އެލިބުނީއެވެ. ވީމާ އިންތިޚާބީ މަޖިލިސް ރައީސް އެވިދާޅުވި ފަދައިން މަޖިލިސްގެ އެންމެހާކަމެއް ވެސް ދެން ތަރުތީބު ވެގެންދާނެއެވެ. އަދި ނަތީޖާ ނެރެވޭ މަޖިލިހަކަށް ރައްޔިތުންގެ މަޖިލިސް ބަދަލުވެގެން ދާނެއެވެ.