ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފޯކައިދޫ ސިއްޙީމަރުކަޒު ހިންގެވުމަށް އައްޔަނު ކުރެއްވި އިސްވެރިޔާ ށ. ފޯކައިދޫ މުޝްތަރީގޭ އަޙްމަދު އަންވަރުގެ ޚިދުމަތަށް ޝުކުރު އަދާކުރުމުގެ ގޮތުން މުވައްޒަފުންގެ ފަރާތުން ކުއްލި ސަޕްރައިޒެއްގެ ގޮތުގައި ފެއާވެލް ޙަފުލާއެއް ބާއްވައިފިއެވެ.
އަންވަރު ޤަބޫލުކުރައްވާ ގޮތުގައި 17 ނޮވެމްބަރުގައި އައު ރައީސެއް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމާއި އެކު ކުރީ ސަރުކާރުން އެބޭފުޅާއާ ޙަވާލުކުރެއްވި މަސައްކަތް ނިމުނީކަމަށެވެ. އަދި އައު ސަރުކާރުން ކޮންމެވެސް އެހެން ބޭފުޅަކު އެމަޤާމަށް އައްޔަނުކުރައްވާނެ ކަމަށެވެ. އެހެންކަމުން ރަސްމީކޮށް އޮފީހަށް ވެސް ނިކުންނަވަން ޤަސްދު ނުކުރައްވާ ކަމަށާއި، އެހެން ނަމަވެސް، އައު ރައީސް އައްޔަނުކުރައްވާ ވެރިޔަކު ވަޑައިގަންނަވަން ދެން ނުވަތަ މަޤާމުން ވަކިކުރެއްވިކަމުގެ ޗިޓް ލިބެން ދެން މަރުކަޒުގެ އެންމެހާ ކަމެއް ވެސް ވަރަށް ގާތުން ބަލަހައްޓަވާނެ ކަމަށެވެ.
އަޙްމަދު އަންވަރުގެ ހިންގުންތެރިކަމުގައި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ސިއްޙީމަރުކަޒަށް ވަނީ ބޮޑެތި ކުރިއުރުންތަކެއް ލިބިފައެވެ. އެގޮތުން ޙާޞިލްކުރެވިފައިވާ 25 ކަމެއްގެ ލިސްޓެއް ވެސް ވަނީ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ޝާއިޢު ކުރައްވާފައެވެ.
- މަރުކަޒު ލެވެލްއަޕްކޮށް 24 ގަޑިއިރަށް ބަދަލުކުރުން.
- ނަރުހުންގެ އޮނިގަނޑުގައި ވާ މިންވަރަށް މަރުކަޒަށް ނަރުހުން ހަމަވެފައިވުން.
- މުވައްޒަފުންނަށް ވެހިކަލް ޕާކިންއެއް ތައްޔާރުކުރުން.
- މަރުކަޒުގެ ބިމަށް އިތުރު 25000 އަކަފޫޓް އިތުރުކޮށް ބިމުގެ ބަދަލުނިންމުމަށާއި ބިން ސާފުކުރުމަށް ޝަރުތުކޮށް ބިޑް އުސޫލުން 2 އަހަރު ދުވަހަށް ކުއްޔަށް ދިނުން.
- ޕެރަމެޑިކް އެމްބިޔުލާންސަކާ އެކު މަރުކަޒަށް 3 އެމްބިޔުލާންސް ހޯދުން.
- މުޅި މަރުކަޒު އެއްކޮށް އޭސީ ކުރުމާއިއެކު ދެފަރާތުގެ މައި ދޮރުތައް އެލްމެނިޔަމަށް ބަދަލުކުރުން.
- ކުރީގެ ސެޕްޓިކްޓޭންކްތައް ނައްތާލާ ރިލޮކޭޓް ކުރުމަށްފަހު އައު ސެޕްޓިކް ޓޭންކްތަކެއް ހަދާ ބިންސާފުކޮށް އިމާރާތަށް އިތުރު ބައެއް އިތުރުކޮށް ސްޓާފް މެސްރޫމެއް ޤާއިމްކުރުން.
- މަރުކަޒުގެ ޕޯޓިކޯ ސީލިންގ އާއި ލައިޓްތައް މުޅިން އައުކުރުން.
- ލެބޯޓަރީއަށް އިތުރު ދެ ހިމޯކިޔު މެޝިން އަދި ބްލަޑް ބޭންކެއް ހޯދުން.
- ލެބޯޓަރީ ޚިދުމަތް ފުޅާކޮށް އައިކްރޯމާ މެޝަނަކާއި އެކު ތައިރޮއިޑް ޓެސްޓްތައް ހެދޭނެ އިންތިޒާމް ކުރުން.
- އިތުރު ޑޮކްޓަރަކާއި އިތުރު ބައެއް މުވައްޒަފުން ހޯދުން.
- މުޅިން އައު އޮފީސް އިމާރާތެއް ބިނާކުރެވި މަރުކަޒުގެ އިދާރީ ހިންގުމާއި ޕަބްލިކް ހެލްތް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާކުރެއްވުން.
- ވޯކްވޭތައް އިތުރުކޮށް މަރުކަޒުގެ ގޯތިތެރޭގައި ގަސްއިންދާ ފެހިކުރުން.
- އިތުރު އެއް ކޮންސަލްޓޭޝަން ރޫމް ޤާއިމްކުރުން.
- 630 ފޫޓު ދިގު ވަށާފާރު އިމާރާތްކުރުމަށް ބަޔަކާ ހަވާލުކުރެއްވުން.
- ބަލިމީހުންގެ ވާޑްގައި ބެޑް ސްކްރީން (ސީލިންގ) ހަރުކުރުމަށް ބަޔަކާ ހަވާލުކުރެއްވުން.
- 8 ކިލޯވޯޓްގެ ސޯލާ ޕެނަލް ހަރުކުރެވި ޚިދުމަތް ލިބެން ފެށިފައިވުން.
- ޕަބްލިކް ހެލްތު ޔުނިޓަށް ބޭނުންވާ އޮފީސް އިކުއިޕްމަންޓާއި ވެކްސިން ސްޓޯރޭޖް ހޯދުން.
- ށަވިޔަނި އަތޮޅުގައި އެންމެ ރަނގަޅަށް ކޮވިޑް މެނޭޖްކުރެވުނު ރަށަކަށްވުން.
- މަރުކަޒުގެ އަހަރީ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރެވި މުވައްޒަފުންގެ އަގު ވަޒަންކުރުން.
- ޒަމާނީ ބްލަޑް ޑޯނަރ ޗެއަރ އާއި އޮކްސިޖަން ކޮންސެންޓްރޭޓަރ ފަދަ ފަޞީލަތްތައް މަރުކަޒަށް އިތުރު ކުރެވުން.
- މުޅިމަރުކަޒަށް ވައިފައި އިންޓަރނެޓް ދޫކުރެވި އައިޕީ ސިސްޓަމް ޤާއިމްކުރެއްވުން.
- ހިލޭ އެހީ އާއި ސްޕޮންސަރޝިޕްގެ ދަށުން މުޅިމަރުކަޒުގެ އާބާތުރަ ފިލުވުން.
- ބަލިމީހުންނާއި އެހީތެރިން ނަމާދުކުރުމަށް ޕްރޭއާ ރޫމެއްގެ މަސައްކަތް ފެށިފައިވުން.
- މަރުކަޒުގެ ރިޝެޕްޝަން ކައުންޓަރ ހެދުމަށް ބަޔަކާ ހަވާލުކުރެވިފައިވުން.
އަދި މީގެ އިތުރުން ވެސް ސިއްޙީ ދާއިރާގެ ބަޖެޓް ވަކިކުރުމާއި މަރުކަޒުތަކުގެ އަމިއްލަ އެކައުންޓްތައް ހުޅުވުމުގެ ހުއްދަތައް ހޯއްދެވުމުގައި ސަރުކާރުގެ ތެރެއިން އިސްދައުރެއް އަދާކުރެއްވިއެވެ. އެހެންކަމުން އަންވަރުގެ ޚިދުމަތަކީ ފޯކައިދޫގެ ސިއްޙީމަރުކަޒުގެ ޙަޔާތުގައި ފާހަގަކޮށްލެވޭނެ ޚިދުމަތްތަކެކެވެ. މަރުކަޒުގެ ލިޔުން ނިންމާލައްވާފައި ވަނީ އަންވަރަށް އިތުރު ކުރިއެރުންތަކާ ކާމިޔާބަށް އެދި ޝުކުރު އަދާކުރުމަށް ފަހުގައެވެ.