މިލައުތުރު

ޣައްޒާގެ އެންމެ ހަގު ޙާފިޡް ޝަހީދުކޮށްލީ ކޮން ނުރައްކަލެއް އޮވެގެންތޯ!

އިޒްރޭލްގެ ހައްދު ފަހަނަ އެޅި ސިފައިން ޣައްޒާގެ އެންމެ ހަގު ޙާފިޡް އުސާމާ މުޙައްމަދު ޝަހީދުކޮށްލީ ކޮން ނުރައްކަލެއް އޮވެގެންތޯއެވެ. ހަތިޔާރު އެޅި ނިރުބަވެރިން  ނައްތާލުމުގެ ނަމުގައި ހިންގާ ޖަރީމާތަކުގައި އެއްވެސް ކުށެއް ނެތް ކުޑަކުދިންނާ އަންހެނުން ޝަހީދުކުރަނީ އެއްވެސް ގޮތެއް ފޮތެއް ބެލުމެއް ނެތިއެވެ. ދުނިޔޭގެ ލޯތަކަށް ނުފެންނާނެތީ އެމީހުންގެ އަނިޔާވެރިކަން ވަނީ ހައްދު ފަހަނަ އަޅާފައެވެ. އެގޮތުން ހަމަ ކޮންމެ ދުވަހަކު ވެސް އެތަކެއް ޤަތުލުއާންމެއް އެމީހުން ހިންގައެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މަދަދުވެރިކަން ލިބޭތީ މިތަން ފެންނަ ބަޔަކު އުޅޭކަމަކަށް ވެސް ނުވެއެވެ.

ޣައްޒާގެ ރައްޔިތުންނާ އެމީހުންގެ ގެދޮރާ މުދާ ތަޅާ ސުންނާފަތި ކުރަމުން އެގެންދަނީ ކޮން ފަދަ އަނިޔާވެރި ގޮތަކަށް ތޯއެވެ. އެމީހުންނަށް ދުނިޔޭގައި ދިރި ތިބުމުގެ ޙައްޤު ވެސް ނެތީތޯއެވެ. ބޮމާ ރޮކެޓާ ބަޑީގެ އުންޑައިން ޝަހީދު ނުވެ ތިބިހާ ބަޔަކު ބަނޑަށް ޖައްސާލުމަށްތޯއެވެ. ދުނިޔޭގެ ވެރިންނަށް މިތަން ފެންނާނީ ކޮން ދުވަހަކުންތޯއެވެ. މުސްލިމް މުންމަތުގެ ވެރިންނަށް މިކަން އިޙްސާސް ވާނީ ކޮން ދުވަހަކުންތޯއެވެ. ފަލަސްޠީނާ މަސްޖިދުލް އަޤްޞާ ޙިމާޔަތް ކުރާނީ ކޮން ދުވަހަކުންތޯއެވެ.