މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް މުޖާހިދުން އިޒްރޭލަށް ދިން ކުއްލި ޙަމަލާއަށް ފަހު، ފެށުނު ހަނގުރާމައަށް ދޮޅުމަސް ދުވަހަށް ވުރެން ގިނަ ދުވަސް ވެފައި ވާއިރު، ޔަހޫދީ އަޝްކަރިއްޔާއަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަނީ ކުރިމަތިވެފައެވެ.
ޣައްޒާއަށް ވަތް އިޒްރޭލްގެ އެތައް ސަތޭކަ ސިފައިންނެއް ވަނީ މަރާލާފައެވެ. ޑްރޯން އާއި، ހެލިކޮޕްޓަރާއި، ޓޭންކްތަކާއި، ހަތިޔާރު އެޅި އުޅަނދުތައް ވަނީ ގޮއްވާލާފައެވެ. އެހެން ނަމަވެސް ހަމާސްގެ މުޖާހިދުންގެ ތެރެއިން އެމީހުންނަށް ޝަހީދުކޮށްލެވުނީ ނިސްބަތުން ވަރަށް މަދު ބައެކެވެ. މިކަމާ ހެދި ދުނިޔެއަށް ފަޟީޙަތް ވުމުން ސަލާމަތްވުމަށާއި، މުސްލިމުންގެ މައްޗަށް އެމީހުންގެ ހިތުގައި ކެކޭ ނަފުރަތުގެ އަލިފާންގަނޑުގެ ސަބަބުން ޣައްޒާގައި ދިރިއުޅޭ ޢާންމު ރައްޔިތުންކޮޅު އެއްވެސް ބެލުމެއް ނެތި ޝަހީދުކޮށް ބޮޑެތި ޤަތުލުއާންމުތައް ހިންގަނީއެވެ.
މިހާތަނަށް ޣައްޒާގެ އެތެރެވަރިއަށް ވަތް ޔަހޫދީ ސިފައިންގެ ތިންބައި ކުޅަ އެއްބައި މީހުން ވަނީ ހަމާސްގެ މުޖާހިދުންގެ އަތްދަށުވެ މަރުވެފައެވެ. އަދި އެތައް ބަޔަކު ވަނީ އަސީރުންގެ ގޮތުގައި ހައްޔަރުވެފައެވެ. ހަނގުރާމައިގާ ހަމާސްގެ މުޖާހިދުން ޝަހީދުވާ މިންވަރަށް ވުރެން 10 ގުނަ އިތުރަށް ޔަހޫދީ ސިފައިން މަރުވަމުންދާތީ، ޚުދު އިޒްރޭލްގެ ވަޒީރުންގެ މަޖިލިސް އާއި ޤާނޫނު ހަދާ މަޖިލިސްގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދި ބައިބައި ވެފައެވެ.
އިޒްރޭލް ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރާ ހަމާސްގެ މުޖާހިދުން ނައްތާލުމަށް ހިންގާ ޙަރަކާތްތަކުގައި ބޭނުންކުރާ ގިނަ ޢަދަދެއްގެ އަތިޔާރު އެޅި އުޅަނދުތައް ވަނީ މުޖާހިދުންގެ ވަރުގަދަ ޙަމަލާތަކުގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ. އަދި ޔަހޫދީ ސިފައިން މިހާރު ވަނީ ފަހަޖަތައް ފައްސާލާފައެވެ. ޣައްޒާގެ އެތެރެއަށް އެކި ދިމަ ދިމާލުން ވަތް ޔަހޫދީ ސިފައިން ވިއްސި ވިހާލިވެފައި ވާކަމަށާއި، އެމީހުންގެ މައްޗަށް ނަސްރު ލިބުން އޮތީ ވަރަށް ގާތުގައި ކަމަށް ހަމާސް ބުނެއެވެ.
One Reply to “ޔަހޫދީ ސިފައިންނަށް އެއްވެސް ކުރިއެރުމެއް ނުލިބި އެތައް ބަޔަކު މަރުވެއްޖެ!”
ޒަމާނާ އާދަމް ސަލީމް
އިރާދަކުރެއްވިއްޔާ ހަމާސް އަށް ނަސްރު ލިބޭނެ! ހަމާސް ފަދަ ކުޑަ ޖަމާޢަތަކާ އެކު އެއްބަސްވުންތައް ހަދަން ޖެހުމަކީ އިޒްރޭލް ސައިޒް ވާކަމުގެ ދަލީލެއް!
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި