ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުން މިހާތަނަށް ފެނުނު އެންމެ ”ގަޓް“ ރައީސް އަކީ ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމްކަމީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ.
2013 ވަނަ އަހަރު ރާއްޖޭގެ ރައީސްކަމަށް އިންތިޚާބުވި ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރުގެ ދަޢުރު ފުރިހަމަ ކުރެވިދާނެކަމާ މެދު އެދުވަސްވަރުގެ ސިޔާސީ މާހިރުން ސުވާލު އުފެއްދެވިއެވެ. އެމަނިކުފާނަށް ފިއްތުންތައް ކުރިމަތި ނުވާ ހަމަ އެއްވެސް ދިމާލެއް ނެތެވެ. ޚުދު އަމިއްލަފުޅު ބޭބެކަމުގައި ވާ ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމް ވެސް އެމަނިކުފާނާ ދެކޮޅަށް ތެދުވެވަޑައިގަތެވެ. އިދިކޮޅު ސިޔާސީ ޕާޓީތައް އެއްގަލަކަށް އަރާ މަގުމަތީގެ ޙަރަކާތްތައް އިންތިހާއަށް ވަރުގަދަ ކުރިއެވެ. ރައްޔިތުންގެ މަޖިލިސްގެ ތެރޭގައި ދުންބުރާ ވަރަށް ހަޅުތާލުތައް ހިންގިއެވެ. ހައްޔަރުކުރުމުގެ އަމުރުތައް ކޯޓުތަކުން ނެރެފައި ވެއެވެ. ނުވިތާކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް އަމުރުތަކާ ޙުކުމްތައް ފުލު ފުލުގައި ނެރެ މުޅި ދަޢުލަތް ނޭވާ ހޮޅިއަށް އަޅުވާލިއެވެ. އެހުރިހާ ކަމަކާ އެކު ވެސް ފެނިގެންދިޔައީ ރައީސް ޔާމީންގެ ގަޓްކަމެވެ. ހައްޔަރުކުރަން ޖެހިއްޖެ ކޮންމެ މީހެއް ހައްޔަރުކޮށް ޙާލަތު ބަދަލުކޮށްލެއްވި ގޮތުން އެމަނިކުފާނަށް ”ގަޓް ރައީސް“ ގެ ނަމުން ނަންދެވިފައި ވެއެވެ.
ރައްޔިތުންގެ މަޖިލިސްގެ ހަންގާމާ މައިތިރިކުރެއްވީ އެތައް މެންބަރުންނެއްގެ ގޮނޑި ގެއްލުވާލެއްވުމަށް ފަހުގައެވެ. ސިޔާސީ ނުފޫޒު ފޯރުވުންތަކުން އަމިއްލަފުޅު ބޭބެ އެކަހެރިކޮށް ހައްޔަރުކުރެއްވި އެވެ. ނުކިޔަމަންތެރިކަން ދެއްކި މަޖިލިސް މެންބަރުންނާ ސިފައިންނާ ފުލުހުން ވެސް ޖަލުގައި ބަންދުކުރެއްވިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު އުއްތަމަ ފަނޑިޔާރު ވެސް ހައްޔަރުކޮށް ޖަލަށްލެއްވިއެވެ. ހަމަ އެހެންމެ އެމަނިކުފާނު އެންމެ އިތުބާރުކުރެއްވި ނައިބު ރައީސް ވެސް ހައްޔަރުކޮށް ޖަލައްލެއްވިއެވެ. ވަޒީރުންގެ މަޖިލިސް ކޮށާ ކުދިކޮށްލެއްވިއެވެ. އެމަނިކުފާނުގެ ސަރުކާރު ވެއްޓިއްޖެކަމަށް ގިނަ ބަޔަކު ޤަބޫލުކޮށް އަދި އަނެއް ބަޔަކު އުފާ ފާޅުކުރަމުން ގެންދަނިކޮށް، ޙާލަތު ބަދަލުކޮށްލެއްވީ ބަޔަކު ހީވެސް ނުކުރާހާ ތަފާތު ބޮޑު ގޮތަކަށެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ބައެއް މާއްދާތައް ސަސްޕެންޑް ކުރެއްވުމަށް ފަހު، ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރައްވާ އެމަނިކުފާނަަށް އިޚުލާޞްތެރި ވެރިންނާ ސިފައިންނާ އެކު ޤައުމުގައި އޮތް ހަމަނުޖެހުމާ ހަލަބޮލިކަން މައިތިރިކުރެއްވި އެވެ. އެހިނދު އިދިކޮޅު ފަރާތްތަކަށް ވެސް ގޮތް ހުސްވެ ހަމަ ހިމޭންވާން މަޖުބޫރުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވީ އެހެން ހުރިހާ ސިޔާސީ ލީޑަރުންނާ ޕާޓީތައް އެމަނިކުފާނާ ދެކޮޅަށް އިއްތިހާދުވުންކަން އެއީ އެންމެން ވެސް ދަންނަ ޙަޤީޤަތެކެވެ. ރިޔާސީ އިންތިޚާބުގެ ބޮޑު ނާކާމިޔާބީގެ އަސަރެއް އެމަނިކުފާނަކަށް ނުކުރާ ފަދައެވެ. ސިޔާސީ ޙަރަކާތްތައް ވަރުގަދަ ކުރެއްވީ އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނަވާ ޤައުމިއްޔަތުގެ ރޫޙުގައި މީހުންގެ ޖަޒްބާތުތައް ކައްކުވާލައްވަމުންނެވެ. އެގޮތުން ”އިންޑިޔާ އައުޓް“ ކެމްޕެއިން ފެއްޓެވިއެވެ. އެ ޙަރަކާތް 5 އަހަރު ދުވަހު ހިންގެވީ އެއްވެސް މެދުކެނޑުމެއް ނެތިއެވެ. އަދި ރައްޔިތުންގެ ގިނަ ބައެއްގެ ވިސްނުމާ ފިކުރަށް ސީދާގޮތެއްގައި އިންޑިޔާ އައުޓް ވައްދާލެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެއީ ކަން ވިސްނަވައި ދެއްވިއެވެ. ޤައުމިއްޔަތާ އަމިއްލަވަންތަކަމާ މިނިވަންކަމުގެ ކާޑު ވަރަށް ފުރިހަމައަށް ކުޅުއްވާ ރައްޔިތުންގެ ލޭ ކައްކުވާލެއްވިއެވެ. އެންމެ ފަހުން ސަރުކާރަށް އޮބި ނޯންނަ ހިސާބަށް ދިއުމުން މަނީ ލޯންޑަރކުރިކަމުގެ ތުހުމަތުގައި ދަޢުވާކޮށް ޖަލަށް ލެއްވިއެވެ. އެހިނދު ވެސް ސަރުކާރާ އެކު ޑީލް ހެދުމުގެ ބަދަލުގައި ޖަލު އިޚްތިޔާރުކުރެއްވިއެވެ.
އެމަނިކުފާނުގެ މައްޗަށް ކޯޓުގައި ޝަރީޢަތްތައް ހިނގަމުންދިޔާ އިރު ވެސް މާޔޫސްކަމެއް ފެނިފައި ވަނީ މަދު ޙާލަތެއްގައެވެ. އެހުރިހާ ކަމެއް ވެސް ތަޙައްމަލުކުރެއްވީ ހަމަ ”ގަޓް“ ކަން މަތީގައެވެ. އަދި ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުގެ ސިޔާސީ ކުރިމަގު ޤުުރުބާންކޮށް އެއްވެސް ބަޔަކާ އެކު ހަދާނެ އެއްވެސް ޑީލެއް ނެތްކަމުގައެވެ. އެގޮތުގައި ހުންނަވާ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވިއެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓާ މީހަކަށް ވައި އެޅިލާން ވެސް ނުކެރޭނެ ފަދަ ގޮތަކަށެވެ. އެހެން ނަމަވެސް ތަދުބީރާ ދެކޮޅަށް ކަން ނިމި އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ގެއްލިވަޑައިގަތީ ޤާނޫނީ މަޅިފައްޗެއްގައި ޖެހި ހުވަފެން ބިލާހަކަށްވެ، ޑރ. މުޢިއްޒަށް ވެރިކަން ލިބުނީއެވެ. އެހެން ނަމަވެސް މާޔޫސްކަމުގައި ދެކޮނޑު އެލުވާލައިގެން އެޅިހާ ބަތަކަށް ރިހަ ވެގެން ހުންނަވާކަށް ބޭނުންފުޅެއް ނުވިއެވެ. ރައީސް މުޢިއްޒުގެ ވެރިކަމުގެ 8 ވަނަ ދުވަހު ޕާޓީ ދޫކުރައްވާ އިދިކޮޅަށް ނިކުމެެވަޑައިގަތީއެވެ. މިއީ ”ގަޓް“ ކަމުގެ ވެސް ނަމޫނާއެއް ނޫންތޯއެވެ.