އައިޝަތު ވަޙީދާ

އެންމެފަހުގެ ޗެންޕިއަނުންނާއި ރަނަރަޕުންގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

“މިލައުތުރު ފުޓްސަލް ޗެލެންޖް 2023” ގެ ގުރޫޕް ބީ ގެ ސަތާރަވަނަ މެޗުގައި މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަން ފުނަދޫ އާއި ރަނަރަޕް ނަރުދޫ ބައްދަލު ކުރި މެޗު 1 – 1 ކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރި ހޯދީ ނަރުދޫ ޓީމުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނަރުދޫ ޓީމުގެ ޖާޒީ ނަންބަރ 8 އަރުޝަދު ރަޝީދު އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފުނަދޫ ޓީމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓް ގައި ފުނަދޫގެ ޢަބްދުލްމާޖިދު (މާއްޓޭ) ނަރުދޫ ގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ނަރުދޫ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ފުނަދޫ ޓީމުގެ ޖާޒީ ނަންބަރ 7 އަޙްމަދު ހަމީޝް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާ ފައެވެ.

މެޗުގެ ދެވަނަ ހާފު ގައިވެސް ދެޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ދެޓީމުކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. މެޗު ނިމިގެން ދިޔައީ 1 – 1 ން ދެޓީމު އެއްވަރު ވެގެންނެވެ. މިނަތީޖާއާއި އެކު ފުނަދޫ ވަނީ ކުއާރޓާފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އެޓީމުން ވަނީ ކުޅުން ފަސްމެޗުގެ ތެރެއިން 3 މެޗުން މޮޅުވެ އެއް މެޗު އެއްވަރުވެ އެއް މެޗުން ބަލިވެ ޖުމްލަ 10 ޕޮއިންޓު ހޯދާ ފައެވެ. މިނަތީޖާއާއި އެކު ނަރުދޫ ޓީމަށްވަނީ ކުޅުން ފަސްމެޗުން 2 މެޗުން މޮޅުވެ 2 މެޗު އެއްވަރުވެ އެއްމެޗުން ބަލިވެ ޖުމްލަ 8 ޕޮއިންޓު ލިބިފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފުނަދޫ ޓީމުގެ ޖާޒީ ނަންބަރ 7 އަޙްމަދު ހަމީޝް އެވެ. ގުރޫޕް ސުޓޭޖުގައި ނަރުދޫ ޓީމް ކުޅޭ ފަހު މެޗުގައި މާދަމާ ހަވީރު 16:00 ގައި ނުކުންނާނީ މިލަންދޫއާއި ދެކޮޅަށެވެ. ގުރޫޕް ސުޓޭޖުގައި ފުނަދޫ ޓީމް ކުޅޭ ފަހު މެޗުގައި މާދަމާ ހަވީރު 17:00 ނުކުންނާނީ މާއުނގޫދޫ އާއި ދެކޮޅަށެވެ.

© 2023 milauthuru. All rights reserved.