ކުރީގެ ސަރުކާރުތަކާ ޚިލާފަށް ޑރ. މުޢިއްޒުގެ ސަރުކާރުގައި ސިޔާސީ މަޤާމުތަކަށް އައްޔަންކުރައްވާނީ ޢިލްމީ ޤާބިލް ފަރާތްތައް ކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް އެކަން ދާނެކަމަށާ އެމަނިކުފާނުގެ ބަހާ ޢަމަލާ ދިމާވާނެކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ އެތައް ފަހަރެއްގެ މަތިން ތަކުރާރު ކުރައްވާފައެވެ.
ސަރުކާރުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރެއްވުމުގެ މަރްޙަލާގެ ތެރެއިން ފެނިގެންދަނީ ވެސް ހަމަ އެފަދަ ގޮތަކަށް ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ބުނަމުން ގެންދެއެވެ. އަދި ޕީޕީއެމްގެ ލީޑަރޝިޕުން ޕާޓީގެ އިސް ލީޑަރު ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދުރަށް ޖެޖިވަޑައިގަތުމުން އެއްވެސް ހާސްކަމެއް ނެތްކަމަށާއި، ރައްޔިތުން ތިބީ ޑރ. މުޢިއްޒުއާ އެކީ ކަމަށެވެ. އަދި އެމީހުން ވޯޓް ދިނީ ވެސް ރައީސް ޔާމީނަށް ނޫންކަމަށާއި ޑރ. މުޢިއްޒަށް ކަމަށެވެ. އެހެން ކަމުން ޕާޓީގައި އިސްކޮށް ޙަރަކާތްތެރިވި އެންމެން ކަހަލަގޮތަކަށް މިހާރު ވަނީ ރައީސް މުޢިއްޒު ކޮޅަށް ބަދަލުވެފައެވެ. އެގޮތުން ޕީޕީއެމް ދޫކޮށް ޕީއެންސީއަށް ސޮއި ކުރައްވާފައެވެ.
ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މިހާތަނަށް ސިޔާސީ މަޤާމުތަކަށް އައްޔަންކުރައްވާފައި ވަނީ އެކަމަށް އެންމެ ޤާބިލް ބޭފުޅުން ކަމަށެވެ. ވަކި މީހެއްގެ ކޮއްކޮއެއް ދައްތައެއް ނުވަތަ ދަރިއަކަށް ވީތީ އެއްވެސް ފަރާތަކަށް ވަޒީފާއެއް ދީފައި ނުވާނެކަމަށެވެ. މަޤާމުތައް ދިނުމުގައި ބައްލަވާނީ ޢިލްމީ ޤާބިލްކަމަށާ އެމީހެއްގެ ހުރި ތަޖުރިބާއަށާ ޕާޓީއާ ރައީސް މުޢިއްޒަށް ކޮށްދެއްވާފައި ވާ ޚިދުމަތްތަކަށެވެ. އަދި ރައީސް މުޢިއްޒަށް އިތުބާރުކުރެވޭ ފަރާތްތަކަށް ކަމަށެވެ.