ށ. އަތޮޅު ކައުންސިލުން އިންތިޒާމްކުރާ މިލައުތުރު ފުޓްސަލް މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އެންމެ ފުރިހަމަ މުބާރާތްކަމަށް ބުނެ މީހުންގެ ޝުކުރާ ތަޢުރީފް އަތޮޅު ކައުންސިލަށާ ހޯސްޓްކުރި ދެ ރަށް ކަމަށްވާ ގޮއިދޫ އާއި މާއުނގޫދޫއަށް ލިބެމުން އެބަދެއެވެ.
ފޯރި ގަދަ ފައިނަލް މެޗް އޮތީ އިއްޔެ ހަވީރު ގޮއިދޫ ފުޓްސަލް ދަނޑުގައެވެ. ބައްދަލުކުރީ މުބާރާތުގެ އެއް ހޯސްޓްކަމުގައި ވާ ގޮއިދޫ އާއި އަވައްޓެރި ކަނޑިތީމްއެވެ. ފައިނަލް މެޗް 3 – 2 ން ކާމިޔާބުކުރީ ކަނޑިތީމެވެ. މި މެޗް ވީޓީވީން ވަގުތުން ދުރަށް ދައްކާފައި ވެއެވެ. މެޗް ކުޅެމުންދިޔަ އިރު އެއްވަގުތެއްގައި ފޭސްބުކުން އެކަނި 1200 މީހުންނަށް ވުރެން ގިނަ މީހުން މެޗް ބަލަމުން ގެންދިޔައެވެ. އަދި 21،000 އަށް ވުރެން ގިނަ މީހުން މި މެޗް ބަލާފައި ވެއެވެ. އަދި މެޗް ބެލުމަށްޓަކައި 2500 އެއްހާ މީހުން ގޮއިދުއަށް ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިފަހަކަށް އައިސް ރާއްޖޭގެ އެހެން އެއްވެސް މުބާރާތަކަށް ނުލިބޭ ތަރުޙީބެކެވެ.
މުބާރާތުގެ ފައިނަލް މެޗް ބަލާލުމަށްޓަކައި އެހެން އަތޮޅުތަކުން ވެސް ފުޓްސަލްއަށް ޝައުޤުވެރިވާ ފަރާތްތަކުން ށ. ގޮއިދޫއަށް އިއްޔެ ޒިޔާރަތްކޮށްފައި ވެއެވެ. މުޅި ރަށް އޮތީ ސަޕޯޓަރުންނާ ކުޅިބަލާ މީހުންތަކުން ފުރި ބާރުވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މި މުބާރާތުގައި އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވެފައި ވެއެެވެ. އެގޮތުން 14 ރަށުގެ މެދުގައި ލީގު އުޞޫލުން ކުޅެވުނު މި މުބާރާތުގެ ޝަރަފުވެރި މެހެމާނަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ޢަލީ އަޝްފާޤުއެވެ.
ކާމިޔާބުކަމާ އެކު މުބާރާތް ނިންމާލުމަށް ފަހު އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔަންޓޭ) ވަނީ އަންނަ އަހަރު އަދި މިޔަށް ވުރެން ވެސް ފުރިހަމަކޮށް މި މުބާރާތް ގެނެސްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.