މިލައުތުރު

އުމުރުން އެންމެ 21 އަހަރުގެ ހަމްދާ ސިޔާސީ މައިދާނަށް ނިކުމެ ނަމޫނާ ދައްކައިފި

ދަ ޑިމޮކްރެޓްސްގައި ޙަރަކާތްތެރިވާ ފާތިމަތު ހަމްދާ އަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ އުމުރުން އެންމެ ހަގު އަދި އެންމެ ކާމިޔާބު އެއް އަންހެން ލީޑަރޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

ދަ ހައުސް އޮފް ޑިމޮކްރެޓްސްގައި ދިން ސްޕީޗަކަށް ޢާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ހަމްދާ ވަނީ ދަ ޑިމޮކްރެޓްސްގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އިސް ދަޢުރެއް އަދާކޮށްފައެވެ. އަދި އޭނާ ވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކޮށް %75 ގެ ބޮޑު އަޣުލަބިއްޔަތަކުން ވިމެންސް ޑެމްސްގެ ރައީސާކަމަށް އިންތިޚާބުވެފައެވެ.

ހަމްދާ އަކީ މީގެ އިތުރުން ޓިކްޓޮކްގައި ވެސް ފިޔަޖަހަމުން އަންނަ ތަރިއެކެވެ. އޭނާގެ ވީޑިއޯތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދެއެވެ. އަދި ހަމްދާ ފާހަގަކުރެވެނީ ކެރޭ ހީވާގި އަދި ވަރަށް ޙަރަކާތްތެރި އަންހެން ކުއްޖެއްގެ ގޮތުގައެވެ. އަދި އެއްވެސް ޖެހިލުމެއް ނެތި ބޮޑެތި ސިޔާސީ އެއްވުންތަކުގައި ވާހަކަދައްކާ ދޫ ހެލޭ އަންހެން ކުއްޖެއްގެ ގޮތުގައެވެ.

ހަމްދާއަށް ވިމެންސް ޑެމްސްގެ ރައީސާކަން ލިބުމުން އުފާކުރައްވާ އެކަމުގައި އެހީތެރިވެދިން އެންމެންނަށް ޝުކުރު އަދާކުރަމުން ބުނެފައި ވަނީ އެއީ އުމުރުން 21 އަހަރުގައި އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އަދި އެކަމަަށްޓަކައި ވަރަށް ބޮޑަށް އުފާކުރާކަމަށާއި، އިތުރު ކުރިއެރުންތައް ޙާޞިލްކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސްކަމަށް އިންތިޚާބުވީ އަލްޢުސްތާޛް ޙަސަން ލަތީފްއެވެ. އަދި ނައިބު ރައީސާކަމަށް އިންތިޚާބުވީ އާޝިޔަތު އަލައިކާ އަދްނާންއެވެ.