ފަލަސްޠީނަށް ޙަމަލާދިނުމުގައި އިނގިރޭސި އަޝްކަރިއްޔާއިން ބައިވެރިވާން ފަށައިފިއެވެ. އަދި އެމެރިކާއިން މާކުރިން ބައިވެރި ވެއްޖެއެވެ. އެމީހުން އުޅެނީ ދުނިޔެއަށް ދަޅަ ދައްކައިގެން މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން އިސްކުރަންކަން ހަމަ އެންމެންނަށް ވެސް އެނގެއެވެ. އެހެން ނަމަވެސް އަރަބި އިސްލާމީ ޤައުމުތަކަށް އެތަން ފެންނަ ކަމަކަށް ނުވެއެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ އަޝްކަރިއްޔާ ކަމަށް ދަޢުވާކުރާ އިޒްރޭލަށް ކުޑަ ކުޑަ ހަމާސް ޖަމާޢަތް ބަލި ކުރެވޭތަނެއް އަދި ނުފެނެއެވެ. އެކަމުގެ ރުޅިގަނޑުގައި މުޅިން ވެސް ފެންނަނީ ޢާންމު ރައްޔިތުންކޮޅު ޝަހީދުކޮށް، ޤަތުލްއާންމު ހިންގާ ހަނގުރާމައިގެ އެތައް ޖަރީމާއެއް ހިންގާތަނެވެ. ކުޑަކުދިންނާ އަންހެނުންނާ އުމުރުން ދުވަސްވީ މީހުންނާ ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ބެލުމެއް ނެތި، ފަލަސްޠީނުގެ މުސްލިމް ދަރިފަސްކޮޅު ނައްތާލުމަށްޓަކައި ނުކުރަނީ ކޮންކަމެއް ތޯއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ގޭގައި އަމާންކަމެއް ނެތެވެ. މަގުމަތީ އަމާންކަމެއް ނެތެވެ. ސްކޫލް މަދަރުސާ އާއި ހޮސްޕިޓަލުގައި އަމާންކަމެއް ރައްކާތެރިކަމެއް ނެތެވެ. މިވަރު ވީމާ ތިޔައީ ދެން ފުކެއް ބޮޑުވަރޭ ކިޔާފައި ނިކުމެލާނެ އިސްލާމީ ވަރުގަދަ ލީޑަރެއް ނެތީ ހެއްޔެވެ. އިސްލާމީ ޢުންމަތް ހުޅަނގުގެ ނުފޫޒުތައް ދަށުވާން ޖެހޭ ސަބަބެއް އެބަ އޮތް ހެއްޔެވެ. ޤުދުރަތީ މުއްސަނދިކަމާ ޢިލްމީ ޚަޒާނާ ލިބިފައި ތިބެ އެހާ ނިކަމެތި ބަޔަކަށް މުސްލިމުން ވާންޖެހޭ ހެއްޔެވެ.
ވޭދުވެދިޔަ ދެ ދުވަސް ތެރޭގައި ވެސް އިޒްރޭލްގެ އެތައް ސަތޭކަ އަޝްކަރީ އުޅަނދެއް ވަނީ ހަލާކުކޮށްލާފައެވެ. އެކަމުގެ ރުޅީގައި އިނގިރޭސި ވައިގެ ސިފައިން ބޭނުންކޮށްގެން ޣައްޒާގައި ބާކީ އޮތް ބައި ސުންނާފައި ކުރަމުން ގެންދަނީއެވެ. ހަމާސްގެ މުޖާހިދުން އުޅޭތަނެއް ހެން ވެސް ހީނުވެއެވެ. އެމީހުން އުޅޭތަނެއް އަދިވެސް ނޭނގެއެވެ. ފެންނަ ކޮންމެ ޓަނަލެއް ވެސް ހުންނަނީ ހުސްކޮށެވެ. އެންމެ ހަނގުރާމަވެރިއެއް ވެސް އަތަކު ނުވެއެވެ. ބަދަލު ހިފުމަށް ކުރެވެން އޮތްހާ ވެސް ކަމަކީ މައުސޫމް ޢާންމު ރައްޔިތުންކޮޅު ޤަތުލުކޮށްލުން ކަމުގައި ވަނީ ވެފައެވެ.