ހައްދު ފަހަނަ އަޅާފައިވާ އިޒްރޭލްގެ ސިފައިން ހުއްޓުމެއް ނެތި ޣައްޒާއަށް ޙަމަލާތައް ދެމުން ގެންދާތާ ދެމަހަށް ވުރެން ގިނަ ދުވަސް ފާއިތު ވެއްޖެއެވެ. ޣައްޒާއަށް ވައިގެ ޙަމަލާތައް ދޭން ފަށާފައި ވަނީ 8 އޮކްޓޯބަރު 2023 ގައެވެ.
ހަނގުރާމައިގާ ކުރިއެރުންތަކެއް ލިބިފައި ނުވާތީ، އެމީހުންގެ އަނިޔާވެރިކަން ކޮޅުންލައިފިއެވެ. މި ފަހުގެ ތާރީޚެއް ގައި އެއްވެސް އިންސާން ބަޔަކަށް ދުނިޔޭގެ އެއްވެސް ބަޔަކު ނުވާ ދަރަޖައަށް ޣައްޒާގެ މައްޗަށް ޔަހޫދީން އަނިޔާވެރި ވެއްޖެއެވެ. އަދި ހުރިހާ ލާއިންސާނީ ޢަމަލުތަކެއް އެމީހުން ހިންގަމުން އެގެންދަނީ ދުނިޔޭގެ އެންމެންގެ ލޯކުރިމަތީގައެވެ. އެއްވެސް ރަޙްމެއް ނެތި ކުޑަކުދިންނާ އަންހެނުންނާ ބަލިމީހުންނާ އުމުރުން ދުވަސްވީ މީހުން ޤަތުލުކުރަމުން އެގެންދަނީ އެމީހުންގެ މައްޗަށް ދުނިޔޭގެ ޤާނޫނު ވެސް ތަންފީޒު ނުވާނޭ ބުނަމުންނެވެ.
ފަލަސްޠީނުގެ އަވަށްތައް ތަޅާ ސުންނާފަތިކޮށް ދިރި ތިބި ބަޔަކު ނަމަ އަވަށް ދޫކޮށް ދިއުމަށް ވަނީ މަޖުބޫރުވެފައެވެ. އިންސާނަކު ދުނިޔޭގައި ދިރިހުރުމަށް ބޭނުންވާނެ އެންމެ ޒަރޫރީ ބޭނުންތައް ވެސް ނުފުއްދޭ ޙާލުގައި އެމީހުން ވަނީ މަގުމަތި ކޮށްލާފައެވެ. ޔަހޫދީންގެ ޙަމަލާތަކުން ސަލާމަތް ވިޔަސް ބަނޑުހައި ނޫނުކަމާއި ބަލިމަޑުކަމުގައި މިދުނިޔެ ދޫކޮށް ދާންޖެހޭ ޙާލަތަށް އެމީހުންގެ ޙާލަތު ވަނީ ވައްޓާލާފައެވެ. އަދި އެންމެ ބޮޑު ހިތާމައަކީ ދުނިޔޭގެ ލޯތަކަށް މިތަން ނުފެންނަކަމެވެ. އަދި އެމީހުންގެ ރުއިމުގެ އަޑު އެއްވެސް ކަންފަތަކަށް ނުއިވޭކަމެވެ.
މިހާރު ދެން އަނިޔާވެރިކަން ހައްދުން ނެއްޓި ޤަތުލުއާންމުގެ އެންމެ މަތީ ދަރަޖައަށް ދިޔައީއެވެ. އަވަށްތަކުގެ މީހުން މަގުމައްޗަށް ނެރެ އޮރިޔާންކޮށް، ގިނަ ބަޔަކު ހިމެނޭގޮތަށް ބައި ބަޔަށް ޤަތުލުކޮށް ވަޅު ވަޅަށް އަޅާ ފަސްލަނީއެވެ. އަދި މިހުރިހާ ޖަރީމާއެއް އެމީހުން ހިންގަމުން އެގެންދަނީ ދުނިޔޭގެ މީޑިޔާތަކުގެ ކުރިމަތީއެވެ. ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުރިމަތީއެވެ. އެއްވެސް އިންސާފުގެ ހަމައެއް ލަމައެއް ނެތިއެވެ.