23 ޑިސެމްބަރު 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމް ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ގެމަނަފުށި، ކަނޑުހުޅުދޫ، ދެއްވަދޫ ހިމެނޭ ދާއިރާއަށް ވާދަކުރައްވާ ގިނަ ބައެއްގެ އުސްތާޛެއް ކަމަށްވާ އިލްހާމް ސާރ ދައްކަވަމުން ގެންދަވަނީ މުހިންމު ވާހަކަތަކެކެވެ. ރައްޔިތުންގެ މަޖިލިހާ މެދު ރައްޔިތުންގެ ހިތުގައި އޮތް އިތުބާރާ ޔަޤީންކަމާ އިޙްތިރާމް ގެއްލެމުންދާތީ ކަންބޮޑުވާ މީހުން ދަނީ ދުވަހަކަށް ވުރެން ދުވަހެއް އިތުރު ވަމުންނެވެ. އަދި އެއްވެސް ވަރަކަށް މީހާގެ ޢިލްމީ ޤާބިލްކަމާ އަޚްލާޤިއްޔާތަށް ބެލުމެއް ނެތި ރައްޔިތުން ތަމްސީލް ކުރުމަށްޓަކައި މެންބަރުން އިންތިޚާބު ކުރުމުގެ ނަތީޖާ ފެންނަނީ ވަރަށް ވެސް ހިތާމަވެރި ގޮތަކަށް ކަން މިއީ ވަރަށް ގިނަ ބަޔަކު އިއްތިފާޤުވާނެ ކަމެކެވެ.
އިލްހާމްގެ އާދޭހަކީ އަދި އެދުމަކީ ފައިސާއަށް ވޯޓް މާރުކުރުމުގެ ބަދަލުގައި ޢިލްމާ ޙިލްމާ ޤާބިލްކަމާ އަޚްލާޤަށް ބެލުމަށް ފަހު ރައްޔިތުން ގޮތެއް ކަނޑައެޅުމެވެ. އުފެއްދުންތެރި އިޙްތިރާމްކުރާ ރައްޔިތުންގެ މަޖިލީހެއް ހޯދޭނެ ހަމަ އެކަނި ފޯމިއުލާއަކީ އެއީ ކަމަށާއި، ވަގުތު ފާއިތުވުމުގެ ކުރިން ރައްޔިތުން ވިސްނާން ވެއްޖެކަމަށެވެ. އަދި ސަރުކާރާ ރައްޔިތުންނާ ގުޅުވައިދޭ ތަނަކަށް ރައްޔިތުންގެ މަޖިލިސް ވާންޖެހޭ ކަމަށާއި، އެކަން ޙާޞިލްކުރުމުގެ ހުރިހާ ވެސް ބާރެއް އޮތީ ރައްޔިތުންގެ އަތްމަތީގާ ކަމަށެވެ.
އިލްހާމް ވަނީ ވަރަށް ގިނަ ދާއިރާތަކެއްގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. ދިވެހިރާއްޖެއަށް ބޭނުންވާ އިންސާނީ ވަޞީލަތް ބިނާކުރުމަށް ލެކްޗަރާއެއްގެ ގޮތުގައި 13 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައި ވެއެވެ. އެގޮތުން ޑިގްރީ އަދި މާސްޓާރ ޑިގްރީ ކޯސްތަކުގައި ކިޔަވައިދެއްވާފައި ވެއެވެ. ކޮރަޕްޝަނާ ފަދާއާ ދެކޮޅަށް އެކި މަންސާތަކުގައި އަޑުއުފުލާ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރައްވާފައި ވެއެވެ. ޕާޓީގެ ޓިކެޓްގައި އިންތިޚާބުވުމަށް ފަހު ޕާޓީ ބަދަލުކުރުމާ، ޕާޓީގެ ފިކުރާ ދެކޮޅަށް މަޖިލިހުގައި ވޯޓް ދިނުމާ ގުޅޭގޮތުން ޢިލްމީ ދިރާސާ ކުރައްވާފައި ވެއެވެ. މަޖިލިސް މެންބަރުންނާ ސިޔާސީ އެހެނިހެން ފަރާތްތަކުން މާލީ ބަޔާން ހާމަކުރުމަށް ބާރުއަޅާ ވަކާލާތުކޮށް އަޑުއުފުލާފައި ވެއެވެ.
ސަރުކާރުގެ ގިނަ އިދާރާތަކެއްގައި ވަޒީފާ އަދާކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ހަޔާރ އެޑިޔުކޭޝަން، މޯލްޑިވްސް ކަސްޓަމްސް ސާރވީސް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ އިތުރުން ސިވިލް ސާރވީސް ޓްރޭނިންގ އިންސްޓިޓިއުޓްގެ ސީއީއޯކަން ހިމެނެއެވެ. އިލްހާމް ވަނީ ސިޔާސަތު އެކަށައެޅުމުގެ ދާއިރާއިން ޑިގްރީ ޙާޞިލްކުރެއްވުމުގެ އިތުރުން ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ.