ރިޔާސީ އިންތިޚާބު 2023 ގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާނުން ހާމަވާ ގޮތުގައި 3 ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރެއްވީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގަތް ނާޒިމްގެ މާލީ ބަޔާން ދައްކާގޮތުންް 13،075،900 ރުފިޔާ ޚަރަދުކުރައްވާފައި ވެއެވެ. އެހެންކަމުން މިއީ ތިން ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރެއްވި ރިޔާސީ ކެންްޑިޑޭޓަށް ވަނީ ވެފައެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ ޖުމްލަ 1907 ވޯޓެވެ. މި ޢަދަދުތަކަށް ބަލާ ނަމަ، އެމަނިކުފާނަށް ލިބިވަޑައިގަތް ކޮންމެ ވޯޓަކަށް 6،857 ރުފިޔާ ޖެހެއެވެ.
ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްއެވެ. އެމަނިކުފާނު ޚަރަދުކުރައްވާފައި ވަނީ 20،421،050 ރުފިޔާއެވެ. ލިބިވަޑައިގެންފައި ވަނީ 5460 ވޯޓެވެ. ވޯޓަކަށް ޖެހޭ ނިސްބަތަކީ 3،740 ރުފިޔާއެވެ.
ރިޔާސީ އިންތިޚާބަށް އެންމެ ބޮޑު ހޭދައެއް ކުރައްވާފައި ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއެެވެ. އެމަނިކުފާނު ޖުމްލަ 21 މިލިޔަން ރުފިޔާ ހޭދަކުރައްވާފައި ވެއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ޚަރަަދު ކުރައްވާފައި ވަނީ 10 މިލިޔަން ރުފިޔާއެވެ. އަދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު 2.5 މިލިޔަން ރުފިޔާ، އަޙްމަދު ފާރިސް މަޢުމޫން 1.1 މިލިޔަން ރުފިޔާ، އުމަރު ނަސީރު 2 ލައްކަ ރުފިޔާ، ޙަސަން ޒަމީލް ސޯޅަ ހާސް ރުފިޔާ ކެމްޕެއިނަށް ޚަރަދުކުރައްވާފައި ވެއެވެ.