އިސްލާމް ފޯރ ކިޑްސް އާއި ޙަވާލާދީ ނާހިދު ސާރ ފޭސްބުކްގައި އިރުޝާދު ދެއްވާފައި ވަނީ ދަރިފުޅު ނިދާގަޑީގައި އޭނާއާއި ދިމާއަށް އަޑުނުލުމަށެވެ. އަދި އޭނާއަށް ހަމަޖެހޭ ނިންޖެއް ލިބޭނެކަމަށް އުއްމީދުކުރުމަށެވެ.
ދަރިފުޅު ހޭލާ ގަޑީގައާއި، ސްކޫލަށް ދިއުމުގެ ކުރިންވެސް އެކުދިންނާއި ދިމާއަށް ހަޅޭއްނުލުމަށާއި، އޭނާގެ ދުވަސް ހަމަޖެހުމާއި އެކު ކުރިއަށް ދާނެ ކަމަށް އުއްމީދުކުރުމަށެވެ.
ދަރިންނާއި މުޢާމަލާތްކުރުމުގައި އެމީހަކު ގެންގުޅޭ ރާގު ކަނޑައަޅަނީ އެމީހަކު އަމިއްލައަށް ކަމަށެވެ. އެކުދިންގެ ކަންފަތުގައި ހަރުލާފައި އަބަދުމެ ހުންނާނީ ވެސް އެމީހަކު ކަނޑައަޅާ އަޑާއި ރާގު ކަމަށެވެ. އެކުދިންގެ ޟަމީރުގެ އަޑަކަށްވަނީ އެގޮތުން ބުނާ އެއްޗެއްސާއި ގެންގުޅޭ ރާގު ކަމަށެވެ. ވީމާ، އެކުދިންގެ ނަފުސަށް ފާޑުކިޔައި، ދަށްކޮށްލާ ޟަމީރު ވުޖޫދުގައި ވުމުގެ ސަބަބަކީ އެމީހަކު ކަމުގައި ނުވުމަށެވެ. އަދި އެކުދިން ބޮޑެތިވުމަށްފަހު، ޅަފަތުގައި ލިބިފައިވާ ނަފްސާނީ ގެއްލުމަށް ފަރުވާ ހޯދަންޖެހޭ ފަދަ ބައެއްގެ ގޮތުގައި ދަރިން ބޮޑެތި ނުކުރުމަށެވެ.
އެހެންކަމުން އަބަދުވެސް ނަފްސަށް ދިރުންދޭ ގޮތައް ވާހަކަދެއްކުމަށެވެ. ލޯބިން ވާހަކަ ދެއްކުމަށެވެ. ހިތްވަރުދިނުމަށެވެ. އޯގާތެރިވުމަށެވެ. އުއްމީދު އާކޮށްދިނުމަށެވެ. އަދި ޙިކްމަތްތެރިކަމާއި ތެދުވެރިކަމާއި އެކު ދުލުން ބަސްތައް ބުނުމަށެވެ. އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި، އެކުދިން ދައްކާ ވާހަކަ ކަނުލައި އަޑުއެހުމަށެވެ. އެކުދިންނަށް ސަލާމަތްކަމާއި އަމާންކަން އިޙްސާސްކުރުވައިދޭ މީހެއްކަމުގައި ވުމަށެވެ. އެކުދިންގެ ގެއަކީ މައިންބަފައިންނާ ބެލެނިވެރިން ކަމުގައި ވުމަށެވެ.