މިލައުތުރު

ޒުވާން މަސްވެރިޔާ ސާޖިން އަކީ މިހާރު މަސްވެރިއެއްތޯ، ދަނޑުވެރިއެއްތޯ؟

ޒުވާން މަސްވެރިޔާ ޙަސަން ސާޖިންގެ އެއްވެސް ޝައުޤުވެރިކަމެއް މަސްވެރިކަމަށް މިހާރު ނެތްކަމަށާއި، ޝައުޤުވެރިވާ ވަކި ކަމެއް ވެސް ނޭނގޭ ކަމަށް މީހުން ބުނަންފަށައިފިއެވެ.

ވަރަށް ޅައުމުރުުގައި މަސްވެރިކަމަށް ނިކުތް ސާޖިން މަޝްހޫރުވެފައި ވަނީ ޒުވާން މަސްވެރިޔާގެ ނަމުގައެވެ. އަދި ލިބުނު މަޝްހޫކަމާ އެކު ބޮޑެތި ކުންފުނިތަކުގެ ބްރޭންޑް އެމްބަސެޑަރުކަމުގެ އިތުރުން ސްޕޮންސަރުތައް ލިބެން ފެށުމުން މަސްވެރިކަމާ މުޅިން ދުރުވީތޯ މީހުން ސުވާލުކުރަން ފަށައިފިއެވެ. އަދި، ޒުވާން މަސްވެރިޔާ މިހާރު އެއްވެސް ވަރަކަށް މަހަށް ނުދަނީތޯ އާއި، އެއްވެސް ވަރަކަށް މަހަށް ދާނަމައީ ވެސް ދާނީ ކޮން ވަގުތެއްގައިތޯ ކަމާ މެދު މީހުން ސުވާލު އުފައްދަން ފަށައިފިއެެވެ.

ޒުވާން މަސްވެރިޔާ މިހާރު ފަށާފައިވާ ”އުތުރުން ދެކުނަށް“ ދަތުރުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިހާތަނަށް ޒިޔާރަތްކުރި ރަށް ރަށުން ވަރަށް ހޫނު ތަރުޙީބެއް ވެސް ލިބެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. އެހެން ނަމަވެސް މިހާތަނަށް 10 މަހާއި 2 ހަފުތާ ފާއިތުވެގެންދިޔަ އިރު، ރާއްޖޭގެ އެންމެ އުތުރުގެ 3 އަތޮޅުގެ ހުރިހާ ރަށެއް އަދި ކަވަރު ކުރެވިފައެއް ނުވެއެވެ. މިވަގުތު ޒުވާން މަސްވެރިޔާ އުޅެނީ ށ. އަތޮޅުގައެވެ. އެހެންކަމުން މިހާތަނަށް ފެނިގެން މިދާ އިސްޕީޑްގައި ކުރިއަށް ދާނަމަ ޒުވާން މަސްވެރިޔާގެ ދަތުރު ނިންމާލަން 6 އަހަރު ދުވަސް ވަރު ބޭނުންވާނެއެވެ.

ޒުވާން މަސްވެރިޔާގެ ދަތުރުގެ ހުރިހާ މަޢުލޫމާތެއް އޭނާގެ އަމިއްލަ ބްލޮގްގައި ގެނެސްދޭ އިރު، ޝައުޤުވެރިކަން ބޮޑަށް ހުރީ ދަނޑުވެރިކަމާ ތާރީޚް ދިރާސާކުރުމަށް ކަމަށް ބެލެވެއެވެ. އެހެންކަމުން މިހާރުގެ އުފެދޭ އެންމެ ބޮޑު ސުވާލަކީ 6 އަހަރު ފަހުން ޒުވާން މަސްވެރިޔާ މަސްވެރިކަން ދޫކޮށްލާނީތޯ އުފެދޭ ސުވާލެވެ. މި ސުވާލުގެ ޖަވާބު ދެވޭނީ ޚުދު ޒުވާން މަސްވެރިޔާ ޙަސަން ސާޖިން އަށެވެ.

4 Replies to “ޒުވާން މަސްވެރިޔާ ސާޖިން އަކީ މިހާރު މަސްވެރިއެއްތޯ، ދަނޑުވެރިއެއްތޯ؟”

  1. އަހުމަދު

    ވަރަށް ބޭކާރު ލިޔުމެއް! ޒުވާން މަސްވެރިޔާ ކުރަނީކީއްކަމާއި މަސްވެރިކަން އިޝްހާރު ކުރަން އޭނަ ކުރާ މަސައްކަތް އެހެރީ ވަރަށް ރީތިކޮށް، ވަރަށް ސާފުކޮށް ފެންނަން. މީހަކު ހަމަ ކަމެއްކުރާއިރަށް މިކަހަލަ ނެގެޓިވް އާރޓިކަލްތައް ލިޔެ މީސްމީހުންގެ ސިކުނޑިގައި ބޭކާރު ސުވާލު އެފައްދަން ނޫޅެބަލަ!

  2. މަސްމާރުކޭޓް

    ތިޔަ ސުވާލުތައް ފޭސްބުކްގައި މީހަކު ކޮށްފައި އޮއްވާ ދުށިން

  3. އެންމެ ޒުވާން މަސްވެރިޔާ

    އަހަރެން މިހާރު ބޭނުމީ މޮޑެލް ކުރަން!

  4. ނޫރާނީގެ އާގެ

    ތިޔަ ވެސް އިބްރާހިމް ސޯލިހަށް ކެމްޕެއިން ކުރަން ފެށި ދަތުރެއް، ނުހޮވުނީމާ ފަނި ވަނީ!

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި