މިލައުތުރު

ރާއްޖޭގައި ބިދޭސީންނަށް މޮޅުގޮތް، ދިވެހީންނަށް ދެރަގޮތް: ތަފާތުކުރުން ނައްތާލެވޭނެބާ؟

ދޭސީ ޓީޗަރުންނާއި ބިދޭސީ ޓީޗަރުންނަކީ އެއް މަސައްކަތެއް ކުރާ ބައެއްކަމުގައި ވިޔަސް، އިތުރު ގަޑީ އިނާޔަތް ދިނުމުގައި ބޮޑު ތަފާތުކުރުމެއް އޮންނަކަމީ ވިސްނާލަން ވެއްޖެކަމެެއް ނޫންތޯއެވެ. ޕޭ ކޮމިޝަނާއި، މުސްތަޤިއްލު މުވައްސަސާތަކުން ނުހަނު ބޮޑު ހޭދަތައް ކޮށްގެން ޢުޞޫލްތަކާއި، ޤަވާޢިދުތައް ހަދާއިރު، ދިވެހީންނަށް ނިކަމެތިވާގޮތަށް ހެދެނީ ކޮން ފަދަ ބޮޑު ފަންނީ ވިސްނުމަކުން ބާއޭ ސުވާލު އުފައްދާ ޢެދުރުން ގިނައެވެ.

މި ރިޕޯޓްގައި މި ބަލައިލަނީ މުދައްރިސުންނަށް އިތުރު ގަޑީ ފައިސާ ދެވޭ ޢުޞޫލުގައި ދޭސީ މުދައްރިސުންނާއި، ބިދޭސީ މުދައްރިސުންގެ ދެމެދުގައި އޮންނަ ތަފާތުކުރުމުގެ ބޮޑުކަމުގެ މައްޗަށެވެ. ދިވެހީންނަށް އިތުރު ގަޑީ ފައިސާ ލިބެނީ ހަމަޖެހިފައިވާ ރަސްމީ ދަންފަޅީގައި 6 ގަޑީއިރުގެ އިތުރުން އަދި އިތުރަށް 2 ގަޑީއިރު މަސައްކަތްކޮށް، ޖުމްލަ 8 ގަޑީއިރު ހަމަކުރުމުންނެވެ. އެހެން ނަމަވެސް ބިދޭސީ މުދައްރިސުންނަށް ކަނޑައެޅިފައިވާ ދަންފަޅީގައި 6 ގަޑީއިރު މަސައްކަތް ކުރުމުން އިތުރު ގަޑީގެ ފައިސާ ލިބުމުގެ ޝަރުތު ހަމަވެއެވެ. އިތުރު 2 ގަޑީއިރު މަސައްކަތް ކުރުން އެމީހުންގެ މައްޗަށް ޤަވާޢިދު ލާޒިމެއް ނުކުރެއެވެ.

ހުކުރު ހޮނިހިރެއްގައި އެކްސްޓްރާ ކުލާހެއް ނަގާލިޔަސް ބިދޭސީ މުދައްރިސުންނަށް އިތުރު ގަޑީ ފައިސާ ލިބެއެވެ. އެހެން ނަމަވެސް ދޭސީ މުދައްރިސުންނަކަށް ލިބޭނެ ގޮތެއް ނެތެވެ. އިތުރަށް 3 ގަޑީއިރު މަސައްކަތް ކުރުމުން ލިބެނީ ޙާޟިރީ އެލަވަންސެކެވެ. ދޭސީ ޓީޗަރުންނަށް އިތުރު ގަޑީ ފައިސާ ދެވެނީ މުސާރައިގެ %10 އާއި ހަމައަށެވެ. އެހެން ނަމަވެސް ބިދޭސީންނަށް މުސާރަ ޝީޓް ފަރުމާކުރެވިފައި ވާގޮތުން އިތުރަށް ވެސް ލިބެމުންދެއެވެ. އަދި ނުވިތާކަށް ދޭސީ މުދައްރިސުންނަށް ހަމަ ނުވެ އިންނަ 10 އިންސައްތައިގެ ބާކީ ވެސް ލިބެނީ ބިދޭސީ މުދައްރިސުންނަށް ކަމަށް ވެއެވެ.

ޞިއްޙީ ދާއިރާގައި ވެސް ކުރިން މި ތަފާތު އޮތް ނަމަވެސް މިހާރު ވަނީ ޙައްލުކުރައްވާފައެވެ. އެހެން ނަމަވެސް ތަޢުލީމީ ދާއިރާގައި މި މައްސަލަ ވައިގާ ހިފާގޮތެއް އަދި ނުވެއެވެ. އެހެންކަމުން އޯޓީ އެއްކޮށް ފުލްވިޔަސް ދޭސީ މުދައްރިސުންނަށް ލިބެނީ ޖުމްލަ 1200 ރުފިޔާއެވެ. އެހެން ނަމަވެސް ބިދޭސީ މުދައްރިސުން 3000 ނުވަތަ 4000 ރުފިޔާ ވަރު ނަގަމުން ދެއެވެ. އެކަމަކު އެއީ ވެސް ހަމަ ޤަވާޢިދާ ޢުޞޫލުގެ ތެރެއިންނެވެ. ވީމާ މިއީ ހުއްދަކުރެވިފައިވާ ތަފާތުކުރުމަކަށް ވާތީ ކުރެވޭނެ ކަމެއް އޮތް މައްސަލައަކަށް ނުވެއެވެ.