އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އެޑިޔުކޭޝަން މިނިސްޓްރީއަށް ކަނޑައެޅުއްވި ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ އާއި ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް ސޯޝަލް މީޑިޔާގައި ދައުރުވާން ފަށައިފިއެވެ.
އޭނާ އާއި ބެހޭގޮތުން ވަރަށް ތަފްޞީލީ ގޮތެއްގައި މީހަކު ޙިއްސާކޮށްފައިވާ ވާހަކަތަކެއް ފޭސްބުކްގައި ދައުރުވަމުން އެބަދެއެވެ. އަދި ބައެއް މީހުން ދެކޭގޮތުގައި އެހުރިހާކަމެއް ވެސް ކޮށްފައި ވަނީ މިނިސްޓަރ ޑރ. އައިޝަތު ޢަލީގެ ސީދާ އެންގެވުމަށް ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެއެެވެ. އެފަދަ ބަޔާނެއްގައި މީހަކު ލިޔެފައި ވަނީ އިއްޔެ އާއި ހަމައަށް ވެސް ނުހަނު ބާރުވެރިކަމުގައި ހުރެ، އެކަނިވެރި ނުވަތަ ޅަދަރިމައި އެތަކެއް މައިންނާ މެދު އިންސާފެއް ޙަމްދަރުދީއެއް ނެތްތަނުގައި، އެތަކެއް އެތަކެއް ފިރިންނެއް ޢާއިލާއާ ދުރުކޮށް، އޭނާގެ އާރާއި ބާރު ދެމެހެއްޓުމަށްޓަކައި ތުއްތު ޅަ ދަރީންގެ ތަޢުލީމީ ބިނާތައް އޮޔާދިޔަޔަސް ފަރުވާލެއް ނެތި، އަނިޔާވެރިކަމުގައި ހައްދުން ނެއްޓި، ޝަރުޢީ ކޯޓުތަކުގެ ޙުކުމްތަކަށް ވެސް ގޮންޖަހައި އުޅުނު ހިނދު ވެސް، އެމީހުން އޭނާއަށް ނަޞޭޙަތްތެރި ވީކަމުގައެވެ. އާރާއި ބާރަކީ ވަގުތީ އެއްޗެއްކަމާއި ސިޔާސީ ވެރިން އެންގި ނަމަވެސް، އަމާނާތެއްގެ ގޮތުގައި ޙަވާލުކުރެވޭ މަސްޢޫލިއްޔަތެއް އަދާކުރުމުގެ ބޭނުމަށް މެނުވީ ތިމާއަށް ލިއްބައިދެވިފައި ނުވާ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރެވިއްޖެ ނަމަ، ފަރުދީ ޙައިސިއްޔަތުން ވެސް އޭނާ ޒިންމާވާން ޖެހޭނޭ ދުވަހެއް އަންނާނެކަމަށާއި، އެ ދުވަހަކުން މިނިސްޓަރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނުހުންނާނެ ކަމަށެވެ.
އެ ލިޔުމުގައި އިތުރަށް ބަޔާންކޮށްފައި ވަނީ އަޙްމަދު ޢަލީގެ ފަރާތުން މީހުންނަށް ލިބިފައިވާ އަނިޔާގެ ކުޑަ މިންވަރެއްގެ ގޮތުގައިވާ ދިގު ލިސްޓެކެވެ.
- އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ވަޒީފާއިން އެކަހެރިކޮށް މަޤާމު ދަށްކޮށް ވަޒީފާ އެން.އައި.އީ އަށް ބަދަލުކުރުން.
- އދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް 8 މަސްދުވަހު ޒިއްމާއިން އެކަހެރިކޮށް ބަހައްޓާފައި ވަޒީފާއިން ވަކިކުރުން.
- ތ.ކަނޑޫދޫ ސްކޫލް ޕްރިންސިޕަލް ވަޒީފާ ބަދަލުކުރީ ގޯސްކޮށް ކަމަށް ކޯޓުން ކުރި ޙުކުމަށް ގޮންޖައްސަވާ ވަޒީފާ އިޔާދަނުކުރުން.
- ރ. ކިނޮޅަހު ސްކޫލް ޕްރިންސިޕަލް ސިޔާސީ ބޭނުމަށް ވަޒީފާއިން ވަކިކުރުން.
- ރ.އަތޮޅު ތައުލީމީ މަރުކަޒްގެ ޕްރިންސިޕަލް ދީނީ ޝިޔާރު ފާޅުކުރާތީ ސަސްޕެންޑުކޮށް ޒިއްމާއިން އެކަހެރިކުރުން.
- ހާފިޒް އަހްމަދު ސްކޫލްގެ ޕްރިންސިޕަލް ސިޔާސީ ބޭނުމަށް ޒިއްމާއިން އެކަހެރިކޮށް މިނިސްޓްރީއަށް އެހެލާފަ 14 މަސްދުވަހު ބެހެއްޓުމާއި، ކޯޓަށް ގޮންޖައްސަވާ ވަޒީފާ އިޔާދަނުކޮށް އެތައްދުވަހަކު ބެހެެއްޓުން.
- ރ.ވާދޫ ސްކޫލްގެ ޕްރިންސިޕަލްގެ ބޮލުގައި ދޮގު ތުހުމަތު އަޅުވާ ސްކޫލް ބަދަލުކުރުން.
- ހަނިމާދޫ ސްކޫލް ޕްރިންސިޕަލް ސިޔާސީ ބޭނުމަށް ސްކޫލް ބަދަލުކުރުން.
- ލ.އަތޮޅު ތައުލީމީ މަރުކަޒްގެ ޕްރިންސިޕަލް ސިޔާސީ ބޭނުމަށް ރިޔާސީ އިންތިހާބުތެރޭ ސްކޫލް ބަދަލުކުރުން.
- ތ.އަތޮޅު ތައުލީމީ މަރުކަޒްގެ ޕްރިންސިޕަލް ޒާތީގޮތުން މަޤާމުން އެކަހެރިކޮށް ވަޒީފާއިން ވަކިކުރުން.
- ފުވައްމުލަކު ސްކޫލް ޕްރިންސިޕަލް ސިޔާސީ ބޭނުމަށް ސްކޫލް ބަދަލުކުރުން.
- އިފްތިތާހް ޕްރިންސިޕަލް ސިޔާސީ ބޭނުމަށް ޒިއްމާއިން އެކަހެރިކޮށް 5 މަސްދުވަންވަންދެން ބެހެއްޓުމަށްފަހު ވަޒީފާ ބަދަލުކުރުން.
- ފ. ބިލެތްދޫ ސްކޫލް ޕްރިންސިޕަލް ސިޔާސީ ބޭނުމަށް ސްކޫލް ބަދަލުކުރުން.
- ތ. ބުރުނީ ސްކޫލް ޕްރިންސިޕަލް ޒިއްމާއިން އެކަހެރިކޮށް ސޮއިކޮށްލާފައި ގެއަށް ފޮނުވާލާގޮތަށް މިނިސްޓްރީގައި ބަހައްޓާތާ 1 އަހަރުވެފައި ވުން.
- ގދ. ދާންދޫ ސްކޫލް ޕްރިންސިޕަލް ސިޔާސީ ބޭނުމަށް ސަސްޕެންޑްކުރުން.
- އަރަބިއްޔާ ޕްރިންސިޕަލް ދީނީ ޝިޔާރު ފާޅުކުރާތީ ވަޒީފާ ބަދަލުކުރުން.
- ގާޒީ ސްކޫލް ޕްރިންސިޕަލް ސިޔާސީ ބޭނުމަށް ސްކޫލް ބަދަލުކުރުން.
- ތ. ވިލުފުށީ ސްކޫލް ޕްރިންސިޕަލް މިނިސްޓަރު ކަމުނުދާ ވާހަކަ ބުނެގެން ސަސްޕެންޑްކުރުން.
- ދ. ރިނބުދޫ ސްކޫލް ޕްރިންސިޕަލް ވަޒީފާއިން އެކަހެރިކޮށް 6 މަސްދުވަހު ބެހެއްޓުން.
- ހއ. ވަށަވަރު ސްކޫލް ޕްރިންސިޕަލް މަގާމުން ވަކިކޮށް ޓީޗަރެއްގެ މަޤާމަށް ޑިމޯޓްކުރުން.
- ވ.ފުލިދޫ ސްކޫލް ޕްރިންސިޕަލް ސިޔާސީ ބޭނުމަށް ވަޒީފާ ބަދަލުކުރުން.
އިތުރަށް ބުނެފައި ވާގޮތުގައި މިއިން ކޮންމެ މައްސަލައެއް ވަކިވަކިން ދިރާސާކޮށް ކަމާގުޅުންހުރި އިދާރާތަކަށް ހުށަހެޅުމުގެ މަސައްކަތް ޖަމާޢަތްތަކުންނާއީ ފަރުދީގޮތުން ކުރަމުން ގެންދާކަމަށެވެ. ޚުދު ޖިނާއީ ދަޢުވާތަކަކުން ވެސް ރެކެވިދާނެކަމަށް ހީވާ ނަމަ އެއީ ވަރަށް ބޮޑު ކުއްހީއެއް ކަމަށެވެ. މިހާރު އަޙްމަދު ޢަލީ ވަނީ ޕާމަނަންޓް ސެކްރެޓަރީ ކަމުގެ މަޤާމުން ސަސްޕެންޑް ކުރައްވާފައެވެ.