މިލައުތުރު

ބޮޑުވަޒީރު މޯދީއަށް ފުރައްސާރަކުރި ޑެޕިއުޓީ މިނިސްޓަރުންނަށް ލިބުނީ ފައިދާ ބޮޑު އަދަބެއް!

އިންޑިއާ އަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާ ޕޯސްޓްތައް ޖަހާފައި ވާތީ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަލްޝާ ޝަރީފް އާއި މަރިޔަމް ޝިއުނާ އާއި މަހުޒޫމް މާޖިދު ސަސްޕެންޑުކުރީ މުސާރަ ލިބޭގޮތަށް ވަކި މުއްދަތެއް ވެސް ނެތް ގޮތަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

މޯދީއަށް މަލާމަތްކުރި މައްސަލައިގާ އިންޑިޔާގެ ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން ގޮސް ރާއްޖޭގެ ފަތުރުވެރިކަން ބޯއީކޮޓްކުރުމުގެ ބޮޑު ކެމްޕެއިނެއް ވަނީ ފަށާފައެވެ. އަދި އެ ކެމްޕެއިން ފުޅާވެ ފިލްމީ ތަރިންނާއި ކުޅިވަރު ތަރިން ވެސް ވަނީ ރާއްޖެއަށް ދަތުރު ނުކުރުމަށް އެމީހުންގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބޮޑެތި ތަރިންކަމަށްވާ އަކްޝޭ ކުމާރު އާއި، ސަލްމާން ޚާން އާއި، ރަންވީރު ސިންގ އާއި ޝްރަދާ ކަޕޫރު ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. އަދި މީގެ އިތުރުން އަމީތާބް ބައްޗަން އާއި ޖޯން އަބްރަހަމް ފަދަ ތަރިން ވެސް ހިމެނެއެވެ. ކުޅިވަރު ތަރިންގެ ތެރޭގައި ސަޗިން ޓަންޑޫކާ ފަދަ މަޤްބޫލް ކުޅިވަރު ޝަޚްސިއްތުތައް ހިމެނެއެވެ.

އަދި ހަމަ އެހެންމެ އިންޑިޔާގެ ވިޔަފާރި ޖަމިއްޔާތަކުން ވެސް ދިވެހިރާއްޖެ ބޯއީކޮޓްކުރުމަށް ގޮވާލާ ބަޔާންތައް ވަނީ ނެރެފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އައުމަށް ހަދާފައިވާ ބުކިންގތައް ކެންސަކުރަން ފެށިއެވެ. މި ލޮޅުންގަނޑާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓުނެވެ.

ދިވެހިރާއްޖެއަށް ނުހަނު ބޮޑު އިޤްތިޞާދީ ގެއްލުން ލިބެމުން ދިޔަ ނަމަވެސް، މަސްލަޙަތު ގެއްލުވާލާ މިޙާލަތަށް ވައްޓާލި ބައިވެރިންނަށް ލިބުނު ގެއްލުމެއް ނެތެވެ. އެހުރިހާ އެންމެންނަށް ލިބުނީ އިންތިހާ ބޮޑު މޮޅެކެވެ. އެހެން ހުރިހާ އެންމެން ނުހަނު ބުރަކޮށް މަސައްކަތް ކުރަން ޖެހިފައި އޮތް ދަނޑިވަޅެއްގައި އެއްވެސް ކަމެއް ނުކޮށް ތިބެގެން ބޮޑު މުސާރަ ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.