މިލައުތުރު

ޢިލްމީ ނަޒަރަކުން ދިރާސީ އަހަރު ބަދަލުކުރުމުގެ އެފުށް މިފުށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައަމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި ތަޢުލީމީ އަހަރު ފެށުން ޖެނުވަރީ މަހަށް ބަދަލުކުރައްވާން ވަނީ ވިދާޅުވެފައެވެ. އަދި ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމަނުއްވައި 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ކިޔެވުން ފެށުމަށް މަގުޗާޓެއް ވަނީ މިނިސްޓަރީ އޮފް އެޑިޔުކޭޝަނުން އެކުލަވާލައި  ހާމަކުރައްވާފައެވެ. މި މަގުޗާޓުގައި  ހިމެނޭ ބައެއް ކަންކަމާއި ކުރަމުން އަންނަ މަސައްކަތްތަކަށް މި ދިރާސާގައި ބަލައިލެވިފައި ވާނެއެވެ. އެ މަގުޗާޓުގައި ހިމެނޭ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.

  1. ހިނގަމުންދާ 2023-2024 ދިރާސީ އަހަރު 30 އޭޕްރިލް 2024 އަށް ނިންމުމާއި، 26 މޭ 2024 ގައި އައުއަހަރުފެށުން،
  2. ދިރާސީ އަހަރުގެ ޗުއްޓީ 30 އޭޕްރިލް އިން 26 މޭގެ ނިޔަލަށް ދިނުން،
  3. މިހާރު ގުރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުން އޯލެވެލް، އައި.ޖީ.ސީ.އެސް.އީ މުޤައްރަރަށް ޖެނުއަރީ މަހު ކިޔަވައި ދޭން ފެށުމާއި 2025 ވަނަ އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ ގައި އޯލެވެލް އިމްތިޙާން ހެދުން،
  4. އައު ދިރާސީ އަހަރު 2024-2025 ، 20 ފެބްރުވަރީ 2025 އަށް ނިންމުމާއި، 2025 ގެ ދިރާސީ އަހަރު 9 މާރިޗުގައި ފެށުން،
  5. 18 ޑިސެމްބަރ 2025 އިން ޗުއްޓީ ދިނުމަށް ފަހު ޖަނަވަރީ 2026 ގައި އައު އަހަރުފެށުން،

ހިނގަމުންދާ 2023-2024 ދިރާސީ އަހަރު 30 އޭޕްރިލް 2024 އަށް ނިންމާލުމުން އަދި 26 މޭ ގައި އައުއަހަރުފެށުން،

ދިރާސީ އަހަރު 2023-2024 ، 30 އޭޕްރިލް އަށް ނިންމުމުން ކުރީގެ ކަލަންޑަރާއި އަޅާބަލާއިރު 6 ހަފުތާ ކުރިން ނިންމޭނެއެވެ. މީ ކުރިން ކަންޑައަޅާފައިވާ 13 ޖޫންއަށް ބަލާއިރު 30 ކިޔަވާދުވަސް މަދުވާނެ ކަމެކެވެ. މިއީ ކުރިން ނިންމާފައިވާ 203 ދުވަހުން 14.7% ދުވަސް މަދުކޮށް ނިމި ދަރިވަރުން ޕްރޮމޯޓް ކުރުމަކަށް ވާނެއެވެ. މިބަދަލާއެކު ސްކޫލުތަކުން އަންނަނީ ކިޔަވައި ދިނުން ބަދަލުކޮށް މުޤައްރަރު ނިންމުމަށް މަސައްކަތް ކުރަމުންނެވެ. ދަރިވަރުން 30 ދުވަސް ކުރިން ދިރާސީ އަހަރު ނިންމައި ގުރޭޑް މަތިކުރާއިރު، ދަރިވަރުންގެ ބެލެނިވެރިން ކުރާނެ ސުވާލުތައް ވަރަށް ގިނަވާނެއެވެ. ގުރޭޑް ބަދަލުކުރުމާއި ގުޅޭގޮތުން މިނިސްޓަރީން ވަނީ ދަރިވަރުން ޕްރީސްކޫލް އަދި ގުރޭޑް 1 ،2 ގައި ރިޕީޓް ކުރުމުގެ އިޚްތިޔާރު ވަނީ ބެލެނިވެރިންނަށް ދީފައެވެ. މިގޮތުން އިސްކޫލުތަކަށް ބެލެނިވެރިން އެދޭނަމަ ރިޕީޓު ކުރުމުގެ ހުއްދަ ވަނީ ދެއްވާފައެވެ. އަދި ރިޕީޓް ކުރާއެއްވެސް ދަރިވަރަކު ދިރާސީ އަހަރު ނިމުމުގެ ކުރިން ގުރޭޑް މަތި ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

ދިރާސީ އަހަރުގެ ޗުއްޓީ 30 އޭޕްރިލް އިން 26 މޭގެ ނިޔަލަށް ދިނުމުން ވާނީ ކިހިނެތް؟

2022-2023 ދިރާސީ އަހަރުގެ ޗުއްޓީ ނިންމާފައި މުދައްރިސުން ކިޔަވައި ދިނުމަށް ނިކުމެފައި ވަނީ 2023 ވަނަ އަހަރު އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. އަދި އެބޭފުޅުންގެ ޗުޓީ އަހަރު ހަމަވާނީ 2024 އޮގަސްޓް 1 ވަނަ ދުވަހަށެވެ. މި މުއްދަތުގެ ތެރޭގައި ލިބޭ ޗުއްޓީ ދުވަސްތައް، ރަސްމީ ބަންދު ދުވަސް އުނިކޮށްލުމުން ލިބެނީ ޖުމުލަ 27 ދުވަހެވެ. 27 ދުވަސް ގުނެނީ މިޑްޓާމް ޗުއްޓީ، ފުރަތަމަ ޓާމްގެ ޗުއްޓީ އަދި މެއި މަހު ފެށޭ އަހަރީ ޗުއްޓީގެ ދުވަސްތައް އެއްކޮއްލުމުންނެވެ. ޗުއްޓީގެ 30 ދުވަސް ހަމަނުވުމާއި ބައިބަޔަށް ޗުއްޓީ ލިބުމަކީ ވަޒީފާއާއި ބެހޭގާނޫނުގެ 39 ވަނަ މާއްދާގައި ބުނާ 30 ދުވަހުގެ ޗުއްޓީގެ ޙައްޤުން މުދައްރިސުން މަޙްރޫމް ވާނެ ކަމެކެވެ.

އޯލެވެލް އިމްތިޙާންގެ ދުވަސްވަރު މުދައްރިސުން ޗުއްޓީ ނަގަން ޖެހުމުން ދަރިވަރުން އިމްތިޙާނަށް ތައްޔާރުވުމުގައި މުދައްރިސުންގެ އެހީ ނުލިބުން އެކަށީގެންވެއެވެ. ރާއްޖޭގައި ސާނަވީ ފެންވަރަށް ކިޔަވައިދެއްވާ މުދައްރިސުންގެ ބޮޑު އާބާދީ އަކީ ބިދޭސީ މުދައްރިސުން ކަމުން ޗުއްޓީގައި އެބޭފުޅުން އާއިލާދެކިލަން ޤައުމަށް ދާނެއެވެ. މީގެ އިތުރުން ޗުއްޓީގައި ހުންނަ މުވައްޒަފަކު ވަޒީފާ އަދާކުރުމަށް ހުއްދަ ނުދެވޭނެކަމަށް ވަޒީފާއާއި ބެހޭ ގާނޫނުގެ 40 ވަނަ މާއްދާގައި ވެއެވެ. ގިނަ މުދައްރިސުންނަކީ ދަރިވަރުން އިމްތިޙާން ހޯލަށް ވަނުމުގެ ކުރިންވެސް ދަރިވަރުންނާ ބައްދަލުކޮށް ފަހުވަގުތު ވެސް އެހީތެރިކަން ފޯރުކޮށް ދެއްވާ އަދި ހިތްވަރުދެއްވާ ކޯޗވެސް މެއެވެ. ނަމަވެސް ޗުއްޓީގައި ތިބެގެން އެބޭފުޅުންނަށް އެޒިންމާ އަދާކުރެވިދާނެ ބާއެވެ؟ އިމްތިޙާނަށް ވަނުމުގެ ކުރިން މުދައްރިސު ފެނުމަކީ ވެސް ދަރިވަރުންނަށް ހިތްވަރުލިބޭ އަދި އަޒުމުއާވާ ކަމެކެވެ. އިމްތިޙާން ބޯމަތިވެފައި ވަނިކޮށް މުދައްރިސުން ޗުއްޓީ ނުނެގުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ގުރޭޑު 8 ގައި ކިޔަވަމުންދާ ދަރިވަރުންނަށް  އޯލެވެލް، އައި.ޖީ.ސީ.އެސް.އީ މުޤައްރަރަށް ޖެނުއަރީ މަހު ކިޔަވައި ދޭން ފެށުމުން އަދި 2025 ވަނަ އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ ގައި އޯލެވެލް އިމްތިހާނު ހެދުމާ ގުޅޭ 

ގުރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އޯލެވެލް، އައި.ޖީ.ސީ.އެސް.އީ މުޤައްރަރަށް ޖެނުއަރީ މަހު ކިޔަވައިދޭން ފެށުމުގައި ބަލަންވާނީ ދަރިވަރުންގެ ފެންވަރާއި ކިޔެވުމުގެ ޤާބިލްކަމަށެވެ. ޤައުމީ މަންހައްޖުގެ މުޤައްރަރަށް ގުރޭޑް 8ގެ ފުރަތަމަ ސެމެސްޓަރުގައި ކިޔަވައި ދިނުމަށް ފަހު، ދެވަނަ ސެމެސްޓަރުގައި އޯލެވެލް މުގަށްރަރަށް ކިޔަވައިދެވި ދާނެއެވެ. ނަމަވެސް ދަރިވަރުންގެ ކިބައިގައި އެފެންވަރު ހުރުން ލާޒިމެވެ. ޖަނަވަރީ 2024 އިން 30 އޭޕްރިލް އަށް 12 ހަފުތާ އަދި މޭމަހު ފެށޭ 2024-2025 ދިރާސީ އަހަރުން ކިޔަވައިދޭން ކަންޑައަޅާފައިވާ 35 ހަފުތާ އަދި 2025 ވަނަ އަހަރު އޮކްޓޯބަރ މަހާ ހަމައަށް 30 ހަފުތާ ގެގޮތުގައި ބަލައިފި ނަމަ ޖުމުލަ 77 ހަފުތާ ކިޔަވައިދިނުމަށް ލިބެއެވެ. 40 މިނެޓުގެ ޕީރިއަޑަށް ކިޔަވައިދޭ ސްކޫލްތަކުގައި ޖުމުލަ 256 ގަޑި އިރު އަދި 35 މިނެޓުގެ ޕީރިއަޑަށް ކިޔަވައިދޭ ނަމަ 225 ގަޑިއިރު ކޮންމެ މާއްދާ އަކަށް ވެސް ”ގައިޑެޑް ލާނިންގ އަވަރ“ ގެގޮތުގައި ލިބޭނެއެވެ. މިއީ އޯލެވެލް އައި.ޖީ.ސީ.އެސް.އީ މުޤައްރަރުތަކަށް ކަންޑައަޅާފައިވާ 130ގަޑި އިރުގެ ”ގައިޑެޑް ލާނިންގ“ ވަގުތަށް ވުރެ ގިނަވަގުތެވެ. ވީމާ ދަރިވަރުންނަށް އޯލެވެލް މުޤައްރަރަށް ކިޔެވުމަށް ވަގުތު ނުލިބޭނެކަމަށް ބުނުމުގެ ޖާގައެއް ނެތެވެ.

ވަގުތު ލިބުނު ނަމަވެސް ކިޔަވައިދޭން މުދައްރިސުން ވެސް ތިބެންވާނެ ނޫންތޯއެވެ. ސަބަބަކީ ކޮންމެ ސްކޫލެއްގައި ވެސް މުދައްރިސުން ތިބީ މިދިޔަ އަހަރެކޭ ވެސް ހަމަ އެއްގޮތަށެވެ. އޯލެވެލް އަށް ކިޔަވައިދޭނީ މިހާރު ގުރޭޑް 8 ގައި ޤައުމީ މުޤައްރަރަށް ކިޔަވައި ދެއްވާ މުދައްރިސުން ބާވައެވެ. ނުވަތަ އެބޭފުޅުންގެ އެފެންވަރު ނެތްނަމަ އަލަށް މުދައްރިސުން ގެނެސްގެން ބާވައެވެ. ގައިޑެޑް ލާނިންގ އަވާރސް ފުރިހަމަ ވަނީ މުޤައްރަރަށް ކިޔަވައިދެވޭ ފެންވަރުގެ މުދައްރިސުން ވެސް ތިބެގެންނެވެ.

މިވަގުތު ގުރޭޑް 8 ގައި ތިބި ދަރިވަރުންގެ ފެންވަރު މިނިސްޓަރީން ކަށަވަރު ކުރިގޮތް އެނގުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. ސަބަބަކީ ދަރިވަރުންގެ ކިބައިގައި ނެތް ފެންވަރެއް އެދަރިވަރުން ކިޔަވާ މުޤައްރަރު ބަދަލު ކުރުމަކުން ނުގެނެވޭނެއެވެ. ފެންވަރު ހިފެހެއްޓުމެއް ނެތި ދަރިވަރުން ގުރޭޑް ބަދަލުކޮށް ދަށު ސާނަވީ މަރްޙަލާ ނިންމުވުމަކީ އަމާބުނީތީ ބޮލިހިލަން ފަރަށް ދިއުން ފަދަ ކަމަކަށް ނުވެދާނެތޯއެވެ.

 2025 ގެ ދިރާސީ އަހަރު 9 މާރޗްގައި ފެށުން އަދި ފެބުރުއަރީ 2025 ގައި ނިންމުން،

2025 ވަނަ އަހަރުގެ ކިޔެވުން ފެއްޓުމަށް ހަމަޖެހިފައި ވަނީ 9 މާރޗްގައި ކަމުން ކޮންމެ ސްކޫލެއްގައި ވެސް އޯލެވެލް އިމްތިޙާން ހަދާ ދެގުރޫޕެއް އޮންނާނެއެވެ. މިގޮތުން މޭ/ޖޫން 2025 ގައި މިހާރު ގުރޭޑް 9 ގައި ތިބި ކުދިން އޯލެވެލް ހަދާނެއެވެ. އަދި މިހާރު ގުރޭޑް 8 ގައި ތިބި ދަރިވަރުން އޮކްޓޯބަރ/ ނޮވެމްބަރ 2025ގައި އޯލެވެލް ހަދާނެއެވެ. ދެ ގްރޫޕެއްގެ ދަރިވަރުން އޯލެވެލް އިމްތިޙާނަށް ތައްޔާރު ކުރުން ސްކޫލުތަކަށް ފަސޭހަކަމަކަށް ނުވާނެއެވެ. އަދި ފެންވަރު ރަނގަޅު އިތުރު ޓީޗަރުން ވެސް މިކަމަށް ބޭނުންވާނެއެވެ. މިކަން ކަމުގެ ޕްލޭނެއް މިނިސްޓަރީ އިން ހާމަކުރައްވާފައެއް ނުވެއެވެ.

ނިންމުން: 

އިސްވެ ބަޔާންކުރެވިފައި ވާގޮތަށް ދިރާސީ އަހަރު ބަދަލުކޮށް ޖަނަވަރީ 2026 ގައި ސްކޫލުތައް ފެށުމުން ސަރުކާރުގެ ވައުދު ފުއްދުނީ ކަމަށް ބެލިދާނެތޯއެވެ. ނަމަވެސް ފާހަގަ ކޮއްލަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ.

ނިމުނު ސަރުކާރުން މުޅި ދުނިޔެއަށް ދިމާވި ޢާލަމީ ބަލިމަޑު ކަމުގެތެރޭގައި ދިވެހި ރާއްޖޭގައި ކިޔެވި ހުރިހާ ދަރިވަރުން 6 މަސް ދުވަސް ރިޕީޓް ކުރުވިއެވެ. ދަރިވަރުން ތަރުބިއްޔަތުކޮށް ތަޢުލީމް ދޭންވާނީ އުމުރާގުޅޭ ގޮތުން ކަމަށް ބަލައި ހުރިހާ ގައުމެއްގައި ވެސް ދަރިވަރުން ގުރޭޑް ބަދަލު ކުރިއިރު ދިވެހިރާއްޖޭގައި ދަރިވަރުން ރިޕީޓް ކުރުވި ސަބަބެއް ކަމަށް ވަފައި ވަނީ ޓުއަރިޒަމް އިންޑަސްޓްރީގެ އޮފް ސީޒަނާއި، ސްކޫލު ޗުއްޓީއާއި ދިމާކުރުންކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެބަދަލު ރަނގަޅު ކުރުމަށް ކަމަށް ބުނެ ތެޅިފޮޅިގަނެގެން މިހާރު މިހިންގާ ކަންކަމުގައި ވެސް ދަރިވަރުންނަށް ބޮޑެތި ގެއްލުންތައް ވާނެއެވެ. ތަޢުލީމަކީ ދެވޭ އިމްތިޙާނަކަށް ވުރެން ބޮޑަށް ދެވޭ ހުނަރާއި ތަރުބިއްޔަތުކަމުގައި ވާންޖެހެއެވެ.

2020ގެ ޢާލަމީ ބަލިމަޑުކަމުގައި ދިވެހި ކިޔަވާކުދިން 2 އަހަރު ހޭދަކޮށްފައި ވަނީ ސްކްރީންތައް ބެލުމާއި ފޮތުން ކިޔުވުމުގައެވެ. ތަރުބަވީ ވެއްޓެއް ކިޔެވުމަށް ލިބިފައެއް ނުވެއެވެ. އިޖްތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން މާބޮޑު ތަރުބިއްޔަތެއް ނުދެވި ފުރިހަމަ 2 އަހަރު ވަނީ ގެއްލިފައެވެ. އަނެއްކާ ވެސް އެދުވަސް މުދައްރިސުންނާއި ދަރިވަރުންނަށް އިޔާދަ ވެއްޖެ ކަހަލަ ނޫންތޯއެވެ. ސްކޫލްގެ ހުރިހާ ޙަރަކާތްތަކާއި، ކުރިން އޮތް އުފާވެރި މާޙައުލު މިޔަދު ޤުރުބާން ކުރަން މިޖެހުނީ އަނެއްކާ ވެސް ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށްތޯއެވެ.  ބަޔަކު މީހުންގެ ނަޒަރުގައި ވަރަށް މުހިންމު ކަމަކަށް ދެކުނެއްކަމަކު މިހިންގާ ކަންކަމުގައި އޮތޯ ކޮން ޢިލްމީ ބުރަދަނެއް ތޯއެވެ.

ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ދެވޭނީ ރަނގަޅަށް ޕްލޭންކުރެވި، ތައްޔާރުކުވިފައިވާ މާޙައުލެއްގައި ކިޔަވައި ދިނުމަށް ތައްޔާރުވެގެން ތިބި މުދައްރިސުން ކިޔަވައި ދީގެނެވެ. ތަޢުލީމީ ނިޒާމުގައި ރަނގަޅު ބަދަލެއް ނުގެނެވި ފެނިގެން މިދަނީ ހަމަ އެކަނި ސިޔާސީ ބޭނުމަކަށް މުޅި ނިޒާމު ގަޑުބަޑުކޮށް މުދައްރިސުންނަށް ކިޔަވައިދިނުމުގެ ވެށި ވެސް ގެއްލިފައިވާ މަންޒަރެވެ.  ދަރިވަރުންނަށް އުފާވެރި މާޙައުލެއްގައި ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށް ދޭން މަސައްކަތް ކުރުމުގެ ބަދަލުގަލުގައި ތަޢުލީމާ އެއްވެސް ގުޅުމެއް ނެތް މަޤްޞަދުތަކެއް ޙާޞިލްކުރުމަށް ދަރިވަރުންގެ ތަޢުލީމީ ޙަޔާތް ޤުރުބާންކޮށް މުދައްރިސުން ލައްވާ ރެޔާދުވާލު ޗުއްޓީ ވެސް ނުދީ މަސައްކަތް ކުރުވާ މަންޒަރެވެ. ދިވެހިރާއްޖެއަށް ބިދޭސީ މުދައްރިސުން ގެނައުން ހުއްޓުވަން ނިންމައިގެން ތިބިސަރުކާރުން މި ފެންނަމުން ދަނީ މުދައްރިސުން ތަޢުލީމީ ދާއިރާ ދޫކޮށްލާނެ ހުރިހާކަމެއް ރާވަމުންދާ މަންޒަރެވެ.

11 Replies to “ޢިލްމީ ނަޒަރަކުން ދިރާސީ އަހަރު ބަދަލުކުރުމުގެ އެފުށް މިފުށް”

  1. Setu

    Varah rangalhu vaahakAthake

  2. ޔާމީން

    މި ލިޔުމުގައި އޮށްޓަރު އެބަހުއްޓެވެ. ޑައިގްރަމެޓިކް ކޮށް މި ވާގޮތް، ގެނސްދެއްވިނަމަ ވިސްނައިގަންނަން ބައެއް މީހުންނަށް ފަޭހަވާނެއެވެ.

  3. ޑރ. ސްމޯލް

    މާމޮޅަށް ދިރާސާކުރާ ޑރ. އަޙްމަދު މުޙައްމަދެއް ހުރެގެން އަހަރެމެންގެ ޅަދަރިންގެ ކިޔެވުން ހަލާކުރާނެ ގޮތެއް ހޯދަނީ! ޒިންމާދާރު ކުރުވާނަން ގޯހެއް ވެއްޖެ ނަމަ! އަދި ވޯޓް ހޯދަން ނާންނާތި!

  4. ކަޅުބެ

    ދެފަހަރަކު އެކައްޗެއް ކިޔާ މީހަކު ތިޔަ މިނިސްޓަރީއަކު ނެތް. މިހާރު ކިޔާނީ އޯލެވެލް ހަދަން ރަނގަޅީ 3 އަހަރު ކިޔަވައިގެނނޭ. މީ ޖެހިފައިވާ މުސީބާތެއް

    1. Rashu mohonaa

      GCE OLevel hadhan rangalhee grade 8 ga syllabus feshumah fahu 3 aharu kiyawaigen, ekamu mihaaru raajeyga hadhanee IGCSE OLevel, eyee Africa fadha warah fageeru adhi thauleemee nozaameih neoh gaumu thalah amaazu kohgen hadhaafa oiy syllabus eih, e syllabus raaheyga kurin kiyawadhin usoolun nama grade 9 akun nimeyne adhi exam wes hedheyne, raajeyge ebbai amilla school thakuga beleniwerin nah e option dheefa wes ebahuri, eyrun grade 10 skip koh 11 ah dheweyne. Ministry in sarukaaru school thaluga nukuraa sababeih kamah belewenee kurin GCE hedhi iru oiy saqaafathah maa bodah heynifa otheema kamah belewenee.

  5. ޖާބެ

    މުންޖޭ ކިޔާބައެއް! ކޮންމެ 5 އަހަރަކުން މި ބޮޑު އަންބުރާނެ.

  6. ބޮއްބެ

    ތިޔަ ކުޅެނީ ޅަދަރިންގެ ކިޔެވުމާ ސަމާސާ އަކަށް ނުވާނެ ްިއިނގޭ! މިތިބީ ވަރަަށް ރަގަޅަށް ބަލަން ތިޔަ ޖަހާ ސަކަރާތް!

  7. Naseem

    Dhiraasaa akahvvure faasukiyun ithuru. Asluga mi badhaluhe sababun dharivarunge ungenumah faahagakureveyvaruge unikameh noannaane.

  8. Education Minister

    މަޤާމެއް ހަމަ ލިބޭ އިރަށް އެންމެ މޮޅު މީހާއަށް ވާން އުޅޭނީ ތިޔަ ނިނިސްޓްރީން ދެމީހަކު އެކައްޗެއް ނުކިޔާ! އާ ކުކުޅަކަށް ގާ ބިހެއް އެޅިގެން ޗަކަ ޗަކަ ދަޅުވަނީ ތިބެގެން!

  9. Principal

    ތަން ތަނަށް ގަބުޅިން ލީމާ ވާނެގޮތް މިވަނީ! ގަބުޅި އިއްސޭ އާއި ކުރިޅި އަހުމަދު ތިޔަ މިނިސްޓްރީ ހަލާކުކޮށްލާނެ! އަހުމަދު ޢަލީ އަށް ސަލާމް!

  10. Hafeeza

    ިއިރުކޮޅު ކޮޅާ ދިރާސީ އަހަރު ބަދަލުކުރަން ހަމަ ޖެހޭތޯ! އެވެސް ދެން ހަމަ ރިޔާސީ ވަޢުދެއްތޯ؟

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި