އުސްތާޛް ޒަކީ

ޣައްޒާ އާއި ދެކޮޅަށް ހިންގާ ޢުދުވާންގައި އިޒްރޭލަށް ކާމިޔާބު ވާގޮތް ނުވާތީ ޓޭންކްތައް އަނބުރާ ގެންދަން ފަށައިފި.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާޢަތާ ދެކޮޅަށް ފެށި ހަނގުރާމަ ކާމިޔާބުވާނޭކަމުގެ އުންމީދެއް ނެތުމުން ޓޭންކްތައް އަނބުރާ ގެންދަން ފަށައިފިއެވެ.

މިހާތަނަށް ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ޝަހީދުކޮށްލާފައި ވީނަމަވެސް ހަމާސް ޖަމާޢަތުގެ މުޖާހިދުންގެ ލަޝްކަރު އަދިވެސް ފޫއަޅުވައި ނުލެވެއެވެ. އަދި ނިސްބަތުން ޝަހީދުކޮށްލެވިފައި ވަނީ ވެސް މަދު ޢަދަދެއްގެ މުޖާހިދުންނެވެ. އެހެން ނަމަވެސް އިޒްރޭލްގެ ވަރަށް ގިނަ ޢަދަދެއްގެ ސިފައިން ވަނީ މަރުވެފައެވެ. އަދި ގިނަ ޢަދަދެއްގެ ޓޭންކްތަކާއި ހަތިޔާރު އެޅި އުޅަނދުތައް ވަނީ ގޮއްވާލާފައެވެ. ބަދަލު ހިފުމަށް އިޒްރޭލް ސިފައިންނަށް ކުރެވޭހާ ވެސް ކަމަކީ އެއްވެސް ކުށެއް ނެތް ކުޑަކުދިންނާއި ޢާންމު ރައްޔިތުންތައް ޤަތުލުކޮށް ޝަހީދުކުރުމެވެ.

އަދި އެމެރިކާ އާއި އިނގިރޭސި ވިލާތުން ދުނިޔޭގެ ސަމާލުކަން ހޯދުމަށް ފެށި ކެމްޕެއިނަށް ވެސް ތަރްޙީބެއް ނުލިބުނުތާ މުޅި ދުނިޔޭގެ އެތަން މިތަނުގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލުންތައް ދަނީ އިތުރުވަމުން ވަރުގަދަ ވަމުންނެވެ. އަދި މީގެ އިތުރުން އިޒްރޭލްގެ އެތެރޭގައި ވެސް ސަރުކާރަށް އޮތް އިތުބާރު ގެއްލި، ދެކޮޅުވެރިކަމުގެ ޙަރަކާތްތައް ދަނީ ހިންގަމުންނެވެ. އަދި ބޮޑުވަޒީރު ނަތަންޔާހޫއަށް ކުރިން އޮތް ތާޢީދާ އިތުބާރު މިހާރު ވަނީ ގެއްލިފައެވެ.

މީގެ އިތުރުން ޔަމަނާއި ލުބުނާނުން ދެމުން ގެންދާ ޙަމަލާތައް ވަރުގަދަ ވުމާއި، ރަތްކަނޑު ހުރަސްކޮށް އިޒްރޭލަށް ވިޔަފާރި މުދާ ގެންދިއުމަށް ހުރަސް އެޅި އިޤްތިޞާދީ ގޮތުން ވެސް ބޮޑު އަޑިގަނޑަކަށް އިޒްރޭލް ދަނީ ވެއްޓެމުންނެވެ. މިހާތަނަށް ބަދަލުކުރި ޙަމަލާތަކުގައި ލިބުނު ކުރިއެެރުންތަކަށް ވުރެން ގިނައީ ލިބުނު ބޮޑެތި ގެއްލުންތަކެވެ. އަދި އެމީހުން އަންދާޒާކުރި ގޮތަށް ހަމާސްގެ އަތުން ހަތިޔާރު ހުހެއް ވެސް ނުވިއެވެ. އެހެނީ ހަތިޔާރު އަމިއްލައަށް އުފެއްދުމުގެ ޤާބިލްކަމާއި ޓެކްނޮލޮޖީ ވަނީ ހަމާސް އިން ތަރައްޤީކޮށްފައެވެ.

އަދި ބިމުގެ އަޑީގައި ހަދާފައިވާ ޓަނަލްތަކުގައި ހަނގުރާމައެއް ކުރުމަކީ އިޒްރޭލް ސިފައިންނަށް ލިބިފައިވާ ތަމްރީނެއް ނޫނެވެ. އެހެންކަމުން އޭގެ ފައިދާ ހަމާސްގެ މުޖާހިދުން ގެންދަނީ ވަރަށް ފުރިހަމައަށް ހިފަމުންނެވެ. އެގޮތުން ހުއްޓުމެއް ނެތި ޙަމަލާތައް ދިނުމުގެ ބަދަލުގައި، އިޒްރޭލް ސިފައިން ޖަމާވާ ވަގުތުތަކުގައި ކުއްލި ޙަމަލާތައް ދީފައި ފިލަނީއެވެ. މިކަމަށް އިޒްރޭލްގެ ސިފައިން ތިބީ ތައްޔާރުވެފައެއް ނޫނެވެ. އަދި މިކަމަކީ އިޒްރޭލް ސިފައިންނަށް ބަރުދާސްތުކުރެވޭ ވަރުގެ ކަމަކަށް ވަނީ ނުވެފައެވެ.

ހަނގުރާމަތައް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާގޮތުގައި އިޒްރޭލަށް ޣައްޒާ ހަނގުރާމަ ކާމިޔާބެއް ނުކުރެވޭނެއެވެ. އަދި ހަނގުރާމަ ހުއްޓައި ނުލާ ކުރާނަމަ އެތަކެއް އަހަރުތަކަކަށް ދެމިގެންދާނެއެވެ.