7 އޮކްޓޯބަރ 2023 ވީ ހޮނިހިރު ދުވަހު އަމިއްލަ ވަޠަންގެ ދިފާޢުގައި ޢަދާވާތްތެރި އިޒްރޭލަށް ކުއްލި ޙަމަލާތަކެއް ދީ މުޅި ދުނިޔެ ސިއްސުވާލީ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާޢަތުގެ ހިތްވަރު ގަދަ މުޖާހިދުންނެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އަޝްކަރިއްޔާ އާއި، ޒަމާނީ އިންޓަލިޖެންސްގެ ޚިދުމަތާއި، ހަތިޔާރުގެ ޤާބިލްކަން އޮތް ޤައުމަކަށް ހަމާސް ފަދަ ކުޑަ ޖަމާޢަތަކަށް ޙަމަލާ ދެވިގެން ނުވާނެކަމަށާއި، އިޒްރޭލްގެ ދިފާޢީ ނިޒާމަށް އޮތް އިތުބާރާއި ޔަޤީންކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. އަދި ޣައްޒާ ހަނގުރާމައަށް ތިން މަހައް ވުރެން ގިނަ ދުވަސް ވެފައި ވާއިރު، ހަމާސް ބަލިކަށިވެފައި ވާތަނެއް ވެސް ނުފެނެއެވެ.
އިޒްރޭލުން އަވަސްވެގަތީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި، ހުޅަނގުގެ ޤައުމުތަކުގެ ޙަމްދަރުދީ ހޯދުމަށެވެ. އެގޮތުން އެމީހުންގެ ހުރިހާ ބޮޑެތި މީޑިޔާތައް ބޭނުންކޮށްގެން ޚަބަރުތައް ފަތުރާފައި ވަނީ އިޒްރޭލްގައި ޢާންމު ރައްޔިތުންނާއި ކުޑަކުދިންތަކެއް އުފާ ފާޅުކުރުމުގެ ޙަފުލާއެއްގައި މަސްޢޫލްވެފައި ތިއްބާ ހަމާސް ހަނގުރާމަވެރިންގެ ފައުޖަކުން ޙަމަލާދީ އެތައް ބަޔަކު މަރާލައި، އަނެއް ބައި މީހުން ރަހީނުކޮށްފި ކަމަށެވެ. އަދި ހަމަ ވަގުތުން ވަގުތަށް އެމެރިކާގެ ރައީސް އާއި އިނގިރޭސި ބޮޑުވަޒީރު އިޒްރޭލަށް ޒިޔާރަތްކޮށް، ޙަމްދަރުދީ ފާޅުކޮށް، މިހާތަނަށް އިޢުލާންކުރި އެންމެ ބޮޑު އެހީގެ ޕެކޭޖް އިޢުލާންކުރެއްވި އެވެ. އަދި ހަތިޔާރާއި، ސިފައިން ވެސް ފޮނުއްވިއެވެ. ފުރަތަމަ ސިފަން ފޮނުވީ އިޒްރޭލްގެ ސިފައިންނަށް އެހީތެރިވުމަށް ކަމަށް ބުނެއެވެ. އެހެން ނަމަވެސް ފަހުން ވަނީ ހަނގުރާމައިގާ ބައިވެރި ވެސް ވެފައެވެ.
އެއް ހަފުތާ ވަންދެން ހުއްޓައި ނުލާ ވައިގެ މަގުން ބޮންތައް އެޅުމަށް ފަހު ޣައްޒާ ހިފުމަށް އެއްގަމު މަގުން އެރިއެވެ. އެހެން ނަމަވެސް އިޒްރޭލްގެ ސިފައިންނަށް ލިބުނީ ބޮޑު ހައިރާންކަމަކާއި ބިރުވެރިކަމެކެވެ. ހަމާސްގެ ހަނގުރާމަވެރިން ނިކުންނަ ތަނެއް ވެސް ނޭނގި އެމީހުންގެ އަމާޒުތަކަށް ޙަމާދީ ގެއްލުންތައް ދޭން ފެށިއެވެ. އިޒްރޭލް ސިފައިންނަށް ތަޙައްމަލް ކުރެވޭ ވަރުގެ ކަމަކަށް ނުވުމުން އެމެރިކާގެ ރާޑަރުތައް ބޭނުންކޮށްގެން ބެލި އިރު ފެނުނީ ބިމުއަޑީގައި އިންޖިނިއާރކޮށް، ތަރައްޤީކޮށްފައިވާ ޓަނަލްތަކާއި ބިންގަރާސްތަކެވެ. އެކަމުން ލިބުނު ބިރުވެރިކަމުގެ ސަބަބުން ވައިގެ މަގުން ބޮންއެޅުން އިހުނަށް ވުރެން އިތުރުކޮށްފައި ވެއެވެ.
އިޒްރޭލްގެ ވައިގެ ޙަމަލާތައް އެއްވެސް ބެލުމެއް ނެތި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ކުށެއް ނެތް ޢާންމު ރައްޔިތުންގެ ތެރެއިން މިހާތަނަށް 25000 މީހުން ޝަހީދުވެ، 60000 މީހުން ޒަޚަމްވެފައި ވެއެވެ. އެހެން ނަމަވެސް އިޒްރޭލުން ހީކުޅަގޮތާ ޚިލާފަށް ޣައްޒާގެ ރައްޔިތުންގެ އަޤީދާ ބަލިކަށި ވުމުގެ ބަދަލުގައި އެމީހުންގެ އަޤީދާ އިހުނަށް ވުރެން ވެސް ސާބިތުވެގެން ހިނގައްޖެއެވެ. އަދި ނިމިވަން މުސްތަޤިއްލު ދަޢުލަތެއް ޤާއިމްކުރުމަށް ހުރަމުންދާ ޖިހާދުގައި ފަހަތަށް ޖެހުމެއް ނެތެވެ. އަދި މުޅި ދުނިޔެއަށް ވެސް ޔަޤީންކޮށްދިނީ އެމީހުންގެ ޙައްޤުތައް ހޯދުމުގައި ޖާނާ މާލުން ޤުރުބާން ވާން ތިބިކަމެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް މިހާރު ޤަބޫލުކުރާ ގޮތުގައި ފަލަސްޠީންގައި މިނިވަން ދަޢުލަތެއް އުފެއްދުން ނޫންގޮތަކަށް މި މައްސަލަ ޙައްލު ނުކުރެވޭނެކަމަށެވެ.