ޣައްޒާގެ ޙާލަތު ވަރަށް ބޮޑަށް ނާޒުކު ވެފައި މިވާ ދަނޑިވަޅުގައި އެއްކޮޅުން ޣައްޒާގެ އުތުރުގެ ސަރަޙައްދުތައް ތަޅާ ސުންނާފަތި ކުރާއިރު، އަނެއްކޮޅުން ދެކުނުގައި ރަފަޙުގައި ވަގުތީ ބޯހިޔާވަހިކަމުގައި ފޭލިގެ ތަކުގައި އިންތިހާ ފިނީގައި އެއްވެސް ރައްކާތެރިކަމެއް ނެތި ހާމައަށް ތިބި މިލައަނަކަށް ވުރެ ގިނަ މައުސޫމް ރައްޔިތުން ޤަތުލުކޮށް މަރައި ފައްސާލުމަށް ދަނީ ޙީލަތްތެރިކަމާއެކު ރާވަމުންނެވެ.
ޒަޔަނިސްޓުންގެ ބޭނުމަކީ ޙީލަތްތެރިކަމާއި ގަދަބާރުން ޣައްޒާގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކޮށްލައި، ޔަހޫދީން ވަޒަންެވެރި ކުރުމެވެ. މިކަމުގެ މަދަދުގާރުންނަކީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި، ހުޅަނގުގެ ޤައުމުތަކެވެ. އަދި މިހުރިހާކމެއް ހިންގަމުން އެގެންދަނީ އިންސާނީ ޙައްޤުގެ މަކަރުވެރިކަމުގެ ހިޔަނީގައެވެ.
ޣައްޒާގެ މުޖާހިދުންނާއި، އެންމެހާ ޢާންމު ރައްޔިތުން ޝާމިލްވާގޮތުން އެމީހުންގެ މިނިވަންކަމާއި ރައްކާތެރިކަމަށް ޖިހާދުކޮށް ޤުރުބާންވަމުން ދާއިރު ހިތާމައަކީ މުސްލިމުންނީ އެއްހަށިގަނޑެއް ފަދަ ބަޔަކަށް ބަޔަކަށް ވާންޖެހޭ ބަޔަކަށް ވާހިނދު ވެސް، ޢަރަބި މުސްލިމް ޤައުމުތަކަށް އިސް އުފުލާލައި ބަލައިލަން ނުކެރޭތާ އެމީހުން އިތުރަށް ނިކަމެތި ކޮށްލަން ދޫކޮށްލަނީއެވެ. އަދި މުސްލިމް ބައެއް ޤައުމުތަކުގެ ބޯޑަރުތަކުން ހިޔާވަހިކަމެއް ނުލިބޭތާ ޢަދާވާތްތެރިންގެ ޙަމަލާތައް ރާވާ މަރުކަޒުތަކަކަށް ވަނީ ވެފައެވެ.
ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގައި ޝަހީދުވެގެންދިޔަ ޢާންމު ރައްޔިތުންގެ ޞައްޙަ ހިސާބެއް ދުނިޔޭގެ އެއްވެސް އިދާރާއަކަށް ބެލެހެއްޓިފައި ނެތުމުގެ އިތުރުން މައުޞޫމް ކުޑަކުދިންނާއި އަންހެނުންގެ ފުރާނަނެތް ހަށިތައް ފަސްދާނުލެވޭނެ ގޮތެއް ނެތި މަގުތަކުގައި ވީރާނާވެ ބުޅާ ކަމުންދާ މަންޒަރުތައް ފެނި ހިތަށް އަސަރެއް ނުކުރޭތޯއެވެ.