ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަަޑައިގަތުމަށް ވެވަޑައިގަތް އެންމެ ބޮޑު އެއް ވަޢުދަކީ ރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިޔާ ސިފައިން ބޭލުމެވެ. އެހެން ނަމަވެސް ނަތީޖާ އޮތީ އަދިވެސް ސުމެއްގައެވެ.
ދިވެހިރާއްޖޭގައި އެއްވެސް ބޭރު ޤައުމެއްގެ ސިފައިން ޤާއިމުވެގެން ތިބުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާ ކަމެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ޑރ. މުޢިއްޒު އިންޑިޔާ ސިފައިން ފޮނުވާލައްވާނެކަމަށް ވަޢުދު ވެވަޑައިގަތުމާއި، ޤައުމިއްޔަތުގެ ރޫޙް ނަގަހައްޓަވާ ދަމަހައްޓަވާނެކަމަށް ހަރުއަޑުން ގޮވާލެއްވި ގޮވާލެއްވުމަށް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއްގެ މީހުން އިޖާބަދިނެވެ. އަދި އެއީ އިޚްލާޞްތެރި ހިތަކައިގެން ގޮވާލެއްވި ގޮވާލެއްވުމެއްތޯ ނޫންތޯ ބަލައިލަން ވެސް މީހުން ބޭނުމެއް ނުވިމެއެވެ. އެހެނީ އެއީ ދިވެހީންނަށް އެހާވެސް ޙައްސާސް މައްސަލައެކެވެ.
އެހެން ނަމަވެސް ރައީސް މުޢިއްޒުގެ ރާގު މިމައްސަަލައިގާ ބަދަލުވެއްޖެއެވެ. އިންޑިޔާ ސިފައިން ބޭލުމަކީ ފަސޭހަކަމެއް ނޫންކަމާއި، ޔުނީފޯމް އެޅި ސިފައިންގެ ބަދަލުގައި ޔުނީފޯމް ނާޅާ މީހުން މަދަނީ ބައެއްގެ ގޮތުގައި ހެލިކޮޕްޓަރާ ޑޯނިޔާ މަތިންދާބޯޓް ދުއްވަން އިންޑިޔާ މީހުން ތިބުމަށް އެއްބަސް ވެއްޖެކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އެހެންކަމުން އިންޑިޔާ ސިފައިން ބޭލުމުގެ ބަދަލުގައި އެމީހުންގެ ޔުނިފޯމް ބާލުވާފައި ވަޢުދު ފުއްދުނީކަމަށް ކަނޑައަޅައި ހެޔޮފާހަގަޖަހާލީތޯއެވެ.
އަނެއް ވަޢުދަކީ ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހު ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަންކުރެއްވުމަށް ވެވަޑައިގަތް މަތިވެރި ވަޢުދުފުޅެވެ. ސަރުކާރަށް 2 މަސްދުވަސް ވެގެންދިޔަ އިރުވެސް ރައީސް ޔާމީނަށް އިންސާފު ނުލިބި ހުންނެވީ ބަންދުގައެވެ. އަދި ނުވިތާކަށް އެމަނިކުފާނު އެކަހެރިކޮށްލައްވާ ޕާޓީން ވެސް ވަނީ ބޭރުކޮށްލާފައެވެ. އަދި ބަހާ ޢަމަލާ ދިމާވާނެ މީހެއްކަމަށް ތަކުރާރުކޮށް ވިދާޅުވި ވިދާޅުވުން ކެންސަލް ކުރެއްވީތޯއެވެ. ވަޢުދު ފުއްދުމުގައި ރައީސް މުޢިއްޒަކީ ރަނގަޅު މިސާލެއްގެ ގޮތުގައި ބެލުމަށް އެއްވެސް ފުުރުޞަތެއް މިހާރު އެބަ އޮތްތޯއެވެ.
ސަރުކާރުގެ އިސް މަޤާމުތަކަށް ތަޢުލީމީ ޤާބިލް މީހުން އައްޔަންކުރައްވާނެކަމަށް ވެވަޑައިގަތް ވަޢުދުފުޅުގައި ވެސް ޖެއްސެވީ ކޮޅުފައިން ނޫންތޯއެވެ. އަދި މަސްވެރިންނަށް ވަގުތުން ފައިސާ ދެއްވުމަށާއި، ހަމަ އަގު ހޯއްދަވައިދެއްވުމަށް ވެވަޑައިގަތް ވަޢުދުފުޅުގެ މަތިން ވެސް ހަނދުމަފުޅު ނެތުނީތޯއެވެ.
One Reply to “އިންޑިޔާ ސިފައިންނެއް ނުބޭލުން، ބޭލުނީ އެމީހުންގެ ޔުނީފޯމް!”
Anonymous
V.ragalhu liyumeh
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި