މިލައުތުރު

އައިއެމްއެފް ޕްރޮގްރާމަށް ދިއުމުން ދެން ވާނީ ކިހިނެތް؟

ސަރުކާރުގެ މާލީ ޙާލަތު ދަށްވެ ހިންގުމަށް ދަތިވާ ހިސާބަށް ގޮސްފައި ވާތީ އިޤްތިޞާދީ އަދި މާލީ ވަޅުގަނޑުން އަރައިގަތުމަށް އައިއެމްއެފް ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްބަސްވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމެއްގެ ސަބަބުން ދޭދޭ ޤައުމުތަކަށް ކުރިމަތިވާ އިޤްތިޞާދީ އަދި މާލީ ދަތިތަކުން އަރައިގަތުމަށް އައިއެމްއެފުން އެހީތެރިކަން ފޯރުކޮށްދެއްވައެވެ. އަދި އެކަމަށްޓަކައި ޤައުމުތަކުން އަދާކުރަންޖެހޭ އަގު ވަރަށް ވެސް ބޮޑު ވާނެއެވެ. އެގޮތުން އައިއެމްއެފްގެ ޕެކޭޖެއްގައި ބައިވެރިވާނަމަ އެ އިދާރާއިން ކަނޑައަޅާ ހުރިހާ ޝަރުތުތައް ފުރިހަމަ ކުރުން ސަރުކާރަށް ލާޒިމުވާނެއެވެ. އެއީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖައްސާލުމާއި، ހިންގުމުގެ ޚަރަދުތައް ކުޑަކުރުމާއި، ސިވިލް ސާރވިސް މުވައްޒަފުން މަދުކުރުމާއި، މުސާރަތައް ކުޑަކުރުން ކަމުގައި ވެސް ވެދާނެއެވެ. އަދި ސިޔާސީ މަޤާމުތަކަށް އައްޔަންކުރާ މީހުންގެ ޢަދަދު މަދުކުރުން ކަމުގައި ވެސް ވެދާނެއެވެ.

އައިއެމްއެފްގެ ޕްރޮގްރާމްގެ ދަށުން އެމީހުންދޭ ފަންނީ ލަފަޔާއި އިރުޝާދުތަކަށް ތަބާވުން ސަރުކާރަށް ލާޒިމް ވާނެއެވެ. އެހެނީ އައިއެމްއެފްގެ އަމާޒަކަށް ވާނީ ޤައުމަށް ދިމާވެފައި އޮތް ދަތިކަމުން ވީ އެންމެ އަަވަސް ފުރުޞަތެއްގެ ތެރޭގައި ނެރެ އިޤްތިޞާދު ބަނގުރޫޓް ވުމުން ސަލާމަތް ކުރުމެވެ. އެފަދަ ޙާލަތެއްގައި އައިއެމްއެފް ޕެކޭޖެއްގައި ބައިވެރިވެ އެހީތެރިކަން ހޯދާ ނަމަ ހިތިބޭސް ވެސް ބޯންޖެހޭނެއެވެ.

ދިވެހިރާއްޖެއަށް އައިއެމްއެފް ޕްރޮގްރާމެއްގައި ބައިވެރިވާން ޖެހޭ ފަދަ ޙާލަތެއް ޙަޤީޤަތުގައި ވެސް ކުރިމަތި ވީތޯ މީހުން ސުވާލު އުފައްދަން ވަނީ ފަށާފައެވެ. އަދި އެހިސާބަށް ކަން ކަން ދިޔައީ ކީއްވެތޯ އާއި ރައްޔިތުންނަށް ސާފު މަޢުލޫމާތު ނުދޭތީ ކަންބޮޑުވާ މީހުން ވެސް ވަރަށް ގިނައެވެ.

ކުރިއަށް އޮތީ ރަމަޞާން މަސްކަމަށް ވެފައި، ވަޒީފާތައް މަދުކޮށް މުސާރަތައް ކުޑަކުރަން ޖެހިއްޖެ ނަމަ ތަޙައްމަލްކުރަން ޖެހިދާނެ ތަކުލީފާ ހިތްދަތިކަމާ މެދު މީހުން ކަންބޮޑުވާން ފަށައިފިއެވެ. ޤައުމުގެ މާލީ ޙާލަތު ސާފުކޮށް ބަޔާންކޮށް ނުދޭތީ، ފަރުދީ ގޮތުން ކުރެވިދާނެ ކަންކަމަށް ތައްޔާރުވާން ވެސް ނޭނގޭ ކަމަށް ބައެއް މީހުން ބުނެ ކަންބޮޑުވުން ފާޅުކުރެއެވެ. އަދި ބައެއް މީހުން ތިބީ ޤައުމު ބަނގުރޫޓުވަނީ ކަމަށް ހީކޮށް ހަދާނެގޮތް ހުސްވެފައެވެ.