ކާނަލް މުޙައްމަދު ނާޒިމް ރިޔާސީ އިންތިޚާބަށް ފެއްޓެވި އުޖާލާ ޒަމާން ނިމި، އުޖާލާ ވެށްޓަކަށް ކެމްޕެއިން ފަށިގެން ކުރިއަށް ދަނީއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އުޖާލާޒަމާން ކަޓާފައި ވަނީ މުޅި ރާއްޖެއިން 2000 ވޯޓް ހަމަ ނުވެއެވެ.
ދަނގެތީ ދާއިރާގެ މިހާރުގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނާޒިމް މިފަހަރު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާއަށެވެ. އަދި ކާނަލް ނާޒިމް އަކީ ބޮޑު ސިޔާސީ ޕާޓީއެއްގެ ލީޑަރުކަމަށް ވާތީ އާއި، ވެރިކަންކުރާ އިއްތިހާދުގެ ބައިވެރިޔަކަށް ވެސް ވާތީ، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާފަންނު އުތުރު ދާއިރާއަށް ކެންޑިޑޭޓަކު ނެރެފައެއް ނުވެއެވެ. އަދި ޕްރައިމަރީއެއް ވެސް ބޭއްވުމަކާ ނުލާ އެ ފުރުޞަތު ވަނީ ނާޒިމަށް ދޫކޮށްލާފައެވެ. އެކަމާ ގުޅިގެން އުފެދުނު ހިތްހަމަ ނުޖެހުންތަކުގައި ޕީޕީއެމް އޮފީސްތެރޭގައި ހަމަ ނުޖެހުންތަކެއް ވެސް ހިނގާފައި ވެއެވެ.
ގިނަ ބައެއްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތް އެކައްޗަކީ ރިޔާސީ އިންތިޚާބުގައި ވެސް ނާޒިމްގެ ”އުޖާލާ“އަށް ރައްޔިތުން ބޮޑުކޮށް ނޫނެކޭ ބުނެފައި ވަނިކޮށް އަނެއްކާ ވެސް ކާނަލް ނާޒިމަށް އެންމެ ރީތިވީ ހަމަ ”އުޖާލާ“ އެވެ. އެހެންކަމުން އުޖާލާ ވެއްޓަކަށް ވާނެ ގޮތެއް ބެލުމުގެ ޝައުޤުވެރިކަން ބައެއް މީހުންގެ އެބަހުއްޓެވެ.