އައިޝަތު ވަޙީދާ

ލޯބީގެ ޙަޤީޤީ ވާހަކަ: “އެމައު” – ދެވަނަ ބައި

ދެމީހުން ވެސް އެކަކު އަނެކަކަށް ހިނިތުންވެލުމަށް ފަހު ދުވަހުގެ މަސައްކަތްތަކުގައި މަސްއޫލްވެއްޖެއެވެ. ދެމީހުންގެ މޫނުމަތީގައި ވެސް ވީ ހިތްހަމަޖެހުމާ އުފާވެރިކަމެވެ. ފެންނަ ފެނުމަށް ނުދަންނަހެން ހީނުވިތާ ހިތާ ހިތުގެ ގުޅުމުން ޖަރީވެފައިވާ ދެމީހުން ފަދައިން ލަދުރަކިވީ ނަމަވެސް އުފަލުން ފޮޅިފައެވެ. އެހިނދު ދެއްކިހާ ވާހަކައެއް ދެމީހުން ވެސް ދެއްކީ ލޮލުގެ އިޝާރާތުންނެވެ.

ދުވަހުގެ އޮފީސް ގަޑި ނިމި، ގެއަށްދާ ގަޑި ޖެހިއްޖެއެވެ. އޮފީސް އިމާރާތުގެ 8 ވަނަ ފަންގިފިލާގައި މަސައްކަތްކުރާ ގިނަ މުއައްޒަފުން ދުވަހަށް ކަނޑައެޅި މިންވަރަށް މަސައްކަތްތައް ނިންމާލުމަށް ފަހު ގެއަށް ގޮސްފިއެވެ. ކިއާރާ މާ އަވަދިނެތި އުޅޭތީ ތޯހިރަށް އެދިމައަށް ނަޒަރު ހިންގާލެވުނު ވަގުތެވެ. ވަރަށް ބާރަށް ހަޅޭއްލަވައިގެންފައި ދުއްވައިގެންފިއެވެ. އެވަގުތު ތޯހިރު ވެސް އަވަސް އަވަހަށް އެދިމާއަށް ދުއްވައިގަތީ ވީގޮތެއް ބެލުމަށާ އެހީތެރިވުމަށެވެ. ބަލަން ބަލާކަށް ނެތެވެ. ފެނުމާއެކު ދުވެފައި އައިސް އޮޅުލައިގެންފިއެވެ. “މޭޒުދަށުން ކުރަފި ހިލިއްޖެ” ކިއާރާ ގޮވަމުންދިޔައެވެ.

“ކިއާރާ އިހަށް ހަމަޖެހިބަލާ! ކިހިނެތްތަ ވީ؟” ތޯހިރު ސުވާލުކޮށްލިއެވެ.

“ކުރަފި ދެކެ ވަރަށް ބިރުގަނޭ! މޭޒުދަށުގައި ބައިވަރު ކުރަފި އެބައުޅޭ! އަޅެ ޕްލީޒް އަހަރެންގެ ލެޕްޓޮޕް ގެނެސްދީ! ދެން ދާނީ ގެއަށް!” ކިއާރާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. އަދި ހަމަ އެވަގުތު ތޯހިރު އެތަނަށް ގޮސް ކިއާރާގެ ލެޕްޓޮޕް ނަގައިގެން ގެނެސްދީފިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ! މިއަދު ވަރަށް އުނދަގޫ ކުރެވިއްޖެ ދޯ!” ޖަޒުބާތީ ގޮތަކަށް ކިއާރާ ބުނެލިއެވެ.

އޮފީސް ނިންމާލުމަށް ފަހު ގެއަށް ދިއުމަށްޓަކައި ދެމީހުން ވެސް ނިކުތީ އެކު އެކީގައެވެ. ފަހަރެއްގައި ވެސް އެއީ އެއްވެސް މީހަކު ގަސްދުގައި ރާވައިގެން ތަދުބީރުކުރި ކުރުމެއް ނޫނެވެ. ހުރިހާކަމެއް ވެސް ވަމުން ދިޔައީ އިއްތިފާޤުންނެވެ. ލިފްޓް ތެރޭގައި ހަނުތިބުމަށް ފަހު ބޭރަށް ނިކުތް ވަގުތު ގެއަށް ލައިދެންހޭ ތޯހިރު އަހާލިއެވެ. އަދި ދެމީހުން ވެސް އެދުވަހު ގެއަށް ދިޔައީ އެކުގައެވެ.

ތޯހިރުއާ ކިއާރާގެ ގުޅުން ވަރަށް ބޮޑަށް ގާތްވެ ރަޙްމަތްތެރިކަން އިތުރުވެއްޖެއެވެ. އަދި އޮފީސްތެރޭގައި ވެސް އެ ދެމީހުންނަކީ ވަރަށް ގާތް ދެމީހުންގެ ގޮތުގައި އެންމެން ވެސް ބަލައިގެންފިއެވެ. ކޮންމެ ދުވަހަކު އޮފީހަށް އަންނީ އަދި ދަނީ ވެސް އެކުގައެވެ. އޮފީހުގައި ދިމާވާ ކޮންމެ ކަމެއްގައި އެކަކު އަނެކަކަށް އެހީތެރި ވެދީ އުޅެނީ ނުހަނު ހިތްހަމަޖެހުމާ އުފަލާއެކުގައެވެ. އަދި ބަދަލުގައި އެއްޗެއް ބޭނުންވާ ތަނެއް ވެސް އަމުދަކުން ނުފެނެއެވެ. އަދި ދެމީހުންގެ ރަޙްމަތްތެރި ގުޅުމަކީ މުޅި އޮފީހަށް ވެސް އެދުވަސްވަރު ރީތި ނަމޫނާއަކަށް ވެއްޖެއެވެ. އޮފީހުގައި ދޭދޭ މުއައްޒަފުންގެ މެދުގައި ވެސް ތޯހިރުއާ ކިއާރާގެ ވާހަކަ ދެެކެވެނީ ވަރަށް ރީތި މިސާލެއްގެ ގޮތުގައެވެ.

ތޯހިރު އަކީ ކިތަންމެ ސީނިޔަރ މުއައްޒަފެއް ކަމުގައި ވިޔަސް އެކަމެއް އޭނާގެ އެއްވެސް ޙަރަކާތަކުން ވެސް ކުރެވޭ މުޢާމަލާތަކުން ވެސް ނުފެނެއެވެ. ކިއާރާ ބޭނުންވާ ކޮންމެ ކަމެއް ވެސް ކޮށްދެނީ އެއްވެސް ޝަކުވާއެއް ނެތި ކުރާހިތުންނެވެ. އަދި ކިއާރާ ވެސް އެކަން ޤަބޫލުކުރަނީ އިޙްތިރާމާ ޝުކުރުވެރިކަމާ އެކުގައެވެ. ކިއާރާގެ ހިތުގައި ތޯހިރުއަށް އޮތް ޤަދަރު ދިޔައީ އިތުރު ވަމުންނެވެ. ވާހަކަދައްކާ މުއާމަލާތްތައް ކޮށްއުޅެނީ އަދަބު އިޙްތިރާމް އަދާކުރުމާ އެކުގައެވެ. އެހެން ހުރިހާ މުއައްޒަފުންނަށް ނަމޫނާއެއް ފަދައިންނެވެ. (ނުނިމޭ)

© 2023 milauthuru. All rights reserved.