“އަހަރެން ވަޒީފާއަށް އަންނަނީ ވެސް އޭނާއަށްޓަކައި. އޭނާ އެއްވެސް ވަޒީފާއަކަށް ނުގޮސް ގޭގައި ހުންނާތީ. އަދި އެންމެ ޒަރޫރީ ކަންކަން ކޮށްލާނެ މިންވަރަށް ވެސް ފައިސާއެއް ނެތުނީމާ. އެކަމަކު މިއަދު އޭނާއަށް އެކަމެއް ވެސް ނޭނގުނު. އަހަރެން އެއްލައިލީ ވަރަށް ހުތުރު އެއްޗެހި ވެސް ކިޔާފައި.” ކިއާރާ ފެންކަޅިވަމުން ކިޔައިދިނެވެ.
“އަހަރެން ފަޒާލް ނޫން މީހަކާ އެކު ދިރިއުޅެން ދުވަހަކު ވެސް ހިތަށް ވެސް ނާރާ. އަދި އޮފީހާ މަތިކޮށްފައި އަހަރެން ދޫކޮށްލަން ހެޔޮ ވެދާނެތަ. އަހަރެން ވަޒީފާއެއް އަދާކުރާކަށް ބޭނުމެއް ވެސް ނޫން.” ވަރުބަލިކަމާ އެކު ތޯހިރުގެ ކޮނޑުގައި ބޯއަޅާލުމަށް ފަހު ކިއާރާ ކިޔައިދެމުން ގެންދިޔައެވެ.
ދެމީހުން ވެސް ތިބީ އެކަކު އަނެކަކަށް ދެވޭނެ އެންމެ ބޮޑު ސަމާލުކަމެއް ދީގެންނެވެ. ތޯހިރު އިނީ ވަކިން ބޮޑަށް ސަމާލުކަން ދީގެން ކިއާރާ ދައްކާ ހުރިހާ ވާހަކައެއް ވެސް ކަނުލާ އަޑުއަހާށެވެ. ފެންނަ ފެނުމަށް ދެމީހުން ވެސް ތިބީ ވަރަށް ބޮޑަށް ދެރަވެފައެވެ. ތޯހިރުގެ އެންމެ ގާތް އެކުވެރިޔާއަށް ކުއްލިގޮތަކަށް ލިބުނު ހިތާމައިގެ ސަބަބުން ހިތްދަތިވެފައެވެ. ކިއާރާގެ ހިތަށް ތަސައްލީއެއް ލިބޭނެ ކޮންމެ ކަމެއް ކޮށްދިނުމަށް ހުރީ ތައްޔާރަށެވެ. އަދި ޙާލަތުގެ ނާޒުކުކަމުން ކަންބޮޑުވެ ހާސްވެފައެވެ. އިތުރަށް ޔަޤީންކޮށްލުމުގެ މަޤުސަދުގައި ވެސް ބައެއް ވާހަކަތައް އަހާލަން ވެސް ނުކެރިފައެވެ. ކިއާރާ އިތުރަށް ދެރަވެދާނެތީއެވެ. ކިއާރާގެ ރީތި ދެލޮލުން އިތުރަށް އެންމެ ކަރުނަތިއްކެއް ވެސް އަޅާތަން ދެކެން ބޭނުން ނުވާތީއެވެ.
“ކިއާރާ ބޭނުންވާ އެއްވެސް ކަމެއް އެބައޮތްތޯ! އެއްވެސް ކަމެއް ބޭނުން ވެއްޖެ ނަމަ އަހަރެންގެ ގާތު ވެސް ބުނާތި. ކޮންދެވޭ ވަރުކަމެއް ވިއްޔާ އުފަލުން ކޮށްދޭނަން.” ތަޒުބާތީ ގޮތަކަށް ތޯހިރު އަހާލިއެވެ.
“އަހަރެން ބޭނުމީ އެންމެ ކަމެއް. އޮފީހުގައި އުޅޭހާ ދުވަހަކު އަހަރެންނާ އެކު ތިޔަ ގޮތުގައި އެންމެ ގާތް ރަޙުމަތްތެރިޔާގެ ގޮތުގައި ހުރެދޭތި.” ކިއާރާ ޖަވާބުގައި ބުނެލިއެވެ.
މިހުރިހާ ވާހަތަކެއް ދެކެވެމުންދިޔަ އިރު، ސްރީލަންކާގެ ވޭޓަރު އަންހެން ކުއްޖާ މަންޒަރު ބަލަން ދުރުގައި ހުއްޓެވެ. އަދި ކޮންމެ ވެސް ކަމެއް ގޯސްވެއްޖެ ކަން ޚުދު އޭނާއަށް ވެސް އެނގިއްޖެ ކަހަލައެވެ. އަދި ވަރަށް ޝައުޤުވެރި ވެފައި ހުރިތަން ތޯހިރުއަށް ފެނުނެވެ. އެ ދެމީހުންގެ މުޢާމަލާތްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކަނުލާ އަޑުއަހަމުން ގެންދިޔައެވެ. އެހާ ވެސް ޚާއްޞަ ދެ ކަސްޓަމަރުންކަން ޔަޤީނެވެ.
ވަރަށް ގިނަ ވާހަކަތައް ވަރަށް އަސާރާއެކު ކިޔައިދިނުމަށް ފަހު، ކިއާރާ ގެއަށް ލައިދިނުމަށް އެދުނެވެ. އަދި ބޭނުންވަނީ އަރާމްކޮށްލަން ކަމަށާ ރޭގައި ވެސް ނުނިދާ ޝަކުވާތަކުގައި އުޅެންޖެހުނުކަމަށް ބުނެ ޙާލަތާމެދު ޝަކުވާކުރިއެވެ. އެއީ މީގެ ކުރިން ކިއާރާގެ ފަރާތުން ދުވަހަކު ވެސް ފެނުނު ސިފައެއް ނޫނެވެ. ކިތަންމެ ބޮޑު ކަމެއް ޖެހުނަސް އެއްވެސް ޝަކުވާއެއް ނުކޮށް އެކަމެއް ތަޙައްމަލްކުރާނެއެވެ. އެއީ އޭނާގެ ހުންނަ ވަރަށް ރިވެތި އަދި ޚާއްޞަ ސިފައެކެވެ. އެދުވަހު ފެނުނީ އިންތިހާ ޖަރަޖައިގެ ހިތާމައިގާ ތަބީއަތު ބަދަލުވެގެންދިޔަ ތަނެވެ. ކިއާރާއަށް ކޮށްފައި ހުރި ފުން އަސަރު ފެނިފައި އޭނާ ދޫކޮށްލާކަށް ތޯހިރު ބޭނުމެއް ނުވިކަހަލައެވެ.
“ތިގެއަށް ދާނީ ފަހުން ދޯ! ހިނގާ އަހަރެމެން ގެއަށް!” ކިއާރާ ކުރެން އަހާލިއެވެ.
ތޯހިރުގެ ފަހަތުން ކިއާރާ ވެސް ނިކުމެއްޖެއެވެ. ފެންނަ ފެނުމަށް ދެމީހުން ވެސް ތިބީ ކޮންމެވެސް ވަރަކަށް ހިތުގެ އުދާސްތައް ފިލާ ހަމަޖެހިފައެވެ. ތޯހިރު ސައިކަލަށް އަރާފައި ކިއާރާއާ ދިމާލަށް ބައިލި ވަގުތު ޖަވާބެއްގެ ގޮތުން ސައިކަލު ފަހަތަށް އެރިއެވެ. އަދި ބޭއިޚްތިޔާރުގައި ތޯހިރުގެ ކޮނޑުގައި ކިއާރާއަށް ވަރަށް ބާރަށް ހިފަހައްޓާލެވުނެވެ. އެހިނދު ތޯހިރުއަށް ލިބުނު އަޖައިބުކުރުވަނިވި އިހުސާސްތަކާ އެކު ސައިކަލު ދުއްވާލިއެވެ. އަމީރު އަހުމަދު މަގުން ދުއްވާލާފައި ގޮސް ހެންވޭރުކޮޅުން ބޮޑުތަކުރުފާނު މަގަަށް ނިކުމެ އިސްޕީޑް ބާރުކޮށްލިއެވެ. އަދި މަޖީދީމަގުން ދުއްވާލާފައި އައިސް މާފަންނު ގަޑިބުރު ކައިރިއަށް އައުމަށް ފަހު، ޚިޔާލު ބަދަލުވެ ކިއާރާ ގޮވައިގެން ތޯހިރުގެ ގޭދޮށަށް މަޑުކޮށްލިއެވެ. އަދި އެއްވެސް އިތުރު ބަހެއް ވެސް ދެމީހުންކުރެ އެކަކުވެސް ބަހެއް ވެސް ބުނުމެއް ނެތި ފަތިސް ހަނދުވަރުގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ ތޯހިރުގެ އެޕާޓްމަންޓަށް ވަދެއްޖެއެވެ.
“ވަރަށް އަވަހަށް އެބަ އަންނަން ހެދުން ބަދަލުކޮށްލައިގެން އިނގޭ” ތޯހިރު ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.
ކިއާރާ ވެސް އަތްދަބަސް ބާއްވާލުމަށް ފަހު ސިޓިންރޫމްގައި ހުރި ސޯފާގައި އިށީނދެލިއެވެ. އަދި އެންމެ ރަނގަޅު ކަމަށް ބުނެ ޖަވާނުދިން އިރު ކިއާރާގެ މޫނުމަތިން ފެންނަމުން ދިޔައީ އަސަރުން ފުރިގެންވާ ޖަޒުބާތެކެވެ. އަދި މީހެއްގެ އޯގާތެރިކަމާ އަޅާލުމަަށް ނުހަނު ބޭނުންވެފައި އިން ބަލިމީހެއް ފަދައިން ތޯހިރަށް ބަލަން އިނެވެ.
ކޮޓަރިތެރެއަށް ވަނުމާއެކު ތޯހިރުގެ ހިތުގައި ޝުއޫރުތައް އުތުރެން ފެށިއެވެ. ކިއާރާއަށް ދިމާވި ހިތާމަވެރި ޙާލަތާ މެދު ހަމްދަރުދީވެ ލޮލުން ފެންކަޅިވިއެވެ. އަޖައިބެއް ފަދަ އިންސާނާ ބަދަލުވާ ގޮތާ ސަބަބު ނެތި ވެސް ވަކިވެދާގޮތް ހިތަށް ގެނެސްދިނީ ޢަލީ ރަމީޒުގެ ރީތި ލަވައަކުންނެވެ. އަދި ކިއާރާއަށް އެހީތެރިވެވޭނީ ކިހިނެތްތޯ އާއި ކިހާ މިންވަރަކަށްތޯ ހިތާ ހިތާ ސުވާލުކުރެވެމުން ދިޔައެވެ. އެހާ އުފަލާ މަޖަލުގައި ނުހަނު ފޮނި އުންމީދުތަކާއެކު ޒަވާޖީ ޙަޔާތުގެ ދަތުރަށް ފުރި އެރީތި ޒުވާނާގެ މުޅި ޙަޔާތް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަޅުފޮއި އަނދިރި މޫސުމަކަށް ބަދަލުވީއެވެ. އެމީހަކާ އެކު މުޅި ޙަޔާތް ވޭތުކުރުމަށް އުންމީދުކުރި މީހާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޚަަރާބުވީއެވެ. އެމީހެއް ދެކެ ކިއާރާ އެންމެ ލޯބިވީ މީހާ އޭނާގެ މައްޗަށް އަނިޔާވެރިކަން އިސްކުރީއެވެ. އޭނާގެ ރުއިމާ އާދޭސްތަކަށް ބީރުކަންފަތެއް ދިނީއެވެ.
ކިއާރާގެ ޙާލަތާ މެދު ނުހަނު ފުންކޮށް ވިސްނަމުން އަދި ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަމުން ވަރަށް ރަނގަޅަށް ތައްޔާރުވެލައިގެން ތޯހިރު ނިކުތީ ސިޓިންރޫމްގައި އިން ފިނިފެންމަލެއް ފަދަ ރީތި ކިއާރާއާ ވާހަކަދައްކާލުމަށެވެ. އަދި ބޭނުން ވަނީ ކޮންކަމެއްތޯ އަހާލާ އޮޅުންފިލުވާލުމަށެވެ. އަދި ވެދެވެން އޮތް ކޮންމެ އެހީއެއް ވެދޭނެކަމުގެ ޔަޤީންކަން ދިނުމަށެވެ. ތޯހިރަށް ލިބުނީ ބޮޑު ސިހުމެކެވެ. ވެފައި ހުރި ވަރުބަލިކަމުގައި ކިއާރާއަށް އޮތީ ސޯފާގައި ނިދިފައެވެ. އަތުން ކޮށްޓާލާ ގޮވާލަން ކިތަންމެ ބޭނުން ވިޔަސް ކިއާރާގެ އަރާމު ނިދިކޮޅުގެ ހުރަހަކަށް ވާކަށް ތޯހިރުގެ ހިތަކަށް ކުޅަދާނެއެއް ނުވިއެވެ. އަދި ކިއާރާގެ މޫނަށް ބަލަހައްޓައިގެން ތޯހިރަށް އިނދެވުނެވެ.
ނިދީގައި އޮވެ ކިއާރާ ވަރަށް ބާރަށް ތޯހިރުއަށް ގޮވާލިއެވެ. “އައްދޯއި! އައްދޯއި! މަށަކަށް ދެން ކެތެއް ނުވާނެ” ކިއާރާ ގޮވަމުންދިޔައެވެ. ތޯހިރު ވެސް އިތުރަށް ހައިރާންވެފައި ކިއާރާގެ ރީތި މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އަދި ކިއާރާގެ ނިތްކުރީގައި މަޑުމަޑުން ފިރުމާލިއެވެ. އެވަގުތު ކިއާރާއަށް ލޯހުޅުވާލެވުނެވެ. އަދި ތޯހިރުގެ ސީދާ ދެލޮލަށް ބަލަހައްޓައިގެން ބަސްހުއްޓިފައި އޮތެވެ. ތޯހިރުއަށް ވެސް ކިއާރާއަށް ބަލަހައްޓައިގެން އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއް ވެސް ނޭނގޭ ކަހަލައެވެ.
އިރުގަނޑަކަށް ފަހު ކިއާރާއަށް ވާހަކަދައްކާލެވޭ ވަރު ވެއްޖެއެވެ. އަދި އަވަސް އަވަހަށް ގެއަށް ދާން ބޭނުންވާ ކަމަށާއި، އޭނާގެ ދަރިފުޅު ކިއާންއަށް ކާއެއްޗެއް ދޭނެ މީހަކު ހުރިކަމެއް ވެސް ނޭނގެއޭ ކިޔާފައި ތޯހިރުގެ ދެކޮނޑުގައި ބާރަށް ހިފަހައްޓާލިއެވެ. އަދި އެވަގުތު ތޯހިރު ވެސް އަވަސްވެގަތީ ކިއާރާ ގޮވައިގެން ގެއަށް ދާށެވެ. އެހެން ނަމަވެސް ކިއާރާ ބޭނުންވީ ޓެކްސީއެއްގައި ދާށެވެ. ގެއަށް ދާތަނުން ނުވަތަ މަގުމަތިން ވިޔަސް ފަޒާލްގެ އުނދަގުލެއް ތޯހިރުއަށް ފޯރާފާނެތީއެވެ. އަދި ތޯހިރުއަށް އޮފީހުން އައިސް ރެސްޓް ކޮށްލެވޭ ވަރުވެސް ނުވާތީއެވެ.
ކިއާރާ އަމިއްލައަށް އަވަސްރައިޑުން ޓެކްސީއެއް ނަގައިގެން ގޮސްފިއެވެ. އަދި މުޅި ގޭތެރެއިން ކަރަންޓް ދިޔަކަހަލައެވެ. އަނދިރިވެ ފަޅުވެގެންދިޔައެވެ. އެވަގުތު ކިއާރާގެ ޚިޔާލްތަކަށް ގެނބެން ފެށިއެވެ. ކިއާރާގެ ޚުލްޤު ހެޔޮކަމާ މަޑުމަތިރިކަމާ ހިތްހެޔޮކަމާ އަޅާލުމަކީ އެފަދަ ދެވަނައެއް ނެތް މިސާލެކެވެ. އަދި އެހާ ރަނގަޅު އިންސާނަކަށް އެފަދަ ހިތްދަތި ގޮތެއް ދިމާވުމަކީ އެއްވެސް އިންސާފެއް ނޫނޭ ހިތާހިތާ ކިޔާލެވުނެވެ. އޭނާއަށް އެކަމުގައި ކޮށްދެވޭނީ ކޮންކަމެއްތޯ އާއި ކިއާރާ ބޭނުންވާނީ ކޮންކަމެއްތޯ ފިކުރުކުރެވެމުންދިޔައެވެ. އަދި ހިތުގައި ބޮޑު އަޒުމެއް ކަނޑައެޅިއެވެ. ކިއާރާ ކޮންމެ ފަދަ ކަމަކަށް އެދުނުކަމުގައި ވިޔަސް އެކަމެއް ކޮށްދިނުމަށް ހިތުން އަހުދުކަށަވަރު ހިފިއެވެ.
ކިއާރާ ގެއިން ނިކުންނަމުން ބުނެލި ބަސްތައް ހިތުތެރޭގައި ފަށްފަށް ވަމުންދިޔަ ވަގުތެވެ. ތޯހިރު ފަދަ ރަނގަޅު ރަޙްމަތްތެރިއެއް ލިބުމަކީ ހާދަހާ ބޮޑު ނިޢުމަތެކޭ ދޯއެވެ. ކިއާރާ ވަރަށް އުފާވާކަމަށާއި، އަބަދުވެސް އެގޮތުގައި ހުރެދިނުމަށް އެދެމުން ސިޑިން ތިރިއަށް ފައިބައިގެން ދިޔައެވެ. އަދި ކިއާރާ ސިޑިން ތިރިއަށް ފައިބައިގެން މަގުމައްޗަށް ނިކުމެ ޓެކްސީއަށް އަރަން ދެން އެމަންޒަރު ބަލަން ތޯހިރަށް ހުރެވުނެވެ. ކާރަށް އަރަމުން ވެސް ވޭނީ އާދޭހާއެކު ތޯހިރުއަށް އަތުން އިޝާރާތްކޮށްލިއެވެ. އަދި ތޯހިރު ވެސް ވަދާޢީ ސަލާމެއްގެ ގޮތުގައި އަތުން ހަނައަޅާލިއެވެ. ދެމީހުންގެ ހިތުގައި ވެސް ވަނީ ގޮތް ނޭނގޭ އިހުސާސްތަކެކެވެ. ތިހާމަ އާއި ވޭނާއި ކެކުޅުމާއެކު ހިތްހަމަޖެހުން ވެސް އެކުލެވޭ ފުން އިހުސާސްތަކެކެވެ.
ކޮޓަރިއަށް ވަދެ ތޯހިރު އޮށޯވެލީ ވަގުތެވެ. ކުއްލިއަކަށް އައީ ކިއާރާގެ ފޯން ކޯލެކެވެ. ކޮންމެވެސް ކަމެއް ބޮޑުވީއޭ ހިތާ އަވަސް އަވަހަށް ފޯނުނަގާފައި ކިއާރާއަށް ގޮވާލިއެވެ.
“އަހަރެން ބޭނުން މިރޭ ވެސް ތިގެއަށް ދާން، އެންމެ ރަނަގަޅު ތޯ؟” ކިއާރާ އަހާލިއެވެ.