މިލައުތުރު

ސިޔާސީ ބޭނުމަށް ކުޅޭ ވަޒީފާގެ ކުޅިގަނޑު ހުއްޓާލާކަށް ނުވޭތޯ؟

މިހާރަކަށް އައިސް އިންތިޚާބެއް ބޯމަތި ވެއްޖެ ނަމަ އެއީ ސަރުކާރު ވަޒީފާތައް ބަހާލާ މޫސުމަކަށް ވަނީ ވެފައެވެ. އެއްވެސް އިންސާފެއް ހަމައެއް ލަމައެއް ބެލުމެއް ނެތި ވޯޓު ހޯދުމުގެ ނިޔަތުގައި ވަޒީފާތައް ބަހާލުމުގެ ގެއްލުން އިންތިހާއަށް ރަށް ރަށުގެ މުޖުތަމަޢަށް ކުރަމުންދާއިރު ވެސް ވަޒީފާ ނޫން އެއްޗެއް ބޭނުމެއް ނުވެއެވެ.

އެއިރެއްގައި ސަރުކާރު އޮންނަ ބަޔަކު އިންތިޚާބުތަކުގައި ބޭނުންކުރާ އެންމެ ބޮޑު ނުފޫޒަކީ ވަޒީފާގެ ނުފޫޒެވެ. ކުފޫ ހަމަނުވާ ފަރާތްތަކަށް ވަޒީފާތައް ދިނުމާ ވަޒީފާތަކުގައި ތިބި މީހުންނަށް ވަޒީފާއިން ވަކިކުރުމުގެ ބިރުދެއްކުން ހިމެނެއެވެ. އަދި ރައްޔިތުންނަށް ވެސް މިކަމަކީ މިހާރު ފަރުވާލެއް އޮތް ކަމެއް ނޫނެވެ. އަދި ދީނީ ޢިލްމުވެރިންގެ ތާޖު އަޅުއްވައިގެން ތިއްބަވާ މުޖަމަޢުގެ ޤަަދަރު ލިބިގެންވާ ފަރާތްތަކަށް ވެސް މިއީ މައްސަލައަކަށް ނުވެއެވެ.

ދިވެހިރާއްޖޭގެ ގިނަ ރަށް ރަށުގައި ތިބި ހުނަރުވެރި މަސައްކަތްތެރިން އެމީހުން ކުރަމުންގެންދިޔަ މަސައްކަތްތައް ހުއްޓާލުމަށް ފަހު އެއްވެސް މަސައްކަތެއް ނުކޮށް މުސާރައެއް ލިބޭނެ ގޮތެއް ހޯދުމުގެ ނަތީޖާ ފެންނަނީ ވަރަށް ވެސް ކަޅުކޮށް އަދި ބަނަކޮށެވެ. ރަށް ރަށުގައި މަސައްކަތެއް ކޮށްލެވޭނެ މީހެއް ނެތިގެން ރައްޔިތުން ތަކުލީފު އުފުލާންޖެހޭ ދުވަސް އަތުވެއްޖެއެވެ. އިޤްތިޞާދީ ގޮތުން ލިބޭ ގެއްލުމުގެ އިތުރުން ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ވެސް ކޮށްލެވޭނެ ގޮތެއް ނެތިފައި ތިބެން ޖެހުމަކީ ހިތާމަހުރި ކަމެކެވެ.

ބިދޭސީންގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްލަން ޖެހުމުގެ ނަތީޖާ ވެސް ފެންނަނީ ނުރައްކާތެރި ގޮތަކަށެވެ. ދޭދޭ އާއިލާތައް ރޫޅެނީއެވެ. ވިޔަފާރިތައް ބަނގުރޫޓު ވަނީއެވެ. މުޖުތަމަޢު ފަސާދަވަނީއެވެ. އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓެނީއެވެ. ވަޒީފާއެއް ލިބުނަސް ހާސްކަމެއް ފިލާ ދާނެގޮތެއް ނުވެއެވެ. އަދިވެސް ދިވެހީން ހޭއަރާކަށް ނުވޭތޯއެވެ.