އޮފީހުގެ އަށް ވަނަ ފަންގިފިލާގެ ސައިކޮޓަރިއަށް ތޯހިރު ވަތް ވަގުތެކެވެ. ކުއްލި ސިހުމެއް ލިބުނީ ކިއާރާ ހުރިގޮތުންނެވެ. ތޯހިރުގެ މެޔަށް ފެން އެޅިކަހަލަ އިހުސާސެއް ކުރުވިއެވެ. މަޑު މަޑުން ދޮރު ލައްޕާލުމަށް ފަހު ކިއާރާ ގާތަށް ޖެހިލުމަށް ހިނގާގަތް އިރު ތޯހިރުގެ މޭގަނޑު ހުއްޓުމެއް ނެތި ތެޅެމުންދިޔައެވެ. ފުރަތަމަ ބުނާނެ އެއްޗަކާ ކުރާނެ ކަމެއް ވެސް ނޭނގޭ ހާލުގައި ހުރެ ކިއާރާގެ ގައިން ދުވާ މީރު ސެންޓުގެ ވަސް ފޯރާފަށަށް ގޮސްލިއެވެ. ކިއާރާގެ ގައިން ދުވާ ސެންޓުގެ މީރު ވަހުން ހިތަށް ފިނިކަން ލިބުނު ނަމަވެސް ތޯހިރުގެ ހިތަށް ޙަޤީޤީ ހިތްހަަމަޖެހުމެއް އަދި ނުލިބެއެވެ. ކިއާރާ ހުރި ޙާލަތެއް ޔަޤީން ނުވާތީއެވެ. އަދި އެފަދަ ޙާލަތެއްގައި ހުއްޓާ އޭގެ ކުރިން ދުވަހަކު ވެސް ފެނިފައި ވެސް ނުވާތީއެވެ. ސައިކޮޓަރީގައި ހުރެ ރޮއިރޮއި އެފަކީރު ހުރީ ގިސްފަށަކަށް ވެފައެވެ. ޖެހިފައި އެވާ ގިލަންވެރިކަމެއްގެ ބޮޑު ކުޑަމިނެއް ވެސް ނޭނގެއެވެ.
“ކިއާރާ ދެން ހާދަވަރަކަށޭ ތިޔަ ރޮނީ؟ ކިހިނެތްތޯ ވީ؟” ކިއާރާގެ ކޮންޑުގައި ތޯހިރުގެ އަތް ބާއްވާލުމަށް ފަހު އަހާލިއެވެ. ހަމަ އެވަގުތު ޗޮކްލެޓް ބްރައުނީއެއް ކާލަން ދިއުމަށް ދަޢުވަތު ދީފިއެވެ. ދިމާވާ ކޮންމެކަމެއްގައި ދެމީހުން ޖަލްސާކުރާ މާލަމެވެ. ކޮންމެ ހާސްކަމެއްގެ ވެސް ފަރުވާއެވެ. “ތޯހިރު ދޭ އެތަނަށް! ކުޑަކޮށް ރެޑީ ވެލައިގެން ކިއާރާ ވެސް ދާނަން” ފޫދޭ ކަރުނައިގެ ކޯރުގެ ތެރޭގައި ހިނިތުންވެލާފައި ބުނެލިއެވެ. އަދި ތޯހިރުގެ އަރިކަށީގައި ބައްދާލާފައި ދުރަށް ކޮށްޕާލިއެވެ.
“ޗޮކްލެޓް ބްރައުނީ ވިތް ވެނީލާ އައިސް ކްރީމް، ލާޖް” ކިއާރާ އައުމުގެ ކުރިން ތޯހިރު އޯޑަރުކުރިއެވެ. އަދި ހަމަ އެވަގުތު އަވައްޓެރި ސްރީލަންކާގެ އަންހެން ވޭޓަރު “ކިއާރާ މެޑަމް އަންނީ ތަ؟” ހިނިތުންވެލާފައި އަހާލިއެވެ. ކިއާރާގެ ހުންނަ މިޒާޖުގެ ސަބަބުން ކެފޭގެ މުއައްޒަފުން ވެސް ވަރަށް ގަޔާވެއެވެ. ބައްދަލުވާ ކޮންމެ މީހަކާ ވެސް ކޮންމެވެސް ސަމާސާއެއް ކޮށްލާނެއެވެ. ގޮވާލާ ޙާލު އަހާލާ ހެދުމަކީ ކިއާރާގެ ހުންނަ ވަރަށް ވެސް ރީތި އާދައެކެވެ. އަދި އެއީ ތޯހިރުއަށް ވެސް ވަރަށް ކަމުދާ ސިފައެކެވެ. ކިއާރާ އާ އެކުގައި ތަނަކަށް ދާނަމަ ނުދަންނަ މީހެއް ރައްޓެހި ނޫން މީހެއް ނުފެންނާނެއެވެ. އަބަދުވެސް ހުންނާނީ މަލެއް ފަދައިން ހިނިތުންވެލާފައެވެ. އޭނާގެ ޙަޔާތުގައި އެއްވެސް ހިތްދަތި ކެކުޅުމެއް ތަޙައްމަލުކުރާ މީހެއްކަމަށް އެއްވެސް މީހަކަށް ޤަބޫލުވެސް ނުކުރެވޭ މިންވަރަށެވެ. ކިއާރާގެ އުފާވެރި ހިނިތުންވުމާ އެންމެންނާ ގުޅޭ މިޒާޖުގެ ސަބަބުން އެންމެންނަށް ވެސް ޤަބޫލުކުރެވޭނީ އޭނާ އަކީ އުފާވެރި ޙަޔާތެއް ލިބިފައިވާ ނަސީބުވެރިއެއް ކަމަށެވެ. ޚުދު ތޯހިރު ވެސް ޤަބޫލުކުރަނީ ހަމަ އެފަދައިންނެވެ.
ލަދުރަކި މަޑުމޮޅި ގޮތަކަށް ހުރެ ކިއާރާ ވެސް ވަދެ އެންމެ ގާތުގައި ހުރި ގޮނޑީގައި އިށީނދެލައިފިއެވެ. މުޅި ކެފޭގެ އަލި ގަދަވެ ވިދާ ބަބުޅަން ފެށި ފަދައެވެ. އަދި މީރުވަހުން މުޅި ކޮފީ ޝޮޕް ހެއްވާލައިފިއެވެ. އަދި ހަމަ އެވަގުތު އޯޑަރުކުރި ޗޮކްލެޓް ބްރައުނީ ގެނެސް އެމީހުންގެ ވީވީއައިޕީ ޚިދުމަތް ދީފިއެވެ. “ރިއަލީ، ޔޫ އާރ ސޯ ސްވީޓް” ތޯހިރަށް ބަލަން އިނދެފައި ކިއާރާއަށް ބުނެލެވުނެވެ. “ޔޫ އާރ ދަ ބެސްޓް މޭން” ކިއާރާ ތަކުރާރުކޮށްލިއެވެ. ތޯހިރަށް ލަދުރަކި އިހުސާސެއް ކުރެވުނު ކަހަލައެވެ. ކިއާރާ އަކީ ތޯހިރުގެ އެންމެ މަޤުބޫލް މީހާއެވެ. އެހެން ނަމަވެސް އެއްޗެއް ބުނެލާނެ ހިތްވަރެއް އެވަގުތު ނެތަތީ ބްރައުނީ ކާން ސަމްސަލެއް ދިއްކޮށްލިއެވެ. އެވަގުތު ކިއާރާ ހިނިފަޅައިގެން ދިޔައެވެ. “އަހަރެން އަދިވެސް ފަލަވޭތޯ ދޯ!” ކިއާރާގެ ސަމާސާތައް ފެށުނީއެވެ. ޖޯކަކަށް ފަހު ޖޯކެއް ކިޔަމުން، ސަމާސާއަކަށް ފަހު ސަމާސާއެއް ކުރަމުން ބްރައުނީ ތަށި ހުސްކޮށްލައިފިއެވެ. “އެހެންކަމެއް ކުރަން ނުކެރުނަކަސް ކާންކެރޭނެ އިނގޭ!” ވަދާޢީ ސަމާސާއަކަށް ކިއާރާ ބުނެލިއެވެ.
“ކިއާރާ ރުއީ ކީއްވެ؟” ތޯހިރު އަހާލިއެވެ. (ނުނިމޭ)
One Reply to “ލޯބީގެ ޙަޤީޤީ ވާހަކަ: “އެމައު” – ތިންވަނަ ބައި”
ކިއާރާ
ވަރަށްވެސް ފުރިހަމަ
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި