ތޯހިރުގެ ފަހަތުން ކިއާރާ ވެސް ނިކުމެއްޖެއެވެ. ފެންނަ ފެނުމަށް ދެމީހުން ވެސް ތިބީ ކޮންމެވެސް ވަރަކަށް ހިތުގެ އުދާސްތައް ފިލާ ހަމަޖެހިފައެވެ. ތޯހިރު ސައިކަލަށް އަރާފައި ކިއާރާއާ ދިމާލަށް ބައިލި ވަގުތު ޖަވާބެއްގެ ގޮތުން ސައިކަލު ފަހަތަށް އެރިއެވެ. އަދި ބޭއިޚްތިޔާރުގައި ތޯހިރުގެ ކޮނޑުގައި ކިއާރާއަށް ވަރަށް ބާރަށް ހިފަހައްޓާލެވުނެވެ. އެހިނދު ތޯހިރުއަށް ލިބުނު އަޖައިބުކުރުވަނިވި އިހުސާސްތަކާ އެކު ސައިކަލު ދުއްވާލިއެވެ. އަމީރު އަހުމަދު މަގުން ދުއްވާލާފައި ގޮސް ހެންވޭރުކޮޅުން ބޮޑުތަކުރުފާނު މަގަަށް ނިކުމެ އިސްޕީޑް ބާރުކޮށްލިއެވެ. އަދި މަޖީދީމަގުން ދުއްވާލާފައި އައިސް މާފަންނު ގަޑިބުރު ކައިރިއަށް އައުމަށް ފަހު، ޚިޔާލު ބަދަލުވެ ކިއާރާ ގޮވައިގެން ތޯހިރުގެ ގޭދޮށަށް މަޑުކޮށްލިއެވެ. އަދި އެއްވެސް އިތުރު ބަހެއް ވެސް ދެމީހުންކުރެ އެކަކުވެސް ބަހެއް ވެސް ބުނުމެއް ނެތި ފަތިސް ހަނދުވަރުގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ ތޯހިރުގެ އެޕާޓްމަންޓަށް ވަދެއްޖެއެވެ.
“ވަރަށް އަވަހަށް އެބަ އަންނަން ހެދުން ބަދަލުކޮށްލައިގެން އިނގޭ” ތޯހިރު ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.
ކިއާރާ ވެސް އަތްދަބަސް ބާއްވާލުމަށް ފަހު ސިޓިންރޫމްގައި ހުރި ސޯފާގައި އިށީނދެލިއެވެ. އަދި އެންމެ ރަނގަޅު ކަމަށް ބުނެ ޖަވާނުދިން އިރު ކިއާރާގެ މޫނުމަތިން ފެންނަމުން ދިޔައީ އަސަރުން ފުރިގެންވާ ޖަޒުބާތެކެވެ. އަދި މީހެއްގެ އޯގާތެރިކަމާ އަޅާލުމަަށް ނުހަނު ބޭނުންވެފައި އިން ބަލިމީހެއް ފަދައިން ތޯހިރަށް ބަލަން އިނެވެ.
ކޮޓަރިތެރެއަށް ވަނުމާއެކު ތޯހިރުގެ ހިތުގައި ޝުއޫރުތައް އުތުރެން ފެށިއެވެ. ކިއާރާއަށް ދިމާވި ހިތާމަވެރި ޙާލަތާ މެދު ހަމްދަރުދީވެ ލޮލުން ފެންކަޅިވިއެވެ. އަޖައިބެއް ފަދަ އިންސާނާ ބަދަލުވާ ގޮތާ ސަބަބު ނެތި ވެސް ވަކިވެދާގޮތް ހިތަށް ގެނެސްދިނީ ޢަލީ ރަމީޒުގެ ރީތި ލަވައަކުންނެވެ. އަދި ކިއާރާއަށް އެހީތެރިވެވޭނީ ކިހިނެތްތޯ އާއި ކިހާ މިންވަރަކަށްތޯ ހިތާ ހިތާ ސުވާލުކުރެވެމުން ދިޔައެވެ. އެހާ އުފަލާ މަޖަލުގައި ނުހަނު ފޮނި އުންމީދުތަކާއެކު ޒަވާޖީ ޙަޔާތުގެ ދަތުރަށް ފުރި އެރީތި ޒުވާނާގެ މުޅި ޙަޔާތް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަޅުފޮއި އަނދިރި މޫސުމަކަށް ބަދަލުވީއެވެ. އެމީހަކާ އެކު މުޅި ޙަޔާތް ވޭތުކުރުމަށް އުންމީދުކުރި މީހާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޚަަރާބުވީއެވެ. އެމީހެއް ދެކެ ކިއާރާ އެންމެ ލޯބިވީ މީހާ އޭނާގެ މައްޗަށް އަނިޔާވެރިކަން އިސްކުރީއެވެ. އޭނާގެ ރުއިމާ އާދޭސްތަކަށް ބީރުކަންފަތެއް ދިނީއެވެ.
ކިއާރާގެ ޙާލަތާ މެދު ނުހަނު ފުންކޮށް ވިސްނަމުން އަދި ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަމުން ވަރަށް ރަނގަޅަށް ތައްޔާރުވެލައިގެން ތޯހިރު ނިކުތީ ސިޓިންރޫމްގައި އިން ފިނިފެންމަލެއް ފަދަ ރީތި ކިއާރާއާ ވާހަކަދައްކާލުމަށެވެ. އަދި ބޭނުން ވަނީ ކޮންކަމެއްތޯ އަހާލާ އޮޅުންފިލުވާލުމަށެވެ. އަދި ވެދެވެން އޮތް ކޮންމެ އެހީއެއް ވެދޭނެކަމުގެ ޔަޤީންކަން ދިނުމަށެވެ. ތޯހިރަށް ލިބުނީ ބޮޑު ސިހުމެކެވެ. ވެފައި ހުރި ވަރުބަލިކަމުގައި ކިއާރާއަށް އޮތީ ސޯފާގައި ނިދިފައެވެ. އަތުން ކޮށްޓާލާ ގޮވާލަން ކިތަންމެ ބޭނުން ވިޔަސް ކިއާރާގެ އަރާމު ނިދިކޮޅުގެ ހުރަހަކަށް ވާކަށް ތޯހިރުގެ ހިތަކަށް ކުޅަދާނެއެއް ނުވިއެވެ. އަދި ކިއާރާގެ މޫނަށް ބަލަހައްޓައިގެން ތޯހިރަށް އިނދެވުނެވެ. (ނުނިމޭ)