އުސްތާޛް ޒަކީ

އިޒްރޭލް ސިފައިން އަލްޝިފާ ހޮސްޕިޓަލް ނައްތާލީ އެތައް ހާސް ފުރާނައަކާ ވެސް އެކު – ރެޑްކްރޮސް

ފަލަސްޠީނުގެ ހަމާސް ޖަމާޢަތުގެ ހަތިޔާރުއެޅި ހަނގުރާމަވެރިންނާ ދެކޮށް ކުރާ ހަނގުރާމައެއްގެ ނަމުގައި ބަދަލުކުރަން ފެށި އަޝްކަރީ ޙަމަލާތަކަކީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޤަތުލުއާންމުތަކެއް ކަމަށާއި، ޣައްޒާގައި ހުރި އިންސާނީ ޚިދުމަތްދޭ އެންމެ ބޮޑު މަރުކަޒު ކަމުގައިވާ އަލްޝިފާ ހޮސްޕިޓަލް ސުންނާފަތި ކޮށްލާފައި ވަނީ އެތެރޭގައި ތިބިހާ ބަޔަކާ ވެސް އެކުގައި ކަމަށް ފަލަސްޠީން ރެޑްކްރޮސްއިން ބުނެފިއެވެ.  

މީގެ ދެތިން ދުވަސް ކުރިން އިޒްރޭލްގެ ލާއިންސާނީ ސިފައިން އަލްޝިޕާ ހޮސްޕިޓަލް ސަރަޙައްދު ދޫކޮށް ދިޔައީ މުޅި ހޮސްޕިޓަލް އެއްކޮށް ފުނޑު ފުނޑު ކޮށްލާފައެވެ. ފަލަސްޠީންގެ ރެޑްކްރޮސް ޖަމިއްޔާއިން މަޢުލޫމާތު ދޭގޮތުގައި، އިޒްރޭލް ސިފައިން އެތަން ދޫކޮށް ދިޔައިރު ފުރާނަނެތް ހަށިތައް އެތައް މިތާ ފުނިޖަފައި ހުއްޓެވެ. ފަލަސްޠީންގެ ކުށެއް ނެތް މައުޞޫމް އެތައްހާސް ބަޔަކު ދެއަތް ފުރަގަހަށް ބަނދެފައި ބަރި ބަރިއަށް އަތުރާފައި އެމީހުންގެ މަތީގައި ޓޭންކްތައް ދުއްވާ ޝަހީދުކޮށްލާފައި ހުރި އެތައް ސަތޭކަ ވަޅުގަނޑެއް އިންސާނުންގެ ފުރާނަ ނެތް ހަށިތަކާއެކު ވަނީ ފެނިފައެވެ. އަދި އެހަށިތައް ވަނީ ކާކުކަން ވަކިކުރާން ވެސް ނޭނގޭ މިންވަރަށް ޗިސް ޗިސް ކޮށްފައި ކަމަށް ފަލަސްޠީން ރެޑްކްރޮސް އާއި ޙަވާލާދީ އަލްޖަޒީރާ ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ. އަދި މިއީ ހަނގުރާމައެއް ނޫންކަމަށާއި، މިއީ ނަސްލެއް ނައްތާލުމަށް ހިންގާ ބޮޑު ޖަރީމާއެއް ކަމުގައި ދަޢުވާކުރުމަށް ޝަރުޠު ފުރިހަމަަވާ ހެކިތަކެއް ކަމުގައި ފުދެއެވެ.

މުޅި ޣައްޒާއަށް ވައިގެ މަގުން ޙަމަލާތައް ދީ ޢުމްރާނީ ތަރައްޤީގެ ހަސް ވެސް ނެތިދާ މިންވަރަށް ފުނޑު ފުނޑުކޮށްލާފައި އޮތްކަމުގައި ވީނަމަވެސް ޣައްޒާގެ ރައްޔިތުންގެ އަޒުމަކަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ. އެއްވެސް ޝައްކެތް ނެތްގޮތުގައި އެމީހުންނަށް ޙައްޤު މިނިވަންކަން ލިބޭނެކަމަށް ހަރުއަޑުން ގޮވަމުން ގެންދެއެވެ. އަދި މިހާ ގިނަ ދުވަސްތަކެއް ވެގެންދިޔަ އިރުގައި ވެސް ހަމާސްގެ މުޖާހިދުން ބަލިކޮށެއް ނުލެވުނެވެ. އަދި އެމީހުންގެ ތެރެއިން ގިނަ ބަޔަކު އަތުލާ ހައްޔަރެއް ވެސް ނުކުރެވުނެވެ. މިހުރިހާ ކަމެއްގެ ވެސް ރުޅިގަނޑު ބާލަނީ ޣައްޒާގެ ކުށެއް ނެތް ޢާންމު ރައްޔިތުންނަށެވެ. ޙަޤީޤަތުގައި ވެސް އިޒްރޭލް ސިފައިން މުޅި ދުނިޔެ ކުރިމަތީ ފަޟީޙަތްވެ ބޭޒާރު ވެއްޖެއެވެ. އިޒްރޭލް ސިފައިންނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އަޝްކަރީ ބާރުކަމަށް ދަޢުވާކުރެވޭ ވަރުގެ ބައެއް ނޫންކަމަށް ހަނގުރާމަތައް ދިރާސާކުރާ ފަރާތްތަކުން ތަކުރާރުކޮށް ބުނަން ފަށައިފިއެވެ. އަދި ޣައްޒާ ހަނގުރާމައިން ދުވަހަކު ވެސް އިޒްރޭލް ސިފައިންނަށް ކާމިޔާބު ނުލިބޭނެ ކަމަށެވެ.

އަދި ހަމާސްގެ ހަނގުރާމަވެރިން ބަލިކަށިވެއްޖެ ކަމަށް ބަލާފައި ހަމަޖެހިލާ ކޮންމެ ފަހަރަކު އިޒްރޭލް ސިފައިންނަށް ސިހުން ލިބޭވަރުގެ ޙަމަލާތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން އަލްޝިފާ ހޮސްޕިޓަލް ބަންދުކޮށްގެން ތިބި ދުވަސްވަރުގައި ވެސް ބޮޑެތި ގެއްލުންތަކެއް އިޒްރޭލް ސިފައިންނަށް ވަނީ ލިބިފައެވެ. އަދި ކުއްލިއަކަށް ދޭ އެފަދަ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ސިފައިންނާ ހަތިޔާރު އެޅި އުޅަނދުތައް ވަނީ ނައްތާލާފައެވެ. ހަނގުރާމައިގާ އިޒްރޭލަށް ލިބުނު ކުރިއެރުމެއް އަދިވެސް ފެންނާކަށް ނެތެވެ. ލައްކައަކަށް ވުރެ ގިނަ ޢާންމު ރައްޔިތުން ޝަހީދުކޮށްލުމަކީ ހަނގުރާމައިގެ ކާމިޔާބެއް ނޫނެވެ. އެއީ އެމީހުންގެ ނުކުޅެދުންތެރިކަމާ ލާއިންސާނިއްޔަތުކަން ދައްކުވައިދޭ ކަމަކަށް ނޫނީ ނުވާނެއެވެ. އަދި ހަމާސްގެ އިތުރުން ޙިޒްބުﷲ އާއި، ހޫތީންނާއި، އީރާނުން ވެސް ޙަމަލާއެއް ދީފާނެތީ އިޒްރޭލް ސިފައިން ތިބެނީ ބިރުން ނަފުސާނީވެފައެވެ. ޔާ ﷲ، ޣައްޒާގެ މިނިވަންކަމަށްޓަކައި ހަނގުރާމަކުރާ މުޖާހިދުންނަށް ނަސްރާއި ތައުފީޤުދެއްވައި ޞުލްޙަ ޤާއިމްކޮށްދެއްވާށިއެވެ. އާމީން!