މިލައުތުރު

ބަދަލުހިފުމުގެ ގޮތުން އީރާނަށް ރައްދުގައި ޙަމަލާދޭން ނުކެރުމުން އިޒްރޭލުން އެކަން ނުކުރާން ނިންމައިފި.

އީރާން އެމްބަސީއަށް ޙަމަލާދީ އޮފިސަރުންތަކެއް ޝަހީދުކޮށްލާފައި ވާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ވަރުގަދަ މިސައިލް ޙަމަލާތަކެއް އީރާނުން އިޒްރޭލަށް ވަނީ ފޮނުވާލާފައެވެ.

އީރާނުގެ މިސައިލްތައް ވާރޭ ވެހޭހެން އިޒްރޭލްގެ ތެރެއަށް އޮހެން ފެށުމުން އެމީހުންގެ ވަރުގަދަ ދިފާޢީ ނިޒާމްކަމަށްވާ އަޔަން ޑޯމަށް ވެސް މައިތިރިއެއް ނުކުރެވުނެވެ. ބެލެސްޓިކް މިސައިލްތައް އެކި ސަހަރުތައް ފޫއަޅުވާލާފައި ވެއެވެ. އޭގެ ތެރޭގައި އެމީހުންގެ އަޝްކަރީ ވައިގެބަނދަރާއި، ބޭސްތަކާއި، ދިފާޢީ މަރުކަޒުތައް ހިމެނެއެވެ. އެއްފަހަރާ އެތައް ސަތޭކަ މިސައިލެއް ދޫކޮށްލުމުން ހުރިހާ މިސައިލްތަކެއް އިންޓަސެޕްޓް ކުރުމުގެ ޤާބިލްކަމެއް ޔަހޫދީ އަޝްކަރިއްޔާއަށް ލިބިގެން ނުވާކަން މިއަދު ހާމަވެއްޖެއެވެ. އަދި އެމީހުންގެ އެންމެ ގާތް ދޯސްތުން ކަމުގައިވާ އެމެރިކާ ވިލާތާއި، އިނގިރޭސި ވިލާތައް ވެސް އީރާންގެ ޙަމަލާތައް ހުއްޓުވައެއް ނުދެވުނެވެ.

ޙަމަލާތަކަށް ފަހު އިޒްރޭލްގެ ރައީސް ބުނެފައި ވަނީ އީރާންގެ ފަރާތުން ރަނގަޅު ވަގުތުގައި ބަދަލުހިފާނެކަމަށާއި، އިޒްރޭލް ފަހަތައް ނުޖެހޭނެކަމަށެވެ. އަދި ބޮޑުވަޒީރު ނަތަންޔާހޫ ވެސް ބުނެފައި ވަނީ އިޒްރޭލަށް ވައްޓާލާ ބޮމަކަށް ދެބޮން ވައްޓާލާނެކަމަށާއި، ވޭންދެނިވި ބަދަލެއް ހިފާނެކަމަށެވެ. އެހެން ނަމަވެސް އިޒްރޭލްގެ ރާގު މުޅިން ބަދަލުވެ، ބަދަލުހިފުމުގެ ގޮތުން އީރާނަށް އެއްވެސް ޙަމަލާއެއް ނުދޭނެކަމަށެވެ.

މެދުއިރުމަތީގެ މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އިޒްރޭލުން އިތުރަށް ޙަމަލާތައް ނުދޭން ނިންމިކަމީ މަޝްރަޙް އިތުރަށް ގޯސްވިޔަ ނުދިނުމަށް މަގުފަހުވާނެ ކަމެކެވެ. އެހެނީ އީރާން އޮތީ ދުރާލާ ތައްޔާރުވެފައި ކަމަށާއި، ބަދަލުހިފުމުގެ ގޮތުން އީރާނަށް ޙަމަލާދީފި ނަމަ، ރަޝިޔާއިން ހަނގުރާމައިގެ ތެރެއަށް ވަންނާނެކަމުގެ އިންޒާރު ވަނީ ރައީސް ޕޫޓިން ދެއްވާފައެވެ. އެހެންކަމުން ހަނގުރާމަ ފުޅާވެދާނެތީ ޤައުމުތަކުން ވަނީ ކަންބޮޑުވެފައެވެ. އެހެން ނަމަވެސް އީރާނުން ވެސް ބުނެފައި ވަނީ އިތުރު ޙަމަލާތަކެއް ދިނުމުގެ ވިސްނުމެއް އަދި ނެތްކަމަށެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ބުނާގޮތުގައި އިޒްރޭލަށް ވެސް އަދި ސަރަޙައްދަށް ވެސް އެންމެ މަސްލަޙަތު ހުރިގޮތަކީ އަޅާނުލާ ދޫކޮށްލުމެވެ. އޭގެ ބަދަލުގައި އިޒްރޭލުން ވެސް އިތުރަށް ރިޓާލިއޭޓްކޮށްފި ނަމަ ބޮޑު ހަނގުރާމައެއް ފެށިދާނެކަމަށެވެ.