20 ވަނަ ރައްޔިތުންގެ މަޖިލިސްއަށް މެންބަރުން އިންތިޚާބު ކުރުމަށް 21 އޭޕްރީލް 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޢަލީ އަބްދުއްރަޙްމާން (އައްޔަ) އަށް ތާޢީދު ހޯއްދެވުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގެންފިއެވެ.
ރައީސް އިބޫ ނޮޅިވަރަމަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާ ބައްދަލުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ސަރުކާރުގެ ހިންގުން ވަނީ ބޮއްސުންލާފައި ކަމަށާއި، ރަށަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ސަރުކާރު ހަމަމަގަށް އަޅުވާން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ އެމްޑީޕީގެ ކެންޑިޑޭޓް ޢަލީ ޢަބްދުއްރަޙްމާނަށް ވޯޓުދީގެން ކަމަށާއި، އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބިގެން ކަމަށެވެ.
ނޮޅިވަރަމް ދާއިރާގެ ޚިޔާލު ހޯދުންތަކުން ދައްކާގޮތުން އެދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރައްވާނީ އެމްޑީޕީ ކެންޑިޑޭޓް ޢަލީ އަބަދުއްރަޙްމާންއެވެ. އެގޮތުން ނޮޅިވަރަމާއި ނޮޅިވަރަންފަރުން ވެސް އަޣުލަބިއްޔަތު ހޯއްދަވާނެ ކަމަށް ބެލެވެނީ އައްޔައެވެ. އެދާއިރާއަށް މިހާރުގެ މެންބަރު މޮސްޓާ ވެސް ހިމެނޭ ގޮތުން ޖުމްލަ 5 ބޭފުޅަކު ވާދަކުރައްވައެވެ.