20 ވަނަ ރައްޔިތުންގެ މަޖިލިސްއަަށް ޢިއްޒަތްތެރި މެންބަރުން އިންތިޚާބުކުރެއްވުމަށް ބާއްވާ ޢާންމު އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ. އެހެންކަމުން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް އިންތިޚާބުގެ ކެމްޕެއިންގެ އެންމެހާ ކަމެއް ނިންމާލަން ޖެހޭނެއެވެ. އަދި އޭގެ ފަހުން އެއްވެސް ކެމްޕެއިނެއް ކުރުމަކީ ޤާނޫނީ ކުށެކެވެ.
އިންތިޚާބުތަކުގެ ކެމްޕެއިން ހިނގަމުންދާ ދުވަސްވަރަކީ ތަނަވަސް ދުވަސްވަރެކެވެ. ކޮފީ އާއި ސަޔާއި ކެއުންތަކާއި ދުފުމާއި އެހެނިހެން އިސްތިޢުމާލުކުރުންތައް މުޅިން ހިލޭ ލިބޭ ދުވަސްވަރެކެވެ. ކެމްޕެއިން ޖަގަހަތަކުގައި އެތަކެތި ލިބޭނެ އިންތިޒާމްތައް ހަމަޖައްސައެވެ. އަދި ބައެއް ކެފޭ ރެސްޓޯރެންޓްތައް ކުއްޔަށް ނަގާފައި ވެސް ހުރެއެެވެ. އެހެން ނަމަވެސް އަދި އެވަރަކުން ވެސް ނުފުދެއެވެ.
ވޯޓާ މަތިކޮށްފައި ވަޒީފާތައް ހޯދަނީއެވެ. އިޢުލާންކުރުމެއް ނެތި އާއި އިޢުލާންކޮށްފައިވާ ވަޒީފާތަކަށެވެ. ޝަރުތު ހަމަވިޔަސް ނުވިޔަސް ވަރިހަމައެވެ. އެންމެ ޙައްޤުވެރި ފަރާތްތައް އިންޓަވިއުކޮށް ޓެސްޓްތައް ހަދާ ވަޒީފާގެ އިންތިޒާރުގައި ތިއްބާ އެމީހުން ބާކީ ކޮށްލަނީ ހަމަ އަހަރެމެން އަމިއްލައަށެވެ. ޕާޓީގެ ޖަޒުބާތުގައި ޙަރާމެއް ޙަލާލެއް ބެލުމެއް ނެތިއެވެ.
އަނެއް ބަޔަކު އުޅެނީ ސީދާ ފައިސާ އާއި މުދަލުގެ ދަހިވެތިކަމުގައެވެ. ނަގުދު ފައިސާ އާއި ލޯނުތަކާއި، ގޯތިތަކާއި، ފުލެޓްތައް މަޅާލުމުގައެވެ. އެންމެ ނިކަމެތީންނާއި ދަތިޙާލުގައި ދިރިއުޅޭ ފަރާތްތައް ބާކީ ކޮށްލުމަށް ފަހުގައެވެ. ދުނިޔެވީ ވަގުތީ މަންފާއަށްޓަލައި އުޚުރަވީ ޙަޔާތް ޤުރުބާންކޮށްލަނީ ވިސްނާލުމެއް ފިކުރުކޮށްލުމެއް ނެތިއެވެ.
ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މާދަމާގެ ވޯޓަކީ ތިޔަ ބޭފުޅުންގެ އުޚުރަވީ ޙަޔާތައް ގެއްލުމެއް ނުވާނެ ވޯޓެއްކަމުގައި ހައްދަވާށެވެ. އެންމެ ޙައްޤުވެރި ފަރާތަށް ދޭ ވޯޓަކަށް ހައްދަވާށެވެ. ނަަމަ ނަމަ ރިޝްވަތުގައި ނުޖެހޭށެވެ. އެއީ ޙަރާމްކަން ބޮޑުވެގެންވާ ފާފައެކެވެ. އަދި ޙަލާލުގޮތުގައި ހޯދާ އެއްޗެއް މެނޫނީ ތިބާ އާއި ތިބާގެ އަނބިދަރީންނަށް ކާން ނުދޭށެވެ. ރިޝްވަތަކީ ކަނޑައެޅިގެން ހުރި ނަރަކައިގެ އަލިފާނެވެ.