މިލައުތުރު

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްެގެ އެއްބަނޑު އަންހެން ކޮއްކޮ ފެއިލްކޮށްލައްވަން ބޭނުންފުޅު ވެދާނެތޯ؟

ރޭގައި މުޅި ރާއްޖޭގެ އެންމެން ސިއްސުވާލި ޚަބަރަކަށް ވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްއަށް އެމަނިކުފާނުގެ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފް ކުރެއްވި ބޮޑު ތުހުމަތެވެ. ފުވައްމުލައް ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރެއްވި އެމަނިކުފާނުގެ ކޮއްކޯފުޅު ނަޛްރާ ނަސީމް (ނަޒޫ) އަށް އިންތިޚާބު ނާކާމިޔާބުވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަރަށް ބޮޑަށް އެންޓި-ކެމްޕެއިން ކުރެއްވުމުން ކަމަށް ވިދާޅުވެ ކުރެއްވި ތުހުމަތެވެ.

މަޚުލޫފް ވިދާޅުވެފައި ވަނީ ނަޒޫގެ ކެމްޕޭނަށް ރައީސް ޞާލިޙް އާއި، ޕާޓީގެ ރައީސް ޢަބްދު ﷲ ޝާހިދުގެ އިތުރުން ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވަރަށް މަސައްކަތްކޮށްދެއްވި ނަމަވެސް އެހެން ހުރިހާ ކެންޑިޑޭޓުންގެ ދާއިރާތަކަށް ދަތުރު ކުރައްވަމުންގެންދެވި އިރު ވެސް ފައިސަލް ނަސީމަށް ހަމައެކަނި ވަޑައިނުގެންނެވުނީ އެއްބަނޑު އެއްބަފާ ކޮއްކޮ ނަޒޫގެ ކެމްޕޭނަށް ފުވައްމުލަކަށް ކަމަށެވެ. އަދި އެވަރުން އެދައްކަވާ ވާހަކަފުޅު ސާފުވާނެކަމަށް އުންމީދުކުރައްވާ ކަމަށާއި، ފައިސަލްގެ ދިފާއުގަ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުގެ ކެމްޕޭން ޓީމުން ތެދުވީމާ ވެގެން އުޅޭގޮތް އިތުރަށް ސާފުވާނެކަމަށެވެ.

މަޚްލޫފްގެ ތުހުމަތުތަކަށް ރައްދުދިނުމުގެ ގޮތުން އެތައް ބައެއް ގެންދަނީ ސޯޝަލް މީޑިޔާގައި ފައިސަލް ނަސީމަށް ތަޢުރީފުކޮށް، ދިފާޢުކުރަމުންނެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެމަނިކުފާނުގެ ދަޢުރުގައި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައެވެ. އެހެންކަމުން ގިނަ މީހުންނަށް މަޚްލޫފްގެ ތުހުމަތު ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް އެމްޑީޕީ ފުވައްމުލައް ދެކުނު ދާއިރާއިން މިހާރު ވަނީ ރަސްމީ ބަޔާނެއް ނެރެ، ކަން ހިނގާދިޔަ ގޮތް ޢާންމުކުރައްވާފައެވެ.

ފުވައްމުލައް ދެކުނު ދާއިރާގެ ރައީސް ސޮއިކުރައްވާ ނެރުއްވާފައިވާ ބަޔާނުގައި ވާގޮތުން ފައިސަލް ނަސީމް ވަނީ ނަޒޫއާއި ދެކޮޅަށް އެންޓި-ކެމްޕެއިން ކުރައްވާފައެވެ. އެގޮތުން މީހުންނަށް ގުޅާ ނަޒޫއަށް ވޯޓުނުދިނުމަށް އާދޭސްކޮށްފައި ވާކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީ އާއި ދެކޮޅަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން މުޙައްމަދު އަސްލަމަށް ރަނިންމޭޓްކަން ހަމަޖެއްސެވި ހިސާބުން ފެށިގެން އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރެއްވިކަމަށެވެ.

ރިޔާސީ އިންތިޚާބުގައި 500 ވޯޓަށް ވުރެ ބޮޑު ފަރަޤެއް އޮތް ދާއިރާގެ ތަފާތު އެންމެ 48 ވޯޓަށް ކުޑަކޮށްލެވުނީ މެންބަރުން ރެޔާ ދުވާލުކުރެއްވި ބުރަ މަސައްކަތުން ކަމަށާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް އެތަން ފެންނަ ކަމަށް ވެސް ނުވިކަމީ ހިތާމަކުރައްވާ ކަމެއް ކަމަށާއި، އަދި އެއީ ޕާޓީއަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބުނު ކަމެއް ކަމަށާއި އެކަން ކުއްވެރިކުރައްވާ ކަމަށެވެ.